ކަސްރަތާއި ކެއުމުން ޝިފާނާ ހޯދީ ދުޅަހެޔޮ ދިރިއުޅުމެއް. އޭނާ އަންނަނީ ރަނގަޅު ސިއްހަތެއްގައި ދެމިހުންނަން އެހެން މީހުންނަށް ވެސް ހިތްވަރު ދެމުން.
ޝިފާނާ. އަންނަ ޖޫން މަހު 52 އަހަރު ފުރޭ ޝިފާނާ އަންނަނީ ދުޅަހެޔޮ ދިރިއުޅުމަކަށް އެހެން މީހުންނަށް ވެސް ހިތްވަރު ދެމުން..-- ފޮޓޯ: ނިޝާން އަލީ/ މިހާރު
25 އެޕްރީލް 2025 - 09:52
އެންމެ ކުޑައިރުއްސުރެ ވެސް ޝިފާނާ ވަޖީހުގެ ދިރިއުޅުން ވަރަށް ހަރަކާތްތެރި އެވެ. ސްކޫލުގެ ގޭމްސް ވައިސް ކެޕްޓަންގެ ޒިންމާތަކާ އެކު އެ ހަރަކާތްތައް އިތުރުވި އެވެ. އެކަމަކު، ކިޔެވުން ނިންމައި ޒުވާން އުމުރުގައި ކައިވެނިކޮށް ދެ ކުދިން ލިބުނު ފަހުން މީހާ އަންފިޓުވީ އެވެ. ނަފްސާނީގޮތުން ވެސް އަސަރުކުރަން ފެށި އެވެ.
އެކަމުން އަރައިގަތީ ޝެރީން ހިންގި ފިޓްނަސް ސެންޓަރުގެ ވަޒީފާއާ ގުޅުމުންނެވެ. އެތަނުގައި ހަމަސް ދުވަސް ވިއިރު އެ ހުރިހާ ކަމެއް ވެސް ހަމައަކަށް އެޅިއްޖެ އެވެ. ހެލިފެލިވެ އުޅެން ފެށުމާއެކު ނަފްސާނީ ގޮތުން މީހާއަށް ހެޔޮ ބަދަލުތައް އަންނަ ފެށި އެވެ.
އޭގެ ފަހުން، ކަސްރަތުގެ ދުނިޔެއަށް ރަނގަޅަށް ލޯ ހުޅުވުމާއެކު 2،000 ވަނަ އަހަރު ޝިފާނާ ދިޔައީ ފިޓްނެސް ޓްރެއިނިން ހަދަން ރާއްޖެއިން ބޭރަށެވެ. އޭރުއްސުރެ ކުރަމުން ދިޔަ ކަސްރަތުތަކަށް މަޑުޖެހުމެއް ނާންނާތީ އޭގެ ހެޔޮ އަސަރުތައް، އޭނާގެ އުމުރު ދެބައި ވީއިރު މިހާރު ހުރީ ފެންނާށެވެ.
ޝިފާނާ ވޯކްއައުޓެއް ހަދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގައި ގިނަ ފަހަރަށް 40 އަހަރުން މައްޗަށް ދިއުމުން އުޅެން ޖެހެނީ ސިއްހީ ކޮންމެ ވެސް މައްސަލައަކަށް ފަރުވާ ހޯދުމުގަ އެވެ. އެކަމަކު، އަންނަ ޖޫން މަހު 52 އަހަރު ފުރޭ ޝިފާނާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބޮޑު ބައްޔަކަށް ފަރުވާ ކުރަން ނުޖެހި، ރަނގަޅު ސިއްހަތުގައި ހަޔާތުގެ ބޮޑު ބައި ހޭދަކުރެވުމެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި ކަސްރަތާއި ކެއުން، އެ ހުރިހާ ކަމެއްގައި ވަރަށް ބޮޑު ދައުރެއް އަދާކުރި އެވެ.
ޝިފާނާ ބުނީ ކިޔަވަމުންދާ ވަރަކަށް އޭނާއަށް ދަސްވާ އެއްޗެހި އަމިއްލަ ދިރިއުޅުމުގައި ވަރަށް ބޮޑަށް ބޭނުންކުރާ ކަމަށެވެ. އޭނާ ވަނީ ޕާސަނަލް ޓްރެއިނިންގެ އިތުރުން ފިޓްނަސް ނިއުޓްރިޝަނާއި ހަކުރު ބައްޔާއި ކަސްރަތު ނިންމައިފަ އެވެ. މިހާރު އަންނަނީ ކެންސަރާއި ކަސްރަތުކުރުން ކިޔަވަމުންނެވެ. އެއަށްފަހު، މެނޮޕޯސް އަދި ކަސްރަތު ދަސްކުރަން އޭނާ ހުރި ނިންމައިގެންނެވެ.
ޗެފް ޑި މިޝަނަކަށް ޝިފާނާ (ވ) ހަމަޖެއްސުމަށް ފަހު އޮލިމްޕިކް ކޮމިޓީގެ ޗެއާމަން މުހައްމަދު އަބްދު ސައްތާރު (ކ) އޭނާ އަށް މަރުހަބާ ވިދާޅުވަނީ --- ފޮޓޯ: އެމްއޯސީ
"ދުނިޔޭގައި ހުރިއްޔާ ކޮންމެ މީހަކު ވެސް އުމުރުން ދުވަސްވާނެ. އެކަމަކު ދުޅަހެޔޮ، ރަނގަޅު ސިއްހަތެއްގައި ހުރެ އުމުރުން ދުވަސްވުމަކީ ކުރަންޖެހޭ ކަމެއް،" ޝިފާނާ ބުންޏެވެ.
ބައްޔާއި ކަސްރަތުގެ ބައިތައް ދަސްކުރި ވަރަކަށް ޝިފާނާ ބުނީ އޭނާއަށް އެނގުނީ އިންސާނާގެ ސެލްތައް ރަނގަޅަށް ދިރި ހުންނާނީ އެ މީހަކު ކާ އެއްޗަކާއި ކަސްރަތާއި ހަރަކާތްތެރިވެ އުޅުނު ވަރަކުން ކަމަށެވެ. އެހެންވެ، ފާއިތުވި 25 އަހަރުގެ ތެރޭގައި އޭނާ އެ ހުރިހާ ކަސްރަތެއް ވެސް ކުރީ އެކަމަށް ރަނގަޅަށް ވިސްނައިގެންނެވެ.
ޝިފާނާ ބުނީ އޭނާ ބަރާބަރަށް، ހަށިގަނޑަށް ބޭނުންވާ ވަރަށް ކެއުން ބަހައްޓާ ކަމަށެވެ.
ފިޓްނެސްގައި އުޅޭ ގިނަ މީހުންނަށް ސަޕްލިމެންޓުތަކަށް ފަރިތަވިއަސް، ޝިފާނާ ބުނީ އޭނާ ކެއުމުގައި އެއްވެސް ވަރަކަށް އެ ފަދަ ސަޕްލިމެންޓުތައް ނުނަގާ ކަމަށެވެ. އެ ބައިތައް ހަށިގަނޑަށް ފޯރުކޮށްދެނީ ކެއުމުންނެވެ. އަގުބޮޑު ތަކެއްޗެއް ނޫނެވެ. އާއްމުކޮށް ގޭގައި ކައްކާ އެއްޗެހި، ހަށިގަނޑަށް ފައިދާވާނެ ގޮތަކަށް ބަދަލުކޮށްގެންނެވެ.
"ކޮންމެ ކޯހެއް ހެދިއަސް ޕްރެކްޓިސްކުރަން، އެ ކޯހުން އެ ކިޔަވައިދޭ އެއްޗެއް އަމިއްލައަށް. އެގޮތަށް ކަންތައްތައް ކުރަނީ. އަމިއްލަ ސެލްފަށް ޕްރެކްޓިސް ކުރީމަ، އެ ލިބެންވާ ނަތީޖާ އަމިއްލައަށް ލިބުނީމަ އެނގޭ ޕްރެކްޓިކަލީ އެޕްލައިކުރަން އެހެން މީހުންނަށް. އެގޮތަށް ކަންތައްތައް ކުރަނީ،" ޝިފާނާ ބުންޏެވެ.
ޝިފާނާ ކަސްރަތުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސިންގަޕޫރުން އެއް އަހަރުގެ ޓްރެއިނިން ނިންމައި، "ހީޓް"ގެ ނަމުގައި ގްރޫޕު ފިޓްނެސް އަށް ހާއްސަ ތަނެއް 2002 ވަނަ އަހަރު ހުޅުވި އެވެ. ރާއްޖޭގައި މަޝްހޫރު 'ލެސްމިލްސް' ތައާރަފްވީ އެ ހިސާބުންނެވެ. އޭގެ ފަހުން ފަސް މީހުންނަށް ވަދެވޭ ވަރުގެ ކުޑަ ތަންކޮޅެއްގައި 2004 ވަނަ އަހަރު ޖިމެއް ހުޅުވި އެވެ. އެ ޖާގަ 15 މީހުންނަށް ވަދެވޭ ވަރަށް ބޮޑުކުރި އެވެ. ހީޓާ ގުޅިގެން ހިންގާ "ވެލްނެސް ކްލަބް" ގައި އެއްފަހަރާ 60 މީހުންނަށް އެއްވެސް އުނދަގުލަކާ ނުލައި ކަސްރަތުތައް ކުރެވޭނެ އެވެ.
"އެނާޖީ ވައިސް އަދި ފިޓްނަސް ވައިސްކޮށް ވެސް. އެތެރެހަށި އެ ފީލްވާ ގޮތް ވެސް، މެންޓަލް ވެލްނަސް ވެސް. އެކަމަކު، ވަރަށް ގިނަ ފަހަރަށް ވަރަށް ގިނަ ފަހަރަށް އެ ވަރުގެ އެނާޖީއާ ސްޓްރެންތު ހިފަހައްޓަން ކަސްރަތު މި ކުރެވެނީ ޒުވާން އިރު ކުރާ ކަހަލަ ކަސްރަތު. އެކަމަކު، ކޮންމެ 10 އަހަރަކުން އިންސާނާގެ ހަށިގަނޑު ބަދަލުވާނެ. އެހެންވީމަ، ކަސްރަތުގެ ވެސް އެ ބާވަތް ބަދަލުކުރަންޖެހޭ." ވެލްނެސް ކްލަބުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި ޝިފާނާ ބުންޏެވެ.
އޭނާ ބުނީ 20-30 އަހަރުގެ މީހުން ގިނައިން ސްޓްރެންތު ޓްރެއިނިން ނުހެދުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު، 30-40 އަހަރުގައި ގައިން މަސްތައް ވިރޭ ވަރު އިތުރުވާތީ އެ އުމުރުގައި ގިނައިން ސްޓްރެންތު ޓްރެއިނިން ހެދުން މުހިއްމުކަން ޝިފާނާ ފާހަގަކުރި އެވެ. އަނެއްކާ 40 އަހަރުވުމުން ވެސް ކަސްރަތު ބަދަލުވާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ޝިފާނާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭރުން، އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑަށް ބޭނުންވާ ވަރަށް ހަކަތަ ލިބޭނެ އެވެ.
ކަސްރަތުގެ ތެރެއިން ޝިފާނާއަށް ދަސްވި އަނެއް ކަމަކީ، ހަށިގަނޑުގައި ވިސަރެލް ފެޓް، ރަނގަޅު ރޭންޖެއްގައި ބެލެހެއްޓުމެވެ. އެ ފެޓަކީ ކޮލެސްޓްރޯލާއި ހިތުގެ ދުޅަހެޔޮކަމަށް ގުޅޭ ކަންކަމަށެވެ. ހަށިގަނޑުގެ ހުރިހާ ހިނގުމެއް ބަރާބަރަށް މަސައްކަތްކުރާނީ ލީން މަސުލްސް ރަނގަޅަށް ހުރުމުން ކަމަށް ވާތީ، އެއީ ވެސް، ކަސްރަތުގައި ޝިފާނާ ސަމާލުކަން ދޭ ކަމެކެވެ.
"ގިނަ މީހުން ދުވަނީ މުބާރާތްތަކަށް. އެކަމަކު، ޝިފާނާ ދުވަނާ އެނުއަލީ ހަދާ މެޑިކަލް ޗެކަޕްގެ ހެލްތު ރިޕޯޓަށް. ކޮންމެ އަހަރަކު ވެސް ޗެކަޕް ހަދަން އަދި އިރާދަކުރެއްވިއްޔާ ނެތް މައްސަލައެއް. ނަފްސާނީ ދުޅެހެޔޮ ކަމަކީ ވެސް، ރަނގަޅު ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިއްމު ކަމެއް،" ޝިފާނާ ބުންޏެވެ.
ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ރަނގަޅު ބަދަލުތައް ގެނެސްދޭ ކަމެކެވެ. އެކަމަކު، ޖިމަކީ ޝިފާނާގެ މަސައްކަތުގެ މާހައުލަށް ވެސް ވުމުން، އަބަދު އެކަމުގެ ތެރޭގައި އުޅެން އުނދަގޫތައް ދިމާވާން ފެށި އެވެ. އެހެން އުޅެނިކޮށް، މީގެ ދެ އަހަރެއް ވަރު ކުރިން ފިރިމީހާ ވަރަށް ބޮޑަށް ބަލިވެގެން އެ ދަތި ހާލަތުން އަރައިގަތުމަށް އިތުރު އެހީ ހޯދަން ޖެހުނެވެ.
ކުލަ ޖެއްސުމަކީ އެ ދުވަސްކޮޅު ދަސްކުރި ކަމެކެވެ. އޭގެ ފަހުން، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުލަ ޖެއްސުމަށް ވަގުތު ހުސްކުރެ އެވެ.
"ވޯކްލައިފް ބެލެންސު ކުރުމަކީ ވަރަށް މުހިއްމު ކަމެއް. މަސައްކަތް ނުކުރާ ގަޑިއެއްގައި ޖިމް އިންނަ މަގަކަށް ނާރަން. މައިންޑު ރިލެކްސްކޮށް ހުރުމަކީ ދުޅަހެޔޮކަމަށް މުހިއްމު ކަމެއް." އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅު
25 April 2025
ވިސަރަލް ފެޓް، ސްޓްރެންތު ޓްރޭނިންގ ފަދަ މަޢުލޫތަކަށް ދިވެހިން ވާހަކަ ދައްކާތީ ނީވޭ. އެކްސަސައިޒް ސައިންސްގައި ގިނަ ހޯދުންތަކެއް ވަނީ ހޯދިފައި. އެހެންވީމާ، ޝިފާނާ ބުނެދީފައިހުރި ކަންކަން ވަރަށް ރަނގަޅަށް އެބަ އެލައިންވޭ ފަހުގެ ހޯދުންތަކަށް. ލައިފްސްޓައިލް ޗޭންޖެއް ގެންނަން މިޖެހެނީ. ދެމެހެއްޓެނިވި ގޮތެއްގައި ކަސްރަތުކޮށް ރަނގަޅު ކާނާ ކެއުން އަދި ރަނގަޅަށް ނިދުން، ރޫޙާނީ ކަންކަމަށާއި އާއިލާއަށް އަދި ރަޙްމަތްތެރިންނަށް ވަގުތުދިނުން.
ގަދަރު
25 April 2025
މިގައުމުއަކީ ކުލަ ފޮޓާއަށް ބަލައިގެން ފާޑްފާޑް ވިޔަފާރި ކުރާ ގައުމެކެވެ. ނޫސްތަކުގައި ވެސް އިސްތިހާރު ޖެހުމަށްޓަކައި އެތަކެށް ޚަރަދު އެބަކުރެއެވެ. ކޮންމެހެން ބޮޑުއަގުގައި ލިބޭ މަދު މުސާރަ ކޮޅު ދީފައި އެއޮރަބިކް އަދި ޖިމުއަށް ނުދިޔަސް ކަސްރަތު ކުރެވޭނެއެވެ. އެގޮތުން މޫދަށް ދިއުމާއި، ހިގުމާއި، ދުވުން އަދި ގޭގެތެރޭގައި ޖެހޭ މަސައްކަތް ކުރުން ވެސް ހިމެނެއެވެ. އެމީހުން ވެސް އެވަރުވެފައި އެވަނީ ކިހާދުވަހުންކަށް އެގޭނަމަ އެތާކަށް ނުދާނެއެވެ.
ފަށާ ހަމަ މިހާރު
25 April 2025
ހަށިގަނޑު ރީތިކޮށް ބަހަށްޓަން އުޅުމުގެ ބަދަލުގައި ގިނައިން ފެންނަނީ އުމުރުމަތިވެ ބަނޑުލާ ޗަކަމަސްޖަހާ ވަރަކަށް ހެދުން ބޮޑުކޮށް ދޫކޮށް ލައިގެން ފޮރުވޭތޯ. ތެލުލި ކާނާ، ބަންދުކޮށްފައި ވިއްކަން ހުންނަކާނާ ކެއުންހުއްޓާލާ މިވެސް ލައްކަ ބޮޑުވަރު ބަލިތަކުން ދުރުވުމަށް ކުރެވޭނެ. ފަހުން ފަހުން ކަސްރަތުކުރަން ފަސްނުކުރޭ.
ޙަމީޒާ
25 April 2025
ޒުވާންކަން ވަރަށް ފުރިހަމަ.
ޙަޒް
25 April 2025
ހާދަ ރީތި ހަށިގަނޑެކޭ.
ބައިރޯ
25 April 2025
ހާދަ ރީއްޗޭ، 52، މަގަބޫލެއްނޫން، 19އަހަރު
ދަލޭކަ ދައިތަ
25 April 2025
ހަމަ ވ ވެސް ރަނގަޅު ވާހަކައެއް. ދިވެހި އަންހެނުންގެ ފިޓްނެސް ވ ދަށް. ސްޓްރެންތް ޓްރެއިނިންގ އަންހެނުން ހަދަންޖެހޭ. 40 މަތީ ގިނައަންހެނުން ހަމައެކަނި ހިގަން ދާނީ. ދުނިޔޭގައި އުޅޭއިރު މިއޮންނަނީ މުޅިންވެސް ސްޓްރެސް ވާނެ ކަންކަން. ސްޓްރެސް ވީހާވެސް ކުޑަކުރަންޖެހޭ.
ރަދީފްއޮފިޝަލް / އިންޑިޔާއަށް ފަސް ފަހެއް
25 April 2025
ރަނގަޅު.