ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރަން ކުންފުންޏަށް ގެންނަ ބަދަލުތަކުގެ ތެރެއިން ޕޭ ލީވާއި ނޯޕޭ ލީވް ދިނުން މަޑުޖައްސާލައިފި އެވެ.

އެ ކުންފުނީގެ ޗީފް ކޮލިޓީ އޮފިސަރު އުސެއިދު ހުސެއިން ސޮއިކޮށް ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކަށް މިއަދު ފޮނުވި ސާކިއުލާގައި ބުނީ ފެނަކަ ރައިޓްސައިޒް ކުރަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެހެންވެ، މުސާރައާއެކު ލިބޭ ޗުއްޓީ އަދި މުސާރަ ނުލިބޭ ގޮތަށް ދޭ ޗުއްޓީ ދިނުން މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ސާކިއުލާގައި ބުންޏެވެ.


ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމާ މިދިޔަ އޭޕްރީލް މަހުގެ މުހައްމަދު އަފީފް ހަވާލުވެވަޑައިގަތުމަށްފަހު އެ ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

އޭގެ ތެރެއިން، އަމިއްލައަށް އެދިގެން އެ ކުންފުނިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭ ގޮތަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެކަމަށް އެދި ހުށަހަޅަން އިއްޔެއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ. 

ހަތަރު މަސްދުވަހުގެ މުސާރައާ އެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތުގެ އިތުރުން ރިޓަޔާމެންޓް ޕްރޮގްރާމްގެ ދަށުން ރިޓަޔާވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އަފީފު "މިހާރު" އަށް ވިދާޅުވެފައިވަނީ ފެނަކައިގައި 8،000 ވަރަކަށް މުވައްޒަފުން އެބަތިބި ކަމަށާއި އެއީ އެ ކުންފުނީގެ "ރައިޓް ސައިޒް ނޫން" ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.  

"ދެން އެކި ދުވަސްވަރު އެކި ގޮތަށް އެބަހުރި ދެއްތޯ މީހުން ވެއްދިފައި. އެހެންވީމާ އަޅުގަނޑުމެން މި ބަލަނީ ކުންފުނީގެ ރައިޓް ސައިޒްގައި ކުންފުނީގެ ހިންގުން އިންތިޒާމު ކުރެވޭތޯ،" އަފީފް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައިވަނީ ފެނަކައިން އެކި އެކި ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ނެގި ގިނަ އަދަދެއްގެ މުވައްޒަފުންގެ ތެރެއިން ވެސް ބައެއް މީހުން ތިބީ ދާއިމީކޮށްފައި ކަމަށެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ކުރަންޖެހޭ ވަކި މަސައްކަތެއް ނެތް ގިނަ އަދަދެއްގެ މުވައްޒަފުން ތިބި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.