ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާގެ ހިދުމަތާ އެމްޑަބްލިއުސްސީން ހަވާލުވާން ނިންމައި އެކަމާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. 

އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހަސަން އެވެ. އެމްޑަބްލިއުއެސްސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފަހުމީ ވިދާޅުވީ، އަންނަ މަހުގެ 13 އިގެ ކުރިން މަސައްކަތްތައް ނިންމައި ފުވައްމުލަކާއި އައްޑޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދޭން އެމްޑަބްލިއުއެސްސީން  ފަށާނެ ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެއީ ފެނަކައިގެ ހިދުމަތް ދޭ ބައެއް ރަށްރަށުގެ ހިދުމަތްތައް އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ބައެކެވެ. 

ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާގެ ހިދުމަތާ އެމްޑަބްލިއުއެސްސީން ހަވާލުވުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ އެމްޑީ ފަހުމީ މިއަދު ސޮއިކުރައްވަނީ.
ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާގެ ހިދުމަތާ އެމްޑަބްލިއުއެސްސީން ހަވާލުވުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ އެމްޑީ ފަހުމީ މިއަދު ސޮއިކުރައްވަނީ.

"އެ ޕްރޮސެސް ކުރިއަށް މިދަނީ،" ފަހުމީ ވިދާޅުވި އެވެ. 

ފެނަކައިގެ އެމްޑީ އަފީފް ވިދާޅުވީ، ހިދުމަތްތައް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކުރަން ދެ ކުންފުނިން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް ގުޅިގެން ކަމަށެވެ. 

"މި އެއްބަސްވުމުގެ ދަށުން ދެބައި މީހުން ސައިޓްތަކަށް ޒިޔާރަތް ކުރުމާއި ސައިޓްތައް ބެއްލެވުމާއި ސާވޭ ކުރެއްވުމާއި މިހެން ގޮސް ބައިވަރު ކަންކަން އަދި ހަމަޖެހިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާގެ ހިދުމަތާ އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ އެމްޑީ އަފީފް މިއަދު ސޮއިކުރައްވަނީ.
ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާގެ ހިދުމަތާ އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ އެމްޑީ އަފީފް މިއަދު ސޮއިކުރައްވަނީ.

އަފީފް ވިދާޅުވި ގޮތުގައި، ފެނަކައިން ދިން ހިދުމަތްތަކަށް ވުރެ ރަނގަޅަށް އެމްޑަބްލިއުއެސްސީން ހިދުމަތް ދޭނެ ކަމަށް އޭނާ އުންމީދު ކުރައްވަ އެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުނި، ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ބަދަލުކުރަން ނިންމާފައިވާކަން ރައީސް މުއިއްޒު ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އިއުލާން ކުރައްވައިފަ އެވެ.

އެހެންވެ، މުޅި ރާއްޖޭގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ހަވާލުވާތީ، އަލަށް ހަވާލުވާ ރަށްރަށުގެ ހާލަތު ދެނެގަތުމަށް ސާވޭއެއްގެ މަސައްކަތް ވެސް ދާދި ފަހުން ވަނީ ފަށައިފަ އެވެ.

ފެނަކަ އުވާލަން ނިންމާފައިވާއިރު އެ ކުންފުންޏާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 161 މައްސަލައެއް ތަހުގީގު ކުރަމުން އެބަދެ އެވެ. އެ ތަހުގީގުތަކަށް ފަހު 21.4 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެ ކުންފުންޏަށް ވެސް އެންގި އެވެ. 

ފެނަކައިގެ އޮޑިޓް ރިޕޯޓްގައި ވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ކޯޕަރޭޝަނުން މުދަލާއި ހިދުމަތް ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހިމަނާފައިވާއިރު އޭގެ ތެރެއިން އެއް މައްސަލާގައި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ޖަލު ހުކުމެއް ވެސް އިއްވި އެވެ. 

މިވަގުތު އެ ކުންފުނީގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.