ފެނަކައާ ގުޅިގެން އޮޑިޓް ރިޕޯޓުގައި ބަލާ މައްސަލަތަކާއި، ގެނައި އިސްލާހުތަކާއި ކުންފުނީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ކޮންމެ ދެ މަހަކުން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ޖެހޭ ގޮތަށް މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ކުންފުނީގެ މާލީ ހާލަތާއި ހިސާބުތައް ބެލެހެއްޓުމާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން ކޮމިޓީން ކުރި ދިރާސާއަށް ފަހު ވަނީ މުހިއްމު ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. އެ ރިޕޯޓުގައި ފާހަގަކުރި ގިނަ މައްސަލަތަކެއް ތަހުގީގުކޮށް އެކަންކަން ސީދާ މާލިއްޔަތު ކޮމިޓީއަށް އަންގަން ޖެހޭނެ ކަމަށްވެސް އެ ހުށަހެޅުންތަކުގައިވެ އެވެ.
ހުށަހެޅުމުގައި ހުރި މުހިއްމު ބައެއް ކަންކަން:
1. ފެނަކަ ކޯޕަރޭޝަންގެ މުދަލާ ހިދުމަތް ހޯދުމުގައި އަމަލުކުރަން ކަނޑައަޅާފައިވާ ގަވައިދާ ހިލާފަށް ކުރީގެ މެނޭޖިން ޑިރެކްޓަރަކާ އާއިލީ ގުޅުންހުރި ކުންފުނިތަކުން މުދަލާ ހިދުމަތް ހޯދުމަށް 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް 92 އެއްބަސްވުމުގެ ދަށުން ޖުމްލަ 49 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށް، އެކުންފުނިތަކަށް 31 މިލިއަން ރުފިޔާ ދޫކޮށްފައިވާތީ، ދުރުރާސްތާ ޕްލޭނެއް ނެތި އަވަސް އަރުވާލައިގެން ގިނަ މަޝްރޫއުތަކެއް ފަށާ، މާލީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާތީ، އެކަން އޭސީސީ އާއި ޕޮލިހަށް ހުށަހަޅާ، މައްސަލަ ނިމެންދެން އެ މައްސަލަ ކުރިއަށްދާ ގޮތުގެ ތަފްސީލު ކޮންމެ ތިން މަހަކުން އެ މައުލޫމާތު އެ ދެ އިދާރާއިން ހުށަހަޅަން ޖެހޭނެ.
2. ކުންފުންޏަށް ބޭނުންވާ މުދަލާ ހިދުމަތް ހޯދުމުގައި އަމަލުކުރަން ޖެހޭ އުސޫލާ ހިލާފަށް އަމަލުކޮށްފައިވާތީ، އެކަން ވެސް އޭސީސީ އާއި ޕޮލިހަށް އަންގާ އޭގެ ތަފްސީލު ކޮންމެ ދެމަހަކުން އެއް ފަހަރު ފެނަކައިން ހުށަހަށަން ޖެހޭނެ.
3. ކުންފުންޏަށް ގެއްލުންވާ ގޮތަށް ޕްރޮޖެކްޓްތައް ހިންގާފައިވާތީ، އެކަމާ ގުޅޭ މައްސަލަތައް ބަލާ އެކަން ވެސް ދެމަހަކުން މާލިއްތަރު ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އަންގާފައި.
4. މާކެޓް ރޭޓަށް ވުރެ ބޮޑު އަގުގައި ބައެއް ހިދުމަތްތައް ހޯދަން އެއްބަސްވުންތައް ހުށަހަޅާފައިވާތީ، އެކަން ތަހުގީގުކުރުމަށް ކަމާ ގުޅޭ އިދާރާއަށް ހުށަހަޅާ، މާކެޓް ރޭޓަށް ވުރެ އަގުބޮޑުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭން އެކުންފުންޏަށް ވަނީ އަންގާފައި.
5. އިންޖީނުގެ އާއި އޮފީސް އިމާރާތްތައް ހެދުމަށް، ހެދި އެއްބަސްވުންތަކުގެ ތެރެއިން ބާތިލްކޮށްފައިވާ އެގްރީމެންޓްތަކުގެ އެޑްވާންސް ފައިސާ ހޯދުނު މިންވަރުގެ ތަފްސީލުތައް ކޮންމެ ދެމަހަކަުން މާލިއްޔަތު ކޮމިޓީއަށް އެންގުމަށް ފެނަކައަށް އެދިފައިވޭ.
6. ފެނަކައަށް ބޭނުންވާ އަޑީ ތެޔޮ އަދި ސްޕެއާ ޕާޓްސް ގަނެފައިވަނީ ޓެންޑަރިން ޕްރޮސެސްއެއް ނެތިކަމަށްވާތީ، އެކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާ، ކޮންމެ ދެ މަހަކުން އެކަމުގެ ތަފްސީލު މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން އަންގާފައިވޭ.
7. ޖަނަރޭޓަރުތައް ގެނައުމުގައި ބާ ޖަނަރޭޓަރުތަކެއް ގެނެސްފައިވާތީ، އެކަން ވެސް ތަހުގީގީ އިދާރާތަކަށް ހުށަހަޅާ އެކަމުގެ ތަފްސީލު ވެސް މާލިއްޔަތު ކޮމިޓީއަށް ކޮންމެ ދެމަހަކުން އެންގުމަށް އެދިފައިވޭ.
މީގެ އިތުރުން ވެސް އެކުންފުނީގެ މުދަލާ ފައިސާ އިސްރާފުވާގޮތަށް ހިންގާފައިވާ ވަކިވަކި އެހެން ޕްރޮޖެކްޓްތައް ވެސް ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާ، އެކަންކަމުގެ ތަފްސީލުތައް ކޮންމެ ދެމަހަކުން އެކޮމިޓީއަށް އަންގަން ޖެހޭނެ ކަމަށް މާލިއްޔަތު ކޮމިޓީން ކަނޑައަޅާފައިވެ އެވެ.
އެ ހުށެޅުންތައް ކޮމިޓީއަށް ހުށަހަޅާފައިވަނީ، ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އާންމުކުރި ފެނަކައިގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދާއިމީ މުވައްޒަފުންގެ އިތުރުން ވަގުތީ މުވައްޒަފުންގެ އަދަދު ވެސް ތިން އަހަރުގެ ތެރޭގައި 78 ޕަސެންޓަށް އިތުރުވި އެވެ. އެގޮތުން އެ ރެކޯޑުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު އެ ކުންފުނީގައި ތިބީ 3،500 މުވައްޒަފުންނެވެ. ނަމަވެސް 2023 ވަނަ އަހަރު އެ އަދަދު ހުރީ ގާތްގަނޑަކަށް 7،000 ގަ އެވެ.