ބުދަ ދުވަހާ ގުޅޭ
އެ ކަން ހަނދާންނެތުނީތީ އަމިއްލަ ނަފުސާ ސުވާލުކުރަމުން ހަމްރާއު އުދުހިގަތެވެ.
"ބުނާ ގޮތް ނަހަދާތި!" ހަމްރާއު ބުނި އަޑު އިވުނެވެ.
ވާރޭއަންނަން އުޅޭކަމުގެ އިންޒާރު ހުރިހައި ފަރާތަކުން ލިބެމުންދިޔަ ރެޔެކެވެ. ގަޑިން ދިހަޔެއްޖެހުމަށް ވަގުތު ކުޑަތަންވަމުން އައިއިރު މަގުމަތިން މީހުން މަދުވެއްޖެއެވެ. ބައެއް ފިހާރަ ލައްޕައިފިއެވެ. ހެޔޮވަރުގެ ދުވެއްޔެއްގައި ދުއްވައިފައި އައިސް ސުހެއިލުގެ ސައިކަލު މަޑުކޮށްލީ ފޯނު މަރާމާތުކުރާ ފިހާރަޔަކަށެވެ. އެއީ ސުހެއިލުގެ ރައްޓެއްސެއް ވަޒީފާއަދާކުރާ ތަނެކެވެ. ފިހާރަޔަށް ވަދެގެން ގޮސް އެތެރެބަޔަށް ވަންއިރު މުހުސިން ވަރަށް ގަޔާވެގެން މަސައްކަތުގައި އިނެވެ.
"ކޮބާ ނުނިމޭ؟" ސުހެއިލު ބުންޏެވެ. "ބުނާނެ ތިމަންނައަކީ ދެން މާ މޮޅު މީހެކޭ. ހަވީރުއްސުރެ އުޅެގެން ވެސް ވީކަމެއް ނެތެއްނު!"
"މިތާ ހަމަޖެހިބަލަ!" ފައިން ގޮނޑިއެއް ކޮއްޕައިލަމުން މުހުސިން ބުންޏެވެ. "ފޯނު ހުންނަނީ ކޮފީޔާ ޖަހައިގެން ކާކަށް ނޫނޭ. އަލިފާން ކަހަލަ ހޫނު ކޮފީތަށްޓަކަށް ފޯނު ވައްޓާލީމަ ވާގޮތް އެނގޭތަ؟"
މުހުސިން ފޯނުގެ މަތިގަނޑު ބާރުކޮށްލުމަށްފަހު ސުހެއިލަށް ފޯނު ދިއްކޮށްލިއެވެ.
"އޮންކޮށްބަލަ!" މުހުސިން އެދުނެވެ.
ސުހެއިލު ސުވިޗަށް ފިތައިލިއެވެ. ފޯނު ބަރާބަރަށް މަސައްކަތްކުރިއެވެ. މުހުސިން ވެސް ފޯނުގެ ސުވިޗުތަކަށް ފިތިއެވެ. އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު ފޯނުން ފެނުނު އެއްޗަކުން މުހުސިނަށް ސިހުމެއް ލިބުނެވެ.
"މީނަ މިހާރު ތި ގޭގަތަ އުޅެނީ؟" ފޯނުގައިވާ ފޮޓޯއަކަށް ބަލަހައްޓައިގެން އިނދެ މުހުސިން ސުވާލުކުރިއެވެ.
ސުހެއިލު ފޯނު ބަލައިލިއެވެ. އެއީ ދަތުރުދިޔަ ދުވަހު ނަގައިފައިވާ ފޮޓޯއެކެވެ.
"ޖެނީ؟" ސުހެއިލު އެހިއެވެ. "މުހުސިން އޭނަ ދަންނަން؟"
"އާނ!" މުހުސިން ޖަވާބުދިނެވެ. "އަހަރުމެން ގޭދޮށުގަ އުޅުނު ކުއްޖެކޭ އެއީ. ބައްޕަ ނެތް ކުއްޖެއްނު!"
ސުހެއިލަށް ލިބުނު ސިހުން ވަކި ކުޑައެއް ނޫނެވެ.
"ވަޓް؟" ސުހެއިލަށް ބުނެވުނެވެ.
"އާނ!" ޔަގީންކަމާ އެކުގައި މުހުސިން ބުންޏެވެ. "ބައްޕަ އާދޭތަ އޭނަޔާ މީޓުކުރަން؟"
ސުހެއިލު ވިސްނައިލިއެވެ. ޖެނީގެ ބައްޕައެއް ދުވަހަކު ވެސް ގެއަކަށް ނާދެއެވެ.
"އޭނަގެ މަންމައަށް ކިޔަނީ.." މުހުސިން ވިސްނައިލިއެވެ. "ކީކޭތަ ކިޔަނީ.. ކުއްލިއަކަށް ހަނދާންނެތިއްޖޭ!"
"ޒޫނާ؟" ސުހެއިލު އެހިއެވެ.
"ޔޭސް!" މުހުސިން ބުންޏެވެ. "ކިހިނެއް ސުހެއިލަށް އެނގުނީ؟ ޖެނީ ކީއްވެ ތި ގޭގަ އުޅެނީ؟"
އެ ސުވާލުގެ ޖަވާބު ސުހެއިލެއް ނުދެއެވެ.
"އެ ޒޫނާ ގައިގަ ހައްދު ވެސް ޖެހި،" މުހުސިން ހަނދާންކޮށްލައިފައި ބުންޏެވެ. "ފަހުން މީހަކާ އިންހެން ހީވަނީ. ދޭތެރެއަކުން މޮޔަވެގެން ގުރައިދޫއަށް ވެސް ގެންދިޔަ ކަންނޭނގެ. ކޮންމެވެސް ޖިންނިއަކާ އޭނަޔާ ކަނެކްޝަނެއް އޮވެޔޯ!"
އެ ވަގުތު މުހުސިނަށް ފޯނެއްއައެވެ. ދަނޑިވަޅުބަލައިފައި ސުހެއިލު އެ ތަނުން ނުކުތީއެވެ. ގެއަށް ދިޔަ މަގުމަތީގައި ސުހެއިލުގެ ސިކުނޑީގައި އެއް ސުވާލުތަކެއް ތަކުރާރުވަމުންދިޔައެވެ. ޒޫނާ ކަހަލަ އަންހެނަކާ ބައްޕަ ކައިވެނިކުރީ ކީއްވެގެން ހެއްޔެވެ؟ ޖެނީއާއި ޒޫނާގެ ޙަޤީޤަތް ބައްޕައަށް ނޭނގިއެއް ނުހުންނާނެއެވެ. ދުނިޔެއިން އަންހެންނުން ހުސްވީ ހެއްޔެވެ؟ ޒޫނާއަކީ ސުހެއިލުގެ ދޮންމަންމަކަން ރައްޓެހިންނަށް އެނގޭ ދުވަހު ސުހެއިލު ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ގެއިން ނުކުމެގެން އެހެން ތާކަށް ދާންވީއެވެ. ސުހެއިލު ގެއަކަށް ނުދެއެވެ. މޫދު ކައިރީގައި ސައިކަލު މަޑުކޮށްލައިގެން ވިސްނަން އިނީއެވެ. އެހެން އިންދައި ވާރޭވެހެން ފެށިއެވެ. ސުހެއިލު ސައިކަލުގައި ގޮސް އަސްކެންޏެއް ދަށަށް މަޑުކޮށްލިއެވެ. ވާރޭ ހައްތާ ބޯކުރިއެވެ. ކޮންމެވެސް ވަރަކަށް ސުހެއިލު ގަޔަށް ވެސް ވިއްސިއެވެ. އެހެންނަމަވެސް ސުހެއިލު ސައިކަލުމަތީގައި އިނީއެވެ. ގެއަށް ދާހިތް ނުވެފައެވެ.
ދަންވަރު ބާރަޖެހިއިރު މަޒްލާން މިނިވަންވިއެވެ. ހަމްރާއުއާ އެކުގައި އެތައްމިތަނަށް މަޒްލާން ދަތުރުކުރިއެވެ. ކުރަން ބޭނުންވި ކަންތައް ތަންކޮޅެއް ފަސްކޮށްލީއެވެ. ވަގުތުނުޖެހޭތީއެވެ. ޖިނާ އިންތިޒާރުކުރީ ސުހެއިލަށެވެ. މަޒްލާން ވެސް އިންތިޒާރުކުރީ ހަމަ ސުހެއިލަށެވެ. ފޫހިވެގެން ގެއާ ދިމާއަށް ސުހެއިލު މިސްރާބުޖެހިއިރު ދަންވަރު އެކެއްޖަހަނީއެވެ. ތުނިތުނިކޮށް ވާރޭވެހެމުންދިޔައެވެ. އޭރު ވެސް ސުހެއިލުގެ ސިކުނޑީގައި ނުތަނަވަސްކަމުގެ ރަނގަބީލު ޖެހިޖެހި ހުއްޓެވެ. އެ ދަނޑިވަޅުގައި ބައްޕަ ނުވަތަ ޒޫނާ ނުވަތަ ޖެނީއާ ވެސް ދިމާވާކަށް ސުހެއިލު ބޭނުމެއް ނޫނެވެ. އެއިން އެކަކަށް ވެސް ފުސްމޫނު ނޫން އެއްޗެއް ސުހެއިލަކަށް ނުދެއްކޭނެއެވެ. ސައިކަލު ޕާކުކުރުމަށް ފަހު މަޑުމަޑުން ދޮރާށި ހުޅުވައިލިއެވެ. ގޯތިތެރެ އޮތީ އަނދިރިކޮށެވެ. ދޮރުން އެތެރެއަށް ފުރަތަމަ ފިޔަވަޅު އެޅި ވަގުތު ކުއްލިއަކަށް ގަސްތައް ހެލިގަތެވެ. ސުހެއިލަށް ހުއްޓެވުނެވެ. ގަސްތަކުގެ ތެރެއިން ނުކުތީ އިސްކޮޅުން ކުރު، ކަޅު ފިރިހެންކުއްޖެކެވެ. ނުވަތަ މަޒްލާނެވެ. އޭނަ ހުރީ ރަތްކުލައިގެ ސޯޓެއްލައިގެން ހުސްގަޔާއެވެ. ކުއްލި ގޮތަކަށް ސުހެއިލަށް ބަލައިލުމަށްފަހު މަޒްލާން ކުރިޔަށް ހިނގައިގަތެވެ. ގޭތެރެއިން ޖިނާ ނުކުތެވެ. ސުހެއިލުގެ ސަމާލުކަން އިތުރުވީ ބައްޕަ ތަންކޮޅެއް ދިގުހެން ހީވާތީއެވެ. ތަންކޮޅެއް ހިކިހެން ހީވާތީއެވެ. ހިނގި ނަމަވެސް ޖިނާގެ ދުވެލި ވަރަށް ބާރެވެ. ހީވަނީ ފުރޮޅުލީއެއްޗެއްމަތީގައި ހުރެގެން ޖިނާ ހިނގާ ހަރަކާތްކުރާހެންނެވެ.
"ނުކުރާށޭ ބުނެފިއްޔާ އެ ކަމެއް ހަމަ ކޮންމެހެން ވެސް މަޒްލާން ކުރަންޖެހޭތަ؟" ޖިނާ އެހިއެވެ.
ބައްޕަ ދެއްކި ވާހަކަތައް ސުހެއިލަށް ސާފުކޮށް އިވުނެވެ. ޖިނާ ބޭނުން ނަމަ އެހެން ގޮތަކަށް ވެސް މަޒްލާނާ ވާހަކަދެއްކުނީހެވެ. އެހެންނަމަވެސް ޖިނާ ގަސްތުގައި އެހެން ނުހެދީއެވެ. ސުހެއިލަށް ބޮޑު މަންޒަރު ދައްކާލަން ބޭނުންވީއެވެ.
"ބޭނުން ނޫން ދަރިޔަކު ބަނދެގެން ވިޔަސް ހަމަ ގެންގުޅެން ޖެހޭތަ؟" މަޒްލާން ވެސް ސުވާލެއް ކުރިއެވެ. "އަހަރެން މިނިވަންކޮށްދީބަލަ! ކޮށްފަ ބައްޕަޔާ ބައްޕަގެ ލޯބިވާ ދަރިފުޅާ އެއްކޮށް ބައްޕަ އުޅެބަލަ! ބަންދުކޮށްގެން އަހަރެން އަބަދަކު ނުގެންގުޅެވޭނެ އިނގޭ! އަހަރެން ބޭނުމެއް ނޫން ބައްޕަޔާ ތަޅާފޮޅާކަށް. އެކަމަކު ތަޅައިގެންފިއްޔާ ބަލިކުރާކަށް މިހާރު ފަސޭހައެއް ނުވާނެ."
ސުހެއިލު އެއް ފިޔަވަޅު ފަހަތަށްޖެހިލިއެވެ. އެއް ކަމެއް ސުހެއިލަށް ކަށަވަރުވިއެވެ. ބައްޕައަކީ މޮޔައެއް ނޫނެވެ. އިންސާނެއް ވެސް ނޫނެވެ. ކުޑަކުއްޖާ ދެއްކި ވާހަކަތައް ވެސް ސުހެއިލަށް އިވުނެވެ. އޮޅުންފިލިއެވެ. ޖިނާ ހޭންފެށިއެވެ. ތަންކޮޅެއް ފުސް، ބަރު އަޑަކުންނެވެ.
"އަހަންނާ ޒުވާބުކުރަން ތި އައީ؟" ޖިނާ އެހިއެވެ. "އަހަންނަށް އިންޒާރުދޭން ތި އައީ؟ ލަދެއްނުގަނޭތަ؟ މީ ކަލޭގެ ބައްޕަޔޭ!"
ސުހެއިލުގެ ފައި ތުރުތުރުއަޅަން ފެށިއެވެ. އަތްފައި ފިނިވާން ފެށިއެވެ. ސިކުނޑީގެ އެންމެ ވަތްގަނޑެއް ފިޔަވައި ދެންހުރި ހުރިހައި ވަތްގަނޑެއް ސިކުނޑި ލައްޕައިލިއެވެ. ހުޅުވިފައިވާ ވަތްގަނޑުގައި އޮތީ އެންމެ ސުވާލެކެވެ. ފިލަން ދުއްވައިގަންނަންވީ ކޮންދިމާއަކަށް ހެއްޔެވެ؟ އޮތީ ދެ ގޮތެވެ. މަގުމައްޗަށް ނުކުތުމެވެ. ނުވަތަ ގެއަށް ވަނުމެވެ.
"ބައްޕައަށް ބައްޕަ ކިޔަން އަހަރެން ލަދުގަނޭ!" މަޒްލާން ބުންޏެވެ. "އަހަރެންގެ ބައްޕަ ވަރަށް ބިރުކުޑަވާނެ. ވަރަށް ވަރުގަދަވާނެ. އެކަމަކު ކަލޭ ތި އޮންނަނީ އިންސާނެއްގެ ތެރެއަށް ވަދެ ފިލާ! އެ ވަރުން ވެސް އަހަރެންތަ ލަދުގަންނަންވީ؟ ހިނގާ ގެއްލުނު ހިތްވަރު އަލުން ހޯދަން. މަ އެހީވެދީފާނަމޭ. އަހަރެން ދެން އުޅޭނީ މި ގޭގަ. އަހަރެންގެ ޢާއިލާޔާ އެއްކޮށް."
ޖިނާއަކަށް އެ ގޮތް ކަމަކުނުދިޔައެވެ.
"އޭރުން ކަމަކުނުދާނެ!" ޖިނާ ބުންޏެވެ.
"މިހާރު އިންސާނުން ދެކެ ބިރު ވެސް ގަންނަން ފެށީ؟" މަލާމާތުގެ ރާގެއްގައި މަޒްލާން އެހިއެވެ. "ބައްޕަ މިހާރު ތިހިރީ ބޭޒާރުވެ ނިމިފަކަމެއް ނޭނގޭތަ؟ މަގޭ ބޭނުން ފުދިއްޖެ! މަންމައަށް ސަލާންބުނައްޗޭ!"
ކުޑަކުއްޖާ ހިނގައިގަތުމާއެކު ގަހަކާ ނިވާވެފައި ގެއްލުނެވެ. ސުހެއިލު މަޑުމަޑުން ފަހަތަށް ޖެހެމުންޖެހެމުން ގޮސް ދޮރާށިން ބޭރަށް ނުކުތެވެ. އެ ދަންވަރު ގެއާ ދުރަށް ދާކަށް ސުހެއިލު ބޭނުމެއް ނޫނެވެ. ގެއަށް ވަންނާކަށް ވެސް ބޭނުމެއް ނުމެ ނޫންމެއެވެ.
"ބޭބެ!" ފަޒޭލުގެ އަޑު އިވުނެވެ.
"ފަޒޭލު؟" ހަތަރުކަޅި ހަމަކޮށްފައި ވައިއަޑުން ސުހޭލަށް ބުނެވުނެވެ. "މި ގަޑީގަ މި ތާ ކީއްތިކުރަނީ؟"
"މަ ވެސް މި އުޅެނީ ހަމަ ތި ސުވާލުކުރަން." ފަޒޭލު ބުންޏެވެ.
"ޝޫ!" ސުހެއިލު އެދުނީ މަޑުން ވާހަކަދެއްކުމަށެވެ. "އޭނައަށް އިވިދާނެ."
"ކޯނައަށް؟" ފަޒޭލު ދެން ވެސް ވާހަކަދެއްކީ ވައިއަޑަކުން ނޫނެވެ. "ކީއްވެގެންތަ ތިހާ މަޑުން ތި ވާހަކަދައްކަނީ؟ މި ރޭ ވެސް ބައްޕައަށް ފާރަލަނީތަ؟"
"އެއީ އަހަރުމެންގެ ބައްޕައެއް ނޫނޭ!" ސިއްރުސިއްރުން ސުހެއިލު ބުންޏެވެ.
ފަޒޭލުގެ މޫނުމަތިން ފާޅުވީ ހައިރާންކަމެވެ. ސުހެއިލު ބުނި އެއްޗެއް ފަޒޭލު ގަބޫލުކުރިހެނެއް ހިއެއްނުވެއެވެ.
"އަހަންނަކަށް ވެސް ގަބޫލެއް ނުކުރެވެޔޭ،" ދޮރާށްޓާ ދުރަށްޖެހިލައިފައި ސުހެއިލު ބުންޏެވެ. "މި އުޅެނީނު ޖެނީ. އޭނައަކީ ބައްޕަ ނެތް ކުއްޖެއް."
ފަޒޭލު ވަރަށް ބާރަށް ސުހެއިލުގެ އަނގަމަތީގައި ޖެހިއެވެ. ތުންފަތަށް ދަތް ހެރުނު ގޮތަކުން ސުހެއިލުގެ ތުންފަތް ފަޅައިގެންގޮސް ލޭއަންނަން ފެށިއެވެ. ލިބުނު ތަދަށް ވުރެ ލިބުނު ހައިރާންކަން ސުހެއިލަށް ބޮޑުވިއެވެ. އަނގަމަތީގައި އަތްޖައްސައިލައިފައި ސުހެއިލަށް ބަލައިލެވުނީ އަތުގައި ހުރި ލެޔަށެވެ.
"މިހިރީ އޭނަގެ ބައްޕަ!" ޖިނާގެ ފުސްއަޑުން ބުނެލިއެވެ.
ސުހެއިލު އަލުން ފަޒޭލަށް ބަލައިލިއިރު ކުރިމަތީގައި ހުރީ ޖިނާއެވެ. ދެ ލޯ ހީވަނީ އަނގުރު އަލިފާންކޮޅެއްހެންނެވެ. ހިނދުކޮޅަކަށް ސުހެއިލު ގަނޑުވި ކަހަލައެވެ. ހަޅޭއްލަވައިގަންނަވީކަމެއް ނުވަތަ ދުއްވައިގަންނަންވީކަމެއް ވެސް ސުހެއިލަކަށް ނޭނގުނެވެ.
"ކަލެއަށް މިހާރު މާ ގިނަ އެއްޗެހި އެނގިއްޖެ!" ޖިނާ ބުންޏެވެ. "ވަދޭ ގޭތެރެއަށް."
ސުހެއިލު ދުއްވައިގަތެވެ. ގެޔާ ވީހާ ވެސް ދުރަށެވެ. މޮޔައެއްހެން ފަހަތް ބަލަމުންނެވެ. ވާރޭ ބޯކޮށްލިއެވެ. އިރުކޮޅަކު ހުއްޓި ހުރުމަށް ފަހު ޖިނާ ހިނގައިގަތެވެ. ސުހެއިލުގެ ދުވުން ބާރުކޮށްލިއެވެ. ޖިނާ ހިނގުން ބާރުކޮށްލިއެވެ. މަގުމަތި ވަރަށް ފަޅެވެ. ވަކި ހިސާބަކުން ސުހެއިލަށް ޖިނާ ގެއްލުނެވެ. ސުހެއިލު އެއްފަހަރު ކުރިޔަށް އަނެއް ފަހަރު ފަހަތަށް ބަލަމުން ދުވިއެވެ. ދެ ލޯ ބޮޑުކޮށްގެން މައިނޭވާލަމުންނެވެ.
"މީހެކޭ! މީހެކޭ! ހެލްޕް! މަ ސަލާމަތްކުރޭ!" އަޑުގެކޮޅަށް ސުހެއިލު ހަޅޭއްލެވިއެވެ.
އަޑުއިވޭނެ މީހަކު ނެތެވެ. ގުގުރައި ވިދަން ފެށިއެވެ. މަގުގައި ފެންހެދެން ފެށިއެވެ. ކޮންމެވެސް މީހަކު ފެންނާނެކަމަށް ސުހެއިލު އުންމީދުކުރިއެވެ. އެކަމަކު، ކާރެއް ނުވަތަ ސައިކަލެއް ވެސް އެ ވަގުތަކު ނާދެއެވެ. އިދުރީސްގެ ގެއިން ނުނިކުމެވިފައި އިން ގާދިރަށް ޓެކްސީއެއް ލިބުނީ އެ ވަގުތުއެވެ. ކާރަށް އަރައިގެން ގެއާ ދިމާއަށް ގާދިރު ދަތުރުކުރިއެވެ. ކުއްލިއަކަށް އެ ކާރު ކުރިމަތިން މީހަކު ހުރަސްކޮށްލިއެވެ. ގާދިރު އިން ޓެކްސީ ބުރަކިޖެއްސިއެވެ.
ނުނިމޭ