ރާއްޖޭގެ ބޮޑު ބަޔަކަށް ޔޫޓިލިޓީގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކޮށް، މާލީ ގޮތުން ހަމަޔަކަށް އަޅުވަން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށައި، އަމިއްްލަަ އަށް ރިޓަޔާކުރަން ބޭނުންވާ މުވައްްޒަފުންނަށް ހުޅުވާލި ފުރުސަތު 97 މުވައްޒަފަކު ބޭނުންކޮށްފައިވާ ކަމަށާއި ކުންފުނި "ރައިޓްސައިޒް" ކުރަން ތަރުހީބު ބޮޑު ކަމަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަަކަ އިން މި މަހުގެ ފުރަތަމަ ދުވަހު މުވައްޒަފުނަށް ފޮނުވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން އަމިއްލަ އަށް އެދިގެން އެ ކުންފުނިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެ އެވެ.
އެކަމަށް އެދި ހުށަހަޅަން ފުރުސަތު ދިނީ މި މަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ.
އަފީފް "މިހާރު" އަށް މިއަދު ވިދާޅުވީ އެ ފުރުސަތުގެ ބޭނުން ހިފައި ފެނަކައިން ވަކިވާން އެދުނު 97 މުވައްޒަފަކު ރިޑަންޑަންޓް ކުރުމުގެ ކަންތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
"އެ މުވައްޒަފުންގެ އިތުރުން ވެސް ކުންފުނި ރައިޓް ސައިޒް ކުުރަން، މުވައްޒަފުން މަދުކުރުމާ މެދު ރަށްރަށުަގައި ހަމަ ވަރަށް ތަރުހީބު ބޮޑު. ބައެއް ރަށްރަށުން [ބައެއް ރަށްރަށުގެ ބްރާންޗްތަކުގެ މެނޭޖްމަންޓުން] އަމިއްލަ އަށް ވެސް އެބަ ބުނޭ މިތަން ރައިޓްސައިޒް ކޮށްދޭށޭ،" އަފީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް އެދެނީ ކުރާނެ މަސައްކަތެއް ނެތި ސޮއިކޮށްލާފައި އުޅޭ މުވައްޒަފުން ތިބުމުން މަސައްކަތް ހަގީގަތުގައި ކުރަން ތިބޭ މުވައްޒަފުންގެ ހިތްހަމަ ނުޖެހުން އޮތުމާ އެކު ކުންފުނި ހިންގުމަށް ވެސް ދަތިތައް ކުރިމަތިވާތީ އެވެ.
އަމިއްލަ އަށް އެދިގެން ވަކިވާން އެދި ހުށަހަޅާފައިވާ މުވައްޒަފުން ރިޑަންޑަންޓް ކުރުމުގެ މަރުހަލާ އަންނަ ޖުލައި މަހު ނިމޭނެ ކަމަށާއި ކުންްފުނީގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަށް މަދުކުރުމުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
"މި އަހަރަށް ކަނޑައަޅާފައި އޮތް ބަޖެޓްގެ ތެރެއިން މި އަހަރު ހަމަޖެއްސި ނަމަވެސް އަހަރު ނިމޭއިރު ކުންފުނި ރައިޓްސައިޒްކޮށް ނިންމައި، އެ ވަރުގެ ކުޑަ ބަޖެޓެއް އަަޅުގަނޑުމެން ކަނޑައަޅާނީ،" އޭނާ ވިދާޅުވި އެވެ.
އަފީފް މީގެ ކުރިން ދެއްވި އިންޓަވިއުއްގައި ވިދާޅުވެފައިވާ ގޮތުގައި ފެނަކައިގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން މިހާރު އެބަތިއްބެވެ.
އޭނާ އޭރު ވިދާޅުވީ ފެނަކައިގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު އެހާ ގިނަވުމުން، އިދާރީ ގޮތުންނާއި ހިންގުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. އެހާ ގިނަ މުވައްޒަފުންނަށް މުސާރަ ދީފައި، ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއާޕާޓްތަކާއި ތެލާއި އެހެނިހެން ތަކެއްޗަށް ބޭނުންވާ ފައިސާ ހޯދަން ދަތިވާކަމަށް ވިދާޅުވި އެވެ.