ރާއްޖޭގެ ބޮޑުބަޔަކަށް ޔޫޓިލިޓީ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކޮށް، މާލީ ގޮތުން ހަމައަަކަށް އަޅުވަން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށައި، އަމިއްްލަައަށް ރިޓަޔާކުރަން ބޭނުންވާ މުވައްްޒަފުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހުސައިން ސޮއިކުރައްވައި ނެރުއްވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން އަމިއްލައަށް އެދިގެން އެ ކުންފުނިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެ އެވެ.

އެކަމަށް އެދި ހުށަހަޅަން މާދަމާއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށް ވެސް އެ މެމޯގައި ބުނެފައި ވެ އެވެ.

ހަތަރު މަސްދުވަހުގެ މުސާރައާ އެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތުގެ އިތުރުން، އާލީ ރިޓަޔާމެންޓް ޕްރޮގްރާމްގެ ދަށުން ރިޓަޔާވުމުގެ ފުރުސަތު ވެސް މެމޯގައި ވާ ގޮތުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަފީފު "މިހާރު" އަށް ވިދާޅުވީ ފެނަކައިގެ ޕޭރޯލްގައި 8،000 ވަރަކަށް މުވައްޒަފުން އެބަ ތިބި ކަމަށާއި އެއީ އެ ކުންފުނީގެ "ރައިޓް ސައިޒް ނޫން" ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.  

"ދެން އެކި ދުވަސްވަރު އެކި ގޮތަށް އެބަހުރި ދެއްތޯ މީހުން ވެއްދިފައި. އެހެންވީމާ އަޅުގަނޑުމެން މި ބަލަނީ ކުންފުނީގެ ރައިޓް ސައިޒްގައި ކުންފުނީގެ ހިންގުން އިންތިޒާމު ކުރެވޭތޯ،" އަފީފް ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޫކުރާ އިންޖީނުތަކެއް މަރާމާތު ކުރުމުގެ މަސައްކަތް މިރޭ ކުރަނީ.---ފޮޓޯ: ފެނަކަ
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޫކުރާ އިންޖީނުތަކެއް މަރާމާތު ކުރުމުގެ މަސައްކަތް މިރޭ ކުރަނީ.---ފޮޓޯ: ފެނަކަ

އޭނާ ވިދާޅުވި ގޮތުގައި ފެނަކައިގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު އެހާ ގިނަވުމުން، އިދާރީ ގޮތުންނާއި ހިންގުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. އެހާ ގިނަ މުވައްޒަފުންނަށް މުސާރަ ދީފައި، ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއާޕާޓް ތަކާއި ތެލާއި އެހެނިހެން ތަކެއްޗަށް ބޭނުންވާ ފައިސާ ހޯދަން ދަތިވާކަމަށް އޭނާ ވިދާޅުވި އެވެ. 

"[މާލީ ގޮތުން] ދެކޮޅު ޖެހޭ ކުންފުންޏެއްގެ ގޮތުގައި ހިންގާ ކަމަށް ވަންޏާ ލިބޭ އެއްޗެއް ރަނގަޅަށް މެނޭޖްކުރަން އެބަ ޖެހޭ ދެއްތޯ، ކޮންމެ ފަހަރަކު މުވައްޒަފުންނަށް މުސާރަދޭންވީމާ ސަރުކާރުގެ ފަރާތުން، މުސާރައަށް ބޭނުންވާ ފައިސާ ހޯދައިގެން، އެއީ އަބަދަކު، ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫންތާ ދެއްތޯ،" މުވައްޒަފުން މަދުކުރަން ޖެހޭ ސަބަބު ތަފްސީލުކުރައްވަމުން އަފީފް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ފެނަކަ ހަރުދަނާ ކުރަން ބަދަލުތައް ގެންނަން، އެ ކުންފުނިން ހިދުމަތްދޭ ތަންތަނުގައި ތިބީ ކިހާ މުވައްޒަފުންނެއް ކަން ބަލައި، މަދުކުރަން ޖެހޭ ތަންތަނާއި އިތުރުކުރަން ޖެހޭ ތަންތަން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

"މި ކުންފުންޏަށް އެބަހުރި ހަމަ އާދަޔާ ހިލާފަށް، އެކި ސަރުކާރުތަކުން ވަރަށް ގިނަ މުވައްޒަފުން އެކި ރަށްރަށުގެ އިންޖީނުގެތަކަށް ވައްދާފައި، އެކި ރަށްރަށުގައި އިޖުތިމާއީ މަސައްކަތް ކުރަން، ނޫނީ މަހަށް ދާން ތިއްބެވި ބޭފުޅުން ވެސް އެބަ ތިބި ވައްދާފައި،" އޭނާ ވިދާޅުވި އެވެ.

އަފީފް ވިދާޅުވި ގޮތުގައި މިހާރު ތިބި 8،000 މުވައްޒަފުންނާ އެކު ހިންގޭ ވަރަށް ވުރެ ފެނަކައިގެ މާލީ ހާލަތު ދަށެވެ.  އެކަން އެހެން ހުރި އިރު ފެނަކައިން ރަނގަޅު ހިދުމަތެއް ދިނުމަށް ޓަކައި ބޭނުންވާ ވަސީލަތްތައް ހޯދަން ވެސް ބޮޑު ހަރަދެއް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. 

ފެނަކައިގެ މާލީ ހާލަތު އެހާ ދަށްވެފައި ވަނީ އޭނާ ވިދާޅުވި ގޮތުގައި ކުންފުންޏަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތައް ހޯދުމުގައި މާޒީގައި އަމަލުކޮށްފައިވާ ގޮތުންނެވެ. ހޯދަން ޖެހޭ ތަކެތި ރަނގަޅު ސަޕްލަޔަރުންގެ އަތުން ނުހޯދައި ގޮތް ނޭނގޭ "ކަރުދާސް ކުންފުނިތަކުން" ހޯދާފައި ވުމާއި އެވަގުތަށް ބޭނުން ނުވާ ބައެއް ތަކެތި ހޯދާފައި ވުން، އެއީ އޭނާ ވިދާޅުވި ގޮތުގައި އޭގެ ބައެއް މިސާލުތަކެވެ. 

"އޮޑިޓާ ޖެނެރަލްގެ އޮފީހުންނާއި ކުންފުނި އޮޑިޓްކުރި އިންޓާނަލް އޮޑިޓަރާއި އެކްސްޓާނަލް އޮޑިޓަރުގެ ފަރާތުން އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލާފައިވާ އެކިއެކި ރިޕޯޓްތަކުގައި އެބަހުރި ކުންފުނީގެ މާޒީގައި ކަންތައްތައް ކުރެވިފައި އޮތީ ރަނގަޅަށް ނޫން ކަން،" އަފީފް ވިދާޅުވި އެވެ.

އެ ކަންތައްތައް ހަމައަކަށް އެޅުވުމަށް ޓަކައި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އެ ހުރިހާ ފަރާތްތަކުން ވެސް ފާހަގަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާޑު ޖަހަން ނުޖެހޭ މުވައްޒަފުން ވެސް އެބަ ތިބި

އަފީފް ވިދާޅުވީ ފެނަކައިން އެކި އެކި ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ނެގި ގިނަ އަދަދެއްގެ މުވައްޒަފުންގެ ތެރެއިން ވެސް ބައެއް މީހުން ތިބީ ދާއިމީކޮށްފަ އެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ކުރަން ޖެހޭ ވަކި މަސައްކަތެއް ނެތް ގިނަ އަދަދެއްގެ މުވައްޒަފުން ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް އިންޖީނުގެ ތަކުގައި ބައެއް ބްރާންޗްތަކުގައި އެބަތިބި އިނގޭތޯ ކާޑުޖަހަން ނުޖެހޭ ގޮތަށް ވެސް މުވައްޒަފުން، ކޮންމެވެސް ޕްރޮޖެކްޓެއް ހިންގުމުގެ ނަމުގައި ކޮންމެވެސް ރަށަކުން މުވައްޒަފުން ކޮޅެއް ނަގާފައި، ދެން މަސައްކަތް ނުކުރެވެނީސް، ތަކެތި ނެތިގެން ތިބެނީ. އެ މީހުން ކޮންމެހެން ކާޑު ޖަހަން ވެސް އަންނާކަށް ނުޖެހޭ،" އަފީފް ވިދާޅުވި އެވެ.

ބައެއް އިންޖީނުގެ ތަކުގައި އެފަދަ މުވައްޒަފުންނަށް މުސާރަ ދެނީ އޭނާ ވިދާޅުވި ގޮތުގައި، މަސް ނިމުނީމާ ކޮންމެވެސް ގޮތަކުން ހާޒިރީއެއް ހަދައިގެންނެވެ. 

ކުރާނެ ކަމެއް ނެތި ވަޒީފާގައި ތިބި ބައެއް މީހުން ކާޑު ޖަހާފައި މަހަށް ދިއުން ފަދަ އެހެން މަސައްކަތްތައް ކުރުމުގެ އިތުރުން "ވިޔާނުދާ ކަންތައްތައް ކުރުމުގައި" ވެސް ބައެއް މީހުން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

ފެނަކަ ހަމައަކަށް އެޅުވުމުގެ މަސައްކަތް ފެއްޓެވީ އެ ކަންތައްތަައް އެހެން ހުރުމުން ކަމަށާއި ކުންފުނިތައް ހިންގުމުގެ ދާއިރާއިން ލިބިވަޑައިގެންފައިވާ 27 އަހަރު ދުވަހުގެ ތަޖުރިބާ އެކަމުގައި ބޭނުންކުރައްވާނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.