ފެނަކަ އުފެއްދީއްސުރެ އެ ކުންފުނީގެ އެތެރޭގައި ހިންގާ ކޮރަޕްޝަންގެ ވާހަކަތަކާއި އެތައް ޖަރީމާއެއްގެ ވާހަކަތައް ކަނޑައިގެން ނުދެ އެވެ. އެ ވާހަކަތައް އާންމުވި ވަރަކީ އެއީ މިހާރު މާ ބޮޑެތި ކަންތައްތަކެއް ކަމަށް ވެސް ދިވެހިންގެ ކުރިމަތީގައި ނުވުމެވެ. އެކަމަކު، އެ ކުންފުނި ހިންގުމާ މި ފަހުން ހަވާލުވެވަޑައިގެންނެވި މުހައްމަދު އަފީފް ގެންދަވަނީ މަގާމުގައި ހުންނަވައިގެން އޭގެ ތެރެއިން ބޮޑެތި މައްސަލަތައް ތިލަ ކުރައްވްމުންނެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ އޭޕްރީލް މަހު އައްޔަންކުރި އަފީފް ދައްކަވަނީ އަހަރެމެން ކޮފީ މޭޒުތަކުގައި އަަބަދުވެސް ދައްކާ ވާހަކަތަކެވެ. ދައުލަތުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުން އޮފީހަށް ގޮސް އުޅޭ ގޮތުގެ ވާހަކަ އެވެ. ހިންގާ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނަގާ ގޮތެވެ. އެއީ ދިވެހިން މިހާރު ކޮފީ މޭޒުގައި ހިތްހަމަޖައްސާލަން ދައްކާ ވާހަކަތަކެއް ކަމަށް ވިޔަސް އަފީފް އެކަން ކަށަވަރު ކޮށްދެވީ އެވެ.
"އަބަދު ވެސް ރަށްރަށުގައި، ބޭނުންވާ މިންވަރަށް ޖެނަރޭޓިން ކެޕޭސިޓީ އިތުރު ނުކުރެވިގެން، ބޭނުންވާ މިންވަރަށް ޑިސްޓްރިބިއުޝަން ވިއުގަ ފުޅާ ނުކުރެވިގެން، ޑިސްޓްރިބިއުޝަން ވިއުގަ ފުޅާކުރަން ބޭނުންވާ ސައިޒްގެ ކޭބަލް ނުލިބިގެން މިއުޅެނީ، ދެން އަނެއްކާ ނަރުދަމާ ނިޒާމު ވެސް ރަނގަޅު ގޮތުގައި މެނޭޖްކުރުމަށް ދަތިވާ ހާލަތްތައް އެބަ އާދޭ،" މިއީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔޫޓިލިޓީ ހިދުމަތްދޭ، ފެނަކަ ކޯޕަރޭޝަން އޮތް ހާލަތާ ގުޅޭ ގޮތުން އެމްޑީ އަފީފްގެ ހުލާސާ އެކެވެ.
މި ސަރުކާރުން އެ ކޯޕަރޭޝަން ހިންގަން އައްޔަން ކުރި ތިންވަނަ މެނޭޖިން ޑިރެކްޓަރު އަފީފް މި ވާހަކަތައް ވިދާޅުވީ އެ ކޯޕަރޭޝަނަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ސަބަބު ބަޔާންކޮށްދެއްވުމަށެވެ. އެ ހައިސިއްޔަތުން ނޫން ނަމަ މިއީ ދައްކަވާ ވަރަށް ވުރެ މާ ބާ ވާހަކަތަކެކެވެ.
އަފީފް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ބޭނުންވާ އެތައްއެތައް ކަމެއް ނުކުރެވެނީ އެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ނެތިގެންނެވެ. ނަމަވެސް އެ ތަކެތި ހޯދަން ފެނަކައިން ވަނީ އެކި ދުވަސްވަރު، ބޮޑެތި ހަރަދުތައް ކޮށްފަ އެވެ.
ފެނަކަ އަށް މުދަލާ ހިދުމަތް ހޯދާފައިވާ ގޮތާއި އެ ކޯޕަރޭޝަންގެ މާލީ ހާލަތު ބަލައި، އޮޑިޓް އޮފީހުން މިދިޔަ އަހަރު ނެރުނު ރިޕޯޓްގައިވާ ގޮތުން 2021 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް ފެނަކައަށް ތަކެއްޗާއި ހިދުމަތް ހޯދަން ޖުމްލަ 2.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ. އޭގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިއުލާން ކޮށްގެން އެންމެ އެކަށީގެންވާ ފަރާތްތައް ހޯދައިގެނެއް ނޫނެވެ.
އެ ގޮތަށް ހިންގާފައިވާ މުއާމަލާތްތަކުގެ ބައެއ ތަފްސީލުތައް "މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުގައި އަފީފް ވިދާޅުވެ ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަނަރޭޓަރުތަކަށާއި އެހެން އިކްއިޕްމެންޓްތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ސީދާ އެ ތަކެތި އުފައްދާ ކުންފުނިތަކުގެ އޮތޮަރައިޒްޑް ޑިސްޓްރިބިއުޓަރުން ތިއްބާ ފެނަކަ އަށް ހޯދާފައި ހުރީ "ވަރަށް އާދައިގެ ތިން ވަނަ ފަރާތެއް" މެދުވެރިކޮށްގެންނެވެ.
"މިސާލަކަށް ފެން ޕްލާންޓްތަކާއި ޑިސްޓްރިބިއުޝަން ވިއުގާ ފުޅާކުރުމަށް ބޭނުންވާ ތަކެެއްޗާއި ޖަނަރޭޓަރުތަކާއި މި ތަކެތި ވެސް އެބަހުރި ވަރަށް އާދައިގެ ކަރުދާސް ކުންފުނިތައް މެދުވެރިކޮށް ގެނެސްފައި،" އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވި ގޮތުގައި ފެނަކައަށް ތަކެތި ހޯދަން ހަވާލުކޮށްފައިވާ ބައެއް ކުންފުނިތަކަށް ބޮޑެތި ނަންތައް ކިޔަސް އެއީ ކޮން ކަހަލަ ކުންފުނިތަކެއްކަން އެނގެނީ އެ ކުންފުނިތަކުގެ ނަންބޯޑެއް ހާ ހިސާބު ވެސް ރާއްޖޭގައި ނެތީމަ އެވެ.
"ކޮންމެވެސް ކުޑަކުޑަ ނަމެއްގެ ފަހަތަށް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑެކޭ ކިޔާފައި، އެ އިންޓަނޭޝަނަލް ކުންފުނީގެ ނުހުރޭ ރާއްޖޭގެ އެއްވެސް ތަނެއްގައި ނަން ބޯޑެއް ވެސް، އައުޓްލެޓެއް ވެސް ނުހުރޭ، ދެން އެކަމަކު އެ ކަހަލަ ކުންފުނިތައް މެދުވެރިކޮށް މި ހުންނަނީ ގެނެސްފައި،" އަފީފް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑަށް ފާހަގަ ކުރެވުނީ [ސައިކަލުގެ] މަޑި ދަށުގައޭ މި ކުންފުނިތައް ހުންނަނީ."
ތަކެއްޗާއި ހިދުމަތް ހޯދަން އެފަދަ ކުންފުނިތަކާ ހަވާލުކުރުމުގެ ސަބަބުން ފެނަކަ އަށް ޖެހިފައިވާ ހާލު ވެސް މިދިޔަ އަހަރު ނެރުނު އޮޑިޓް ރިޕޯޓްގައި ސާފުކޮށް އެބަ އޮތެވެ. އެ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެކި ކުންފުނިތަކާ ހަވާލުކުރި މަސައްކަތްތަަކަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އިރު އޭގެ ތެރެއިން 41 މަޝްރޫއެއް ނުނިމެ އެވެ. ނުނިމި ހުރި މަސައްކަތްތައް ނިންމުމަށްޓަކައި ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރަށް ހަރަދުކުރަން ޖެހޭނެ ކަމަށް ރިޕޯޓްގައި ލަފާކޮށްފައި ވެ އެވެ.
އަފީފް ވިދާޅުވީ ފެނަކަ އަށް ބޭނުންވާ ހިދުމަތާއި ތަކެތި ލިބުނުކަން ކަށަވަރު ކުރެވިފައި ނެތަސް، ފޯރުކޮށްދިން ކަމަށް ބުނާ ހިދުމަތާއި ތަކެތީގެ އަގު ހޯދަން "ކަރުދާސް ކުންފުނިތަކުން" ފެނަކަ މިހާރު ވެސް އަންނަ ކަމަށެވެ.
"އެ ތަކެތި [އެ ކުންފުނިތަކުން ގެނައި ކަމަށް ބުނާ ތަކެތި] ރިސީވް ކުރެވުނު ތަނެއް ނޭނގޭ، ޑެލިވަރީ ކުރެވުނު ތަނެެއް ވެސް ނޭނގޭ. އޭގެ ސައްހަ ކަމެއް ނުވަތަ ސައްހަ ސްޕެސިފިކޭޝަނާ ދިމާވާ ކަމެއް ވެސް ނޭނގޭ،" ފެނަކައިގެ ހާލަތު ސިފަކޮށްދެއްވަމުން އަފީފް ވިދާޅުވި އެވެ.
ބޭނުންޖެހުމުގެ ކުރިން ތަކެތި ވީރާނާ ވަނީ
ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި ނަގާފައި މުވައްޒަފުން ކުރާނެ ކަމެއް ނެތި އެހެން ކަންކަމުގައި އުޅޭއިރު ރަށްރަށަށް ގެންދިޔަ އަގުބޮޑު އެތައް މުދަލެއް ވެސް ބޭނުމެއް ނުކުރެވި ވީރާނާވާން ދޫކޮށްލާފައި އެބަހުއްޓެވެ.
އެއީ ވެސް އާ މެނޭޖިން ޑިރެކްޓަރު އަފީފް ވިދާޅުވި ގޮތުގައި ފެނަކަ އަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.
"ރައްޔިތުން މިހާރަކު އިތުބާރެއް ނުކުރޭ އިނގޭތޯ ކަމެއް ކުރާނަމޭ ބުނެގެންނެއް، ކަން ކޮށްފައި ދައްކަން ޖެހޭނީ،"
އޭނާ ވިދާޅުވީ މާޒީގައި ފެށި އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ ސިމެންތި އެކި ސައިޓްތަކުގައި ގާވެފައި އެބަހުރި ކަމަށާއި ގެންދިޔަ ދަގަނޑުތައް ވެސް ހުރީ ދަބަރު ޖަހާފައި ކަމަށެވެ. ހަލާކުވެފައިވާ ބައެއް މުދަލަކީ އަފީފް ވިދާޅުވި ގޮތުގައި މަޝްރޫއު ކުރިއަށް ގެންދާ ޓައިމްލައިނާ އެއްގޮތަށް ތަރުތީބުން ގެނައި ތަކެެއްޗެއް ނޫނެވެ.
"އިންޖީނުގެތައް އިމާރާތްކުރުމުގެ މަސައްކަތް ފަށަން ވެގެން، ފުރަތަމަ ބޭނުންވާނީ ބިންގާ އަޅަންތާ ދެއްތޯ؟ ބިންގާ އަޅައިގެން ކުރިއަށް ގެންގޮސް ނިމުނީމާ ޗިމްނީ ބޭނުންވާނީ، ފަހުން ދުން ހޮޅީގައި ޖަހަން ޖެހޭ ޗިމްނީ ކުރިން ގެނެސްފި ކަމަށް ވަންޏާ އޭތި ބާއްވާނެ ތަނެއް ވެސް ނޯންނާނެ، ބޭއްވި ތާކު ހަމައަކަށް ނުވެސް އޮންނާނެ، ހަލާކުވެދާ އިރު ވެސް ނޭނގޭނެ، މިހެން ގޮސް ވަރަށް ބޮޑެތި އިހުމާލުތައް އެބަހުރި، "އަފީފް ތަފުސީލްކޮށް ވިދާޅުވި އެވެ.
ތަކެއްޗާއި ހިދުމަތް ހޯދުމުގައި އެ ވަރަށް އިހުމާލު ވެފައި ވާއިރު ދެމިގެންދާ ގެއްލުމެއްގެ ގޮތުގައި ބޭކާރު އެތައް މުވައްޒަފުންނެއް ވެސް ކުރީގެ އެކި ސަރުކާރުތަކުން ތިބީ ވައްދައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އެއްވެސް ޒިންމާއަކާ ނުލައި މުސާރަ ދޭން ޖެހިފައިވާއިރު އެއް ރަށުން އަނެއް ރަށަށް ގެންދިޔަ މުވައްޒަފުން ބޭތިއްބުމުގެ ނަމުގައި އެތައް ތަނެއް ކުއްޔަށް ހިފާފައި ވެސް ހުއްޓެވެ.
އަފީފް ވިދާޅުވީ އެގޮތަށް ކުއްޔަށް ހިފާފައި ހުރި ބައެއް ގެތަކުގެ ވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ހުރުމުން އެ ފައިސާ ހޯދަން ވެސް އެތައް ބަޔަކު އާދޭސް ކުރާ ކަމަށެވެ.
މި އުޅެނީ ދެމެހެއްޓިނިވި ގޮތަކަށް ހިންގޭނެ ބަދަލުތައް ގެންނަން
ފެނަކައިގެ ހާލަތާ ބެހޭ ގޮތުން އަފީފް މިހާ ތަފްސީލުކޮށް ވާހަކަ ދެއްކެވީ އޮޑިޓް ރިޕޯޓްތަކާއި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީގެ ރިޕޯޓެއް ބައްލަވައިގެންނެއް ނޫނެވެ. އެ ރިޕޯޓްތައް އެހެން ހުއްޓަސް އޭނާ ވަނީ އެކި ތަންތަނަަށް ދަތުރުކުރައްވައި ހާލަތު އޮތް ގޮތް އަމިއްލައަށް ބައްލަވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިންގުމުގެ ދާއިރާގެ 27 އަހަރުގެ ތަޖުރިބާއާ އެކު ފެނަކަ ހިންގުމާ ހަވާލުވެ ވަޑައިގެން އޭނާ ފުރަަތަމަ ވެސް ބެއްލެވީ އެ ކޯޕަރޭޝަން އޮތް ހާލަތެވެ.
"މި ހުރިހާ ކަމެއް މިހެން ހުރީމާ، އަޅުގަނޑު ބަލާފައި އަޅުގަނޑު މި އުޅެނީ ކުންފުނި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ކުންފުންޏަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތުގައި،" އަފީފް ވިދާޅުވި އެވެ.
އެ މަސައްކަތް އަވަހަށް ކުރަން ޖެހެނީ ފެނަކަ އަކީ ރައްޔިތުންނަށް ވަރަށް އަސާސީ ހިދުމަތްތަކެއް ދޭ ކުންފުންޏަކަށް ވާތީ އެވެ. އަފީފް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ސީދާ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެކެވެ.
ހިދުމަތް ދިނުމުގައި ރައްޔިތުންގެ އިތުބާރު ހޯދަން ޖެހިފައި ވާއިރު، އޭނާ ވިދާޅުވި ގޮތުގައި ކަމެއް ކުރާނަމޭ ބުނެގެން އެ ވާހަކަ ގަބޫލުކުރާނެ ބަޔަކު މިހާރަކު ނެތެވެ.
"ރައްޔިތުން މިހާރަކު އިތުބާރެއް ނުކުރޭ އިނގޭތޯ ކަމެއް ކުރާނަމޭ ބުނެގެންނެއް، ކަން ކޮށްފައި ދައްކަން ޖެހޭނީ،" އަފީފް ވިދާލުވި އެވެ.
އިތުބާރު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ އެވެ. ބޭނުންވާ ވަރަށް ކަރަންޓް ނުލިބޭ [ވޯލްޓޭޖް ދަށް] ތަންތަނަށް ވޯލްޓޭޖް ޖެހޭނީ މަތިކުރާށެވެ. އަލަށް އާބާދުވާ ސަރަހައްދުތަކަށް ނަރުދަމާ ފުޅާކުރާށެެވެ. ފެނުގެ ހިދުމަތް ކެނޑޭ ރަށްރަށުގައި އެ މައްސަލަ ހައްލުކުރާށެވެ. މިއީ ކުރިމަތީގައި ހުރި ބޮޑެތި އެކަމަކު، ހައްލު ކޮށްގެން ކުރިއަށް ނުދެވޭނެ ބޮޑެތި މައްސަލަތަކެވެ.
ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ފެނަކަ މި ހާލަތަށް ދިޔައީ ނޭނގިއެއް ނޫނެވެ. އެކިއެކި ސަރުކާރުތަކުގައި ކަމާ ގުޅޭ ވެރިން ބަލަހައްޓަވައިގެން ތިއްބަވަނިކޮށެވެ. ބޮޑެތި ރިޕޯޓުތައް ވެސް ވެރިިންގެ މޭޒުކޮޅު މައްޗަށް ފޮނުއްވި އެވެ. އެކަމަކު، އަޅައެއް ނުލެއްވި އެވެ. ފެނަކައިގެ ބައެއް ބޭފުޅުން އިތުރަށް ބާރުގަދަވީ އެވެ.
ފެނަކައިގެން މިހާރުގެ އެމްޑީ އަފީފް މި ދައްކަވާ ވާހަކަތަކުގައި މާ ބޮޑު ސިހުމެއް އަންނަ ޒާތުގެ ވާހަކައެއް ނެތެވެ. އެކަމަކު، އެ މަގާމުގައި ހުންނަވައިގެން ހަމަ މި ސަރުކާރުގެ މާޒީ ވެސް ހިމަނައިގެން އެ ވާހަކަތައް ދައްކަވާ ނަމަ ކޮންމެވެސް ވަރެއްގެ އުންމީދެއް އޮވެދާނެ އެވެ. އަފީފަކީ މި ސަރުކާރުގެ ތިންވަނަ އެމްޑީ އެވެ. ބާކީ އޮތް މުއްދަތަށް ބަލަމާ ހިނގާށެވެ.