ގަވައިދާ ހިލާފަށް ފެނަކައިގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވާތީ، އެކަމާ ގުޅިގެން ފެނަކައިގެ އިސްވެރިންނަށް ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިފި އެވެ. 

މިދިޔަ އަހަރުގެ ފަހުކޮޅު އޮޑިޓް އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާ ކުރުމަށްފަހު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީން ލަފާދިން ކަންކަމާއެކު އެ ރިޕޯޓް ވަނީ ފާސްކޮށްފަ އެވެ.

އޮޑޓް ރިޕޯޓުގައިވާ ގޮތުން ވަޒީފާގެ އިންޓަވިއުއެއް ނެތި ދާއިމީ ވަޒީފާތަކަށް މުވައްޒަފުން ގިނަ އަދަދަކަށް ނަގާފައިވާއިރު، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް 1،300 މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވެ އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުންނަށް އަހަރަކު އެއް ފަހަރަށް ވުރެ ގިނައިން ވެސް ޕްރޮމޯޝަން ދީފައި ހުރިކަން އޮޑިޓް ރިޕޯޓުން ހާމަވެ އެވެ.

މާލިއްޔަތު ކޮމިޓީން ވަނީ އެ މައްސަލަ އޭސީސީ އާއި ފުލުހުން ބެލުމަށްފަހު އެކަމުގެ ތަފްސީލުތައް އެ އިދާރާތަކުން މަހަކު އެއްފަހަރު އެ ކޮމިޓީއަށް ހުށަހެޅުމަށް އަންގައިފަ އެވެ.

މީގެ އިތުރުން 2021 ވަނަ އަހަރުން ފެށިގެން 2023 އަހަރުގެ ނިޔަލަށް އިންހައުސް ޕްރޮޖެކްޓްތަކަށް ނެގި މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އިތުރަށް 229،000ރ. ދީފައިވާތީ އެކަން ހިނގާފައިވާ ގޮތް އިދާރީ ގޮތުން ބެލުމަށްފަހު އެ ފައިސާ ހޯދުމަށް އެންގުމަށާއި އަދި އެ ފައިސާ އަނބުރާ ހޯދުނު މިންވަރާއި ނުލިބިވާ މިންވަރު މާލިއްޔަތު ކޮމިޓީއަށް އަންގަމުން ދިއުމަށް ވެސް ކޮމެޓީން އެންގި އެވެ.

މާލިއްޔަތު ކޮމިޓީން ވަނީ ފެނަކައިގެ މުވައްޒަފުންގެ އަދަދު މަދުކޮށް، ހަރަދު ކުޑަކުރަން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ތިން މަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަންގައިފަ އެވެ. އަދި ފެނަކައާ ގުޅޭގޮތުން އޭސީސީން ބަލަމުންދާ މައްސަލަތައް ހިނގާ ގޮތުގެ އަޕްޑޭޓް އެ ކޮމިޓީއަށް ހުށަހެޅުމަށް އޭސީސީއަށް ވެސް އެ ކޮމެޓީން އަންގާފައިވެ އެވެ.

މާލިއްޔަތު ކޮމިޓީން ވަނީ ކުންފުނީގެ މުވައްޒަފުން ނެގުމުގެ އާންމުކޮށް އިއުލާނު ނުކޮށް ކުންފުނީގެ ވަޒީފާތައް ދެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އިއުލާނު ކޮށްގެން މުވައްޒަފުން ނަގަންޖެހޭ ގޮތަށް ގަވާއިދު ބަދަލު ކުރުމަށް ވެސް އަންގައިފަ އެވެ. އަދި އެކަމާ ގުޅޭ އުސޫލުތައް ސާފުކޮށް އެނގެން އޮންނަ ސްޓޭޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)ތައް އެކުލަވާލުމަށް ވެސް ކޮމިޓީން އަންގައިފަ އެވެ.

"ކުންފުނީގެ މުސާރައިގެ އޮނިގަނޑާއި ހާމަނައިޒް ކުރެވިފައިވާ ސްލެސިފިކޭޝަންތައް މި ރިޕޯޓް ފާސްކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ފެނަކަ ކޯޕަރޭޝަނަށް އަންގަން،" މާލިއްޔަތު ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އާންމުކުރި ފެނަކައިގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދާއިމީ މުވައްޒަފުންގެ އިތުރުން ވަގުތީ މުވައްޒަފުންގެ އަދަދު ވެސް ތިން އަހަރުގެ ތެރޭގައި 78 ޕަސެންޓަށް އިތުރުވި އެވެ. އެގޮތުން އެ ރެކޯޑުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު އެ ކުންފުނީގައި ތިބީ 3،500 މުވައްޒަފުންނެވެ. ނަމަވެސް 2023 ވަނަ އަހަރު އެ އަދަދު ހުރީ ގާތްގަނޑަކަށް 7،000 ގަ އެވެ.

ކޮމެޓީން އެގޮތަށް އެންގިއިރު ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް ދަނީ ތަންފީޒު ކުރަމުންނެވެ. އެކަމަކު އޭނާ މިހާރު ހުރީ ސިއްހީ ސަބަބުތަކަށްޓަކައި ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.