އާދިއްތަ ދުވަހާ ގުޅޭ
ގާދިރު އިން ޓެކްސީ ބުރަކިޖެއްސިއެވެ. މަގުގެ އަނެއްކޮޅުން ބާރު އިސްޕީޑެއްގައި އައި ސައިކަލަކަށް މަޑެއްނުކުރެވުނެވެ. ބުރަކިޖެއްސުމާއެކު ސައިކަލު ކައްސައިލިއެވެ. ދިޔަގޮތަށް ގޮސް އެ މީހާ ގައިގަ ޖެހިފައި އޭނަ ވިއްސައިގެން އައިސް ޖެހުނީ ގާދިރު އިން ޓެކްސީގެ ކުރިމަތީ ބިއްލޫރިގަނޑުގައެވެ. މުޅި ބިއްލޫރިގަނޑުގައި ރެނދުއެޅިއެވެ. ރެނދު ގިނަކަމުން ބިއްލޫރިގަނޑު އެއްކޮށް ފުސްވިއެވެ.
"ރޮނގުމަތިން ހުރަސްކުރި ނަމަ ތިހެނެއް ނުވީސް." ޖިނާ މަޑުމަޑުން ބުނެލިއެވެ.
ޓެކްސީން ފައިބަންއުޅެނިކޮށް ގާދިރުގެ ލޮލުގައި ޖިނާ އަޅައިގަތެވެ. މަގުގެ އެއްފަރާތުގައި ބަލަހައްޓައިގެން ހުއްޓައެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ޖިނާ ގެއްލުނީ ވެސް ގާދިރު ބަލަހައްޓައިގެން އިންދައެވެ. ގާދިރު ކާރުން ފޭބިއެވެ. ސުހެއިލު އޮތީ ހަރަކާތް ހުސްވެފައެވެ. ސައިކަލު ދުއްވަންއިން މީހާގެ ދެ ތަނެއް މަށައިގެންދިޔުން ފިޔަވައި އެހެން ގެއްލުމެއް ނުވެއެވެ.
"ހިނގާ ހޮސްޕިޓަލަށް ގެންދަމާ!" ޑުރައިވަރު އެދުނެވެ.
އެކްސިޑެންޓުވީ ކާކުކަން ގާދިރަށް އެނގުނީ ސުހެއިލު ޓެކްސީއަށް ލުމުގެ ތެރޭގައެވެ. ގާދިރު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސުހެއިލު ދުވީ ކާކަށް ފިލަން ހެއްޔެވެ؟ ދަރިފުޅު އެކްސިޑެންޓުވިތަން ބަލަން ހުރެފައި ޖިނާ ދިޔައީ ކީއްވެގެން ހެއްޔެވެ؟
ސުހެއިލުގެ މަރުގެ ސަބަބުން މުޅި ގެއަށް ފަޅުކަން ވެރިވިއެވެ. އެންމެން ވެސް ކުރަނީ އެއް ސުވާލެކެވެ. އެހާ ދަން ގަޑިއެއްގައި، ފައިމަގުގައި ސުހެއިލު މަގުމަތީގައި އުޅުނީ ކީއްވެގެން ހެއްޔެވެ؟ ޝާޒްލީއާއި، ފަޒޭލާއި، ޒޫނާ ވެސް ރުޔެވެ. ޖެނީ ހުންނަނީ ފެންކަޅިވެފައެވެ. އެހެންނަމަވެސް ޖިނާގެ މޫނުމަތިން ފެންނަންޖެހޭ ހިތާމަވެރިކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. ސަހަރާއަށް ދިޔުމަށް ވެސް ޖިނާ އިންކާރުކުރިއެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ފަޒޭލު ޖަވާބުދާރީވާންޖެހުނެވެ. ޖަނާޒާގެ ކަންތައް ނިންމައިފައި ގެއަށް އައިއިރު ފަޒޭލު ހުރީ ރުޅިގަދަވެފައެވެ.
"މީހުންނަށް ޖަވާބުދީދީ އަހަރެން ވަރުބަލިވެއްޖެ!" ފަޒޭލު ބުންޏެވެ. "ބައްޕަޔާ ހެދި ކިތައް ދޮގު ހަދަންޖެހުނުކަން އެނގޭތަ؟ ސަހަރާއަށް ނައިތަނުގަ މަ ހީކުރީ ގެއަށް އަންނައިރު ބައްޕަ ރޯންކަމަށް އިންނާނީ."
ޖިނާ ހިނިތުންވެލިއެވެ. ސުހެއިލުގެ ފޯނު ފޮށިގަނޑަށް ވައްޓައިލިއެވެ.
"ވަގުތު އައިސް ޖެހުނީމަ ކޮންމެ މީހަކު ވެސް މަރުވާނެ،" ޖިނާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އިންސާނުންނަކީ އުމުރު ކުރު ބަޔެއް. އަހަރެން ހިތަށްއެރީ ސުހެއިލުގެ ކޮޓަރި ސާފުކޮށްލިއްޔާ މާ ރަނގަޅުވާނޭ. ޖެނީ މިކޮޅަށް ބަދަލުކުރީމަ ޝާޒްލީއަށް ތަންކޮޅެއް ހަމަޖެހިލަގެން ނިދާލެވޭނެއްނު!"
"އަހަންނަށް ފެންނަނީ މިރޭ މި ގޭގަ ޕާޓީއެއް ވެސް ބާއްވާލަން،" ފަޒޭލު ކޮޓަރިން ނުކުންނަމުން ބުންޏެވެ. "މިހާރު އެބަ ވިސްނޭ ބައްޕަޔާ އެއްކޮށް މަންމަޔަށް ނޫޅެވުނީ ކީއްވެގެންކަން. ހިޔެއްނުވޭ މި ގޭގަ އަހަންނަކަށް ވެސް އުޅެވޭނެހެނެއް."
ފަޒޭލު ކޮޓަރިން ނުކުމެފައި ނިކަން ބާރަށް ދޮރުޖެހިއެވެ.
"އަދި ކިރިޔާ ތި ވިސްނެން ފެށީ." ޖިނާ މަޑުމަޑުން ބުނެލިއެވެ.
"ކޮންމެވެސް މައްސަލައެއް އެބައުޅޭ!" ގާދިރު ބުންޏެވެ. "އަހަރުމެންނަށް ނޭނގޭ ކޮންމެވެސް ކަންތައްގަނޑެއް އެބަ ހިނގާ. އަހަރެން ގެންގުޅުނު އެއްޗެއް ކިހިނެއް އެ ހިސާބަށް ދިޔައީ؟"
ކޮޓަރީގެ އެތައްމިތަން ހޯދަމުން ގާދިރު ވާހަކަދެއްކިއިރު ސަކީނާ ދޮރުމަތީގައި އަޑުއަހަން ހުއްޓެވެ. އޭރު އިޝާނަމާދަށް ބަންގި ގޮވަން ދެތިން މިނެޓު ހުއްޓެވެ.
"އަހަންނަކަށް ނޭނގޭ ގާދިރު ތި ކިޔާ އެއްޗެއް،" ސަކީނާ ބުންޏެވެ. "ކޯޗެއް ކޮން ހިސާބަކަށް ދިޔައީ؟ ކޯޗެއް ތި ހޯދަނީ؟"
ހޯދާހޯދާ ވަރުބަލިވެގެން ގާދިރު އެނދުގައި އިށީނެވެ. ވިސްނަން ފެށިއެވެ.
"އެ ފަށް އޮންނަންޖެހޭނީ މި ގޭގަ،" ގާދިރު މަޑުމަޑުން އެހެން ބުނެލައިފައި ސަކީނާއަށް ބަލައިލިއެވެ. "އަހަރެން އެއްކަލަ ދުވަހު ދެއްކި ފަށް ހަނދާންވޭތަ؟ ބުނީމެއްނު މި ގެ ސާފުކުރިއިރު ފެނުނު ފަށެކޭ. ކުރީ ދުވަހު ޒޫނާ ހޯދަން އަހަރެން އެ ގެއަށް ދިޔައިރު ޖެނީ ކަރުގަ ހަމަ އެ ފަށް އޮތީ. ސުހެއިލު ނިޔާވެގެން އެ ގެއަށް ދިޔަ ދުވަހު ޖެނީ އެ ފަށް އަޅައިގެން ހުރީ ފޫ ނުފެންނަ ގޮތަށް. އަހަންނެއް ގައިމުވެސް އޭނަޔަކަށް އެ ފަށެއް ނުދެން."
ސަކީނާގެ ޝައްކު ޔަގީނަށް ބަދަލުވާން ފެށިއެވެ.
"ކޮބާހީވޭ!" ސަކީނާ ބުންޏެވެ. "މަ އޭރު ވެސް ބުނިންތާ އިދުރީސް ގޮވައިގެން އެ ގެޔަށް ދާށޭ."
އިދުރީސް ގެންދަން ގާދިރު ވެސް ބޭނުމެވެ. އެހެންނަމަވެސް އެއީ ފަސޭހަކަމެއް ނޫނެވެ.
"ސަކީނާ!" ގާދިރު ކަންބޮޑުވެފައި ބުންޏެވެ. "އަހަރުމެން ބޭނުންހާ ކަމެއް އެ ގެއަކަށް ނުކުރެވޭނެ. ކުރިޔަކަ ނުވެސް ދޭނެ. ޒޫނާ އަދިވެސް ރަނގަޅަކަށް ހަމަޔަކަށް ނޭޅޭ. އަހަންނަށް ވިސްނޭ އެކަން. ނުވިސްނެނީ ޖިނާ ކަންތައް ކުރި ގޮތް. އެކްސިޑެންޓުވި މަންޒަރު ބަލަން ހުރެފަ އޭނަ ދިޔައީ."
"ވެދާނެއްނު އެއީ ކުދިންގެ ބައްޕަ ނޫންކަމަށް." ސަކީނާ ބުންޏެވެ.
އިންކާރުކުރާކަށް ގާދިރު ބޭނުމެއް ނުވިއެވެ.
"ވެދާނެއްނު އެ ސިފައިގަ އައިސްގެން އެ އުޅެނީ އެހެން މީހެއްކަމަށް،" ސަކީނާ ކަންބޮޑުވެފައި ބުންޏެވެ. "ޒޫނާގެ ހަށިރައްކަލެއް ވެސް މިހާރަކު ނޯންނާނެ. ހެޔޮނުވާނެ ގާދިރު ކޮންމެވެސް ކަމެއް ކޮށްބަލަ! އަހަރެން ހާދަ ބިރުގަނެއޭ އެބަ!"
"މިދަނީ އިދުރީސް ހޯދަން." ހިނގައިގަންނަމުން ގާދިރު ބުންޏެވެ.
ސަކީނާ ވަގުތުން ޒޫނާއަށް ގުޅިއެވެ. އެ ފަހަރު ނަސީބަކުން ޒޫނާ ވަރަށް އަވަހަށް ފޯނު ނެގިއެވެ. ޒޫނާ އިނީ ޓީވީ ބަލާށެވެ. ގާތުގައި އެހެން މީހަކު ނެތެވެ.
"ކީކޭ މަންމާ!" ޒޫނާ ބުންޏެވެ.
ސަކީނާ އެއް ނޭވައިން ހުރިހައި ވާހަކައެއް ބުނެ ނިންމައިލިއެވެ. ޒޫނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒޫނާގެ ހިތުގައި އުފެދިފައިވާ އެތައް ސުވާލަކަށް މަންމަގެ ވާހަކައިން ޖަވާބު ލިބުނެވެ. ހުރިހާ ވާހަކައެއް ދައްކައިފައި ސަކީނާ ފޯނު ބޭއްވުމުން ވެސް ފޯނު ހިފަހައްޓައިގެން ޒޫނާއަށް އިނދެވުނީއެވެ. ބޮޑުކޮޓަރިއަށް ޖިނާ ވަންއިރު ޒޫނާއަށް އިނދެވުނީ އެހެންނެވެ. ޖިނާ ފެނުމުން ޒޫނާއަށް ސިހުމެއް ލިބުނެވެ. ޝައްކުގެ ނަޒަރަކުން ޖިނާއާ ދިމާއަށް ބަލައިލެވުނެވެ. ޖިނާ އައިސް ސޯފާގައި އިށީނެވެ.
"ކިހިނެއްވީ؟" ޖިނާ ސުވާލުކުރިއެވެ.
"ރޭގަ.." ޒޫނާއަށް ބުނެވުނީ އެ ހިސާބަށެވެ.
"އަދިވެސް އެ ވާހަކަ؟" ޗޮކެއްކަނޑައިފައި ޖިނާ ބުންޏެވެ.
"އަހަންނަށް ހޭލެވުނުއިރު އެ ކުއްޖާ ހުއްޓޭ!" ޔަގީންކަމާ އެކުގައި ޒޫނާ ބުންޏެވެ. "ހީވިގޮތެއް ނޫނޭ އެއީ. ކީއްވެގެންތަ ގަބޫލުނުކުރެވެނީ ޖިނާ؟"
ޖިނާ ޖީބަށް އަތްކޮށްޕައިލިއެވެ. ނެގި އެއްޗެއް ނަގައިފައި ޒޫނާއަށް ދިއްކޮށްލިއެވެ.
"މީތި އަޅާ!" ޖިނާ އެދުނެވެ.
ޒޫނާ ބަލައިލިއިރު ޖިނާގެ މުށުތެރޭގައި އޮތީ ތަވީދެކެވެ.
"މަ ބުނީމެންނު ވަރަށް މޮޅު އަރަބި ޓީޗަރެއްގެ ވާހަކަ،" ޒޫނާގެ އަތަށް ތަވީދު ލަމުން ޖިނާ ބުންޏެވެ. "އޭނަ ލައްވާ ހެއްދި އެއްޗެއް މީ. އޭނަ ބުނީ މި އެޅީމަ އެ ކަހަލަ އެއްޗެއްސެއް ދެނެއް ނުފެންނާނޯ! މި އަޅައިގެން ހިނގާބަލަ މޫދުކައިރިއަށް ޖައްސާލަން. އެޔެއްނު ހިތްހަމަޖެހުމަކީ."
ޒޫނާ ތަވީދަށް ބަލަހައްޓައިގެން އިނެވެ. މަންމަ ދެއްކި ވާހަކަތައް ޒޫނާގެ ކަންފަތުގައި ހަރުލައިފައި ހުރި ކަހަލައެވެ.
"ކިހިނެއްވީ؟" ޖިނާ އެހިއެވެ.
"ތީ ހަމަ ޖިނާތަ؟" ޒޫނާ ސުވާލުކުރިއެވެ.
"ކޮން ކަހަލަ ސުވާލެއް ތި ކުރީ؟" ހީނގެންފައި ޖިނާ އެހިއެވެ. "މިހާރު އަހަންނަށް ވެސް ޝައްކުކުރަން ފެށީ؟ ޖިނާ ނޫނީ ދެން ކާކު މީ؟ އެންމެ ފަހުން އަހަރެން ޖިންނިއަކަށް ހަދައި ނިންމާލީތަ؟ ޒޫނާ ތި ކަހަލަ ކަންތައް ކުރާތީ ކަންނޭނގެ އަހަރެން ހައްތާ ބޮޑަށް ލޯބިވަނީ. ކީއްކުރަން އަހަރެން މި ތަވީދު ގެނައީ؟ ތި ބުނާ ޖިންނީގެ ކިބައިން ސަލާމަތްވާން. ނޫންތަ؟ ޒޫނާ ނިކަން އަހަންނަށް ބަލާލަބަލަ! ރަނގަޅަށް ހަމަޖެހިލައިގެން ވިސްނާލަބަލަ! ޖިންނީންނަކީ ގޭތެރެއަށް ވަދެ ގޮނޑިގޮނޑީގަ އިށީނދެގެން ތިބޭ ބައެއްތަ؟"
ޒޫނާ ބަލަހައްޓައިގެން އިނީއެވެ. ޝައްކުކުރެވޭ ކަހަލަ އެތައް ކަމެއް ޒޫނާއަށް ފެނިއްޖެއެވެ. އޭގެ އިތުރުން މަންމަ ދެއްކީ ވެސް ހަރުދަނާ ވާހަކަތަކެކެވެ.
"ކިހާ ދެރަކަމެއް މި ޖެހުނީ!" އަނެއްކާ ވެސް ހީނގެންފައި ޖިނާ ބުންޏެވެ. "ކިހިނެއް ހެދިއްޔާ ޒޫނާއަށް ގަބޫލުކުރެވޭނީ؟ ކޯޗެއް މަ ކިޔަންވީ؟ ކިހިނެއް ހަދައިދޭންވީ؟"
"އަހަރެން ފޮޓޯއެއްނެގިޔަސް ހެޔޮތަ؟" ދެ ފިކުރެއްގައި އިން ޒޫނާ އެހިއެވެ.
"އަވަހަށް ނަގާ!" ޖިނާ ޖޯކު ވައްތަރެއް ޖައްސައިލައިފައި ބުންޏެވެ. "ބޭނުން ވަރަކަށް ނަގާ!"
ޒޫނާ އަވަސްއަވަހަށް ފޯނު ނެގިއެވެ. ޖިނާ ކުޑަކޮށް ވެސް ހާހެއް ނުވެއެވެ. ހިނިއައިސްފައި އިނީއެވެ.
"ފޮޓޯނެގީމަ ޒޫނާއަށް ޔަގީންވާނެ އަހަންނަކީ ޒޫނާ ތި ހީކުރި މީހާ ނޫންކަން،" ޖިނާ ބުންޏެވެ. "އެކަމަކު އޭރުން އަހަންނަށް ޔަގީންވީ ޒޫނާ މިއޮއް ހުރިހާ ދުވަހު އަހަންނަށް އިތުބާރު ނުކުރާކަން."
ފޮޓޯނަގަން ފޯނު ދިއްކޮށްލުމާއެކު ޒޫނާގެ ހަރަކާތް ހުއްޓުނެވެ. ވިސްނައިލިއެވެ.
"ލޯތްބަކަށް ހެއްކެއް ބޭނުމެއް ނުވާނެ ޒޫނާ!" ޖިނާގެ ދުލުން ބޭރުވީ ތޫނު ލަފުޒުތަކެކެވެ. "އެއީ އިހުސާސްކުރަންޖެހޭ އެއްޗެއް. ލޮލަށް ނުފެންނަ ގުޅުމަކަށް ކިޔާ ނަމެއް."
ޒޫނާ ފޯނު ބޭއްވިއެވެ. ފޮޓޯނެގުމުގެ ޚިޔާލު ދޫކޮށްލިއެވެ.
"އަހަންނަށް އެނގޭ ޒޫނާއަށް ދިމާވީ ކިހާ ހިތާމަވެރި ހާދިސާއެއްކަން،" ޖިނާ ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ. "މީހުންނަށް އިތުބާރުކުރުމަކީ ޒޫނާއަށް އެހާ ފަސޭހަކަމަކަށް ނުވާނެ. އަހަރެން ރުޅިއެއްނާދޭ. ފޫއްސެއް ވެސް ނުވޭ. އެކަމަކު އަހަންނަށް ޝައްކުކުރީތީ ވަރަށް ދެރަވެއްޖެ! މިދަނީ ތަވީދު އެއްލާލަން."
ތަވީދު ހިފައިގެން ޖިނާ ތެދުވިއެވެ.
"އުހުނ ގެނޭ!" ޒޫނާ ތެދުވަމުން ބުންޏެވެ. އެ ހިސާބުން ޒޫނާ ވާހަކަ ބަދަލުކޮށްލިއެވެ. "މަންމަ ބުނި މިރޭ ޖައްސާލައްޗޭ! ދެވޭނެތަ؟ ޖިނާއަށް ނުދެވެންޏާ އަހަރެން ގެއަށް ލައިދެއްޗޭ!"
ޖިނާ ތަވީދު ދިނެވެ. ޒޫނާ ތަވީދު ހިފައިގެން ހިނގައިގަތެވެ. ޖިނާގެ މޫނުމަތިން ފާޅުވި ހިތްހަމަނުޖެހުމުގެ އަސަރެއް ޒޫނާއަކަށް ނުފެނެއެވެ.
"އަދި އެބައޮތް އެއް ވާހަކަ." ޒޫނާ ބުނި އަޑު އިވުނެވެ.
ޖިނާ ކުއްލިއަކަށް ހިނިތުންވެލިއެވެ. ޒޫނާ އައިސް ޖިނާއާ ވަރަށް ގާތުގައި ހުއްޓުނެވެ. އިރުކޮޅެއްވަންދެން ޖިނާގެ ލޮލަށް ބަލަހައްޓައިގެން ޒޫނާ ހުއްޓެވެ.
"ސުހެއިލަކީ ޖިނާގެ ދޮށީ ދަރިފުޅު،" ޒޫނާ ބުންޏެވެ. "އެހާ ކުއްލި ގޮތަކަށް ދަރިފުޅު ވަކިވީމަ ވެސް ބައްޕަގެ ލޮލުން އަހަންނަށް ކަރުނަ ނުފެންނަނީ ކީއްވެ؟"
ނުނިމޭ