ދެހާސް ތޭވީސް ވަނަ އަހަރު އަދި މިދިޔަ އަހަރު ވެސް 50 ޕަސެންޓް މުވައްޒަފުން ކުންފުންޏަށް ނެގީ އާންމުކޮށް އިއުލާނު ނުކޮށް ކަމަށް އޮޑިޓް އޮފީހުން ބުނި.
ފެނަކަ އޮފީސް. އިއުލާނު ކުރުމެއް ނެތި އިންޓަވިއު ނުކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ވެއްދި ކަމަށް އޮޑިޓް އޮފީހުން ބުނެފައިވޭ -- ފޮޓޯ: ފެނަކަ
24 އޮކްޓޯބަރ 2025 - 14:45
ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ އަދަދު 2020 އިން 2023 ގެ ނިޔަލަށް 60 ޕަސެންޓު އިތުރު ވެފައިވާ ކަމަށާއި އެ މުއްދަތުގައި މުވައްޒަފުން ނަގާފައި ވަނީ އިއުލާން ނުކޮށް އަދި އިންޓަވިއުގެ މަރުހަލާތަކާ ވެސް ނުލައި ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން އިއްޔެ ބުނެފި އެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓަ ޖެނެރަލްގެ އޮފީހުން އިއްޔެ ހާމަކުރި މައުލޫމާތުތަކުގައިވާ ގޮތުން ދާއިމީ މުވައްޒަފުންގެ އިތުރުން ވަގުތީ މުވައްޒަފުންގެ އަދަދު ވެސް ތިން އަހަރުގެ ތެރޭގައި 78 ޕަސެންޓަށް އިތުރުވި އެވެ. ރެކޯޑުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު އެ ކުންފުނީގައި ތިބީ 3،500 މުވައްޒަފުންނެވެ. އަދި 2023 ވަނަ އަހަރު އެ އަދަދު ހުރީ ގާތްގަނޑަކަށް 7،000 ގަ އެވެ.
އޭގެ ތެރޭގައި ރަށްރަށުގެ ޕްރޮޖެކްޓްތައް ހިންގުމަށް ނަގާފައިވާ ވަގުތީ މުވައްޒަފުންގެ އަދަދު 2،900 އަށް އަރަ އެވެ.
ފެނަކައިގެ މުވައްޒަފުންނާ ގުޅޭ ޕްރެޒެންޓޭޝަން ދެއްވި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަ ޖެނެރަލް އަބްދުﷲ ޒުހުރީ ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު އިތުރު ކުރަމުން ގެންގޮސްފައި ވަނީ އޮޕަރޭޝަން ފުޅާވަމުން ދިޔަ ސްޕީޑާ ނުބައްދަލު އަދަދަކަށް ކަމަށެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަ ޖެނެރަލް ޒުހުރީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ފެނަކައިގެ ހާލަތު އިއްޔެ ވިދާޅުވެދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ކުންފުންޏަށް ލިބޭ އާމްދަނީ އާއި މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ކުރަ ހޭދަ އަށް ބަލާއިރު އެ ކުރާ ހޭދަ 23-25 ޕަސެންޓުގައި 2020 ވަނަ އަހަރު ހިފެހެއްޓިފައިވާ އިރު 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ކުރާ ހޭދަ 38 ޕަސެންޓާއި 39 ޕަސެންޓަށް ދެމެދުގައި އިތުރު ވެގެންދިޔަ،" އޭނާ ވިދާޅުވި އެވެ.
މުވައްޒަފުން އިތުރު ކުރުމާ އެއްވަރެއްގެ އޮޕަރޭޝަން ހިންގަމުން އައި ރަށްރަށުގައި ވެސް މުވައްޒަފުންގެ އަދަދުގެ ބޮޑެތި ފަރަގުތަކެއް ފާހަގަކުރެވިފައިވާ ކަމަށް ޒުހުރީ ވިދާޅުވި އެވެ. އެގޮތުން އެއް ލެވެލްއެއްގެ އޮޕަރޭޝަނެއް ހިނގާ އެއް ރަށުގައި 15 މުވައްޒަފުން ތިބި އިރު އަނެއް ރަށުގައި 36 މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަކަން ވެސް ފެނަކައިގެ އޮޑިޓުން ފާހަގަވި އެވެ
ވަޒީފާގެ އިންޓަވިއުއެއް ނެތި ދާއިމީ ވަޒީފާތަކަށް މުވައްޒަފުން ނަގަމުން ދިޔަކަން ފާހަގަކުރެވޭ. މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައި ހުރި ގޮތަށް ބަލާއިރު 2021 އިން 2023 އަށް 1،300 މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައި އެބަހުރި. ބައެއް މުވައްޒަފުންނަށް އަހަރަކު އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް ޕްރޮމޯޝަން ދީފައި އެބަހުރި،"--- ޒުހުރީ
މުވައްޒަފުން ނެގުމުގައިވެސް 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ހަމައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނު ކަމަށް ޒުހުރީ ވިދާޅުވި އެވެ. އެގޮތުން 2021 ގެ ކުރިން މުވައްޒަފުން ނަގަމުން އައީ އާންމުން ހުޅުވާލައިގެން އިއުލާނު ކޮށްގެން ކަމަށް ވިޔަސް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ވެސް 50 ޕަސެންޓް މުވައްޒަފުން ކުންފުންޏަށް ނެގީ އާންމުކޮށް އިއުލާނު ނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އިސްވެރިން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ފެނަކައިގެ ހާލަތު އިއްޔެ ވިދާޅުވެދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ވަޒީފާގެ އިންޓަވިއުއެއް ނެތި ދާއިމީ ވަޒީފާތަކަށް މުވައްޒަފުން ނަގަމުން ދިޔަކަން ފާހަގަކުރެވޭ. މުވައްޒަފުންނަށް ޕްރޮމޯޝަން ދީފަހުރި ގޮތަށް ބަލާއިރު 2021 އިން 2023 އަށް 1،300 މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައި އެބަހުރި. ބައެއް މުވައްޒަފުންނަށް އަހަރަކު އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް ޕްރޮމޯޝަން ދީފައި އެބަހުރި،" ޒުހުރީ ވިދާޅުވި އެވެ.
އޮޑިޓް އޮފީހުން ބުނީ އެއީ ކުންފުނީގެ ގަވައިދުތަކާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައި ވަނީ ޕާފޯމަންސް އެޕްރޭސަލް ވެސް ފުރިހަމަ ނުކޮށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްޑޫ ތެއުމޯލެ ހަޝްމާ
26 October 2025
އެނޫން ގޮތަކަށް ރަނގަޅު އޮފީސް ވަޒީފާއެއް ލިބެން ނެތީމާ 2023 ވަނަ އަހަރުގެ ރިޔާސި އިންތިހާބު ތެރޭގައި ކޮރަޕްޝަން ނުފޫޒުން މްޖިލިސް މެމްބަރުން މެދުވެރިކޮށް އޯލެވެލް އެކަތިންވެސް ފާސް ނުވާ މީހުން ފެނަކާގެ ވަޒީފާތަކަށް ލާފަތިބީ . އައްޑޫ ފެނަކަ ބްރާންޗް އެއީ އެކަމުގެ މިސާލެއް.
އަލި
25 October 2025
މިކަން ހިނގަނީ ވަކި ސަރުކާރެއް އޮވެގެން ނޫނެވެ. އަހަރެމެން ކުއްލިއަކަށް ގައުމަށް ގެނައި މަލްޓިޕާރޓީ ޑިމަކްރަސީގެ ސައިޑް އިފެކްޓް ސަބަބުންނެވެ. ރަނގަޅަށް ތައްޔާރުނުވެ ތިއްބައި ގެނައި ސިސްޓަމުގައި އޮތީ ހަކުރު ދެންޏާ ބޮޑުބޭބެ އުސޫލެވެ. ތިމާގެ ޕާޓީ ކޮންމެ ކަމެއް ކުރިއަސް އޯކޭވާ އުސޫލެވެ. ޕާރޓީ އޮފީސް ދޮށުގައި ބޮޑުންނާއި އެކު އުޅެގެން ވަޒީފާ ހޯދާ އުސޫލެވެ. ޕާރޓީއަށް ވޯޓުހޯދަން މީހުން ރުއްސާ އުސޫލެވެ. ސަރުކާރު ބަދަލުވިއަސް މިއުސޫލުތައް ބަދަލެއްނުވެއެވެ
ކޮރަޕްޓު މީހާ
26 October 2025
ކަލޭމެން އެންމެންވެސް ހެސްކިޔާފަ ކޮރަޕްޓީ އޭ ކިޔަބަލަ މުޅި ޤައުމު ކޮރަޕްޓް ވީމާ ހާލާލެއް ހަރާމެއް ނެތީމާ ވާނެ ހައެތި މިވަނީ. ފިންގާ ޖަހާފަ ގެޔައްގޮސް އޮންނަން މުސާރަ ހަލާލު ނުވާކަމަށް ޚުތުބާގައި ބުނެފައި އަނެއް ކޮޅުން މިކިޔަނީ " އާޚިރަތް ވިއްކާލައި ދުނިޔެ ގަންނާނީ ކާކު" ހޭ ކިޔައި ދޮލަނގަކަށް ލައިގެން ހަރާން ވަޒީފާ ބަހަނީ.
ރާއްޖެ
25 October 2025
މިތަން ތަން ވެސް ހިންގަން ލައިފަ މި ތިބެނީ ޑިގްރީ ނަގާފަ ތިބޭ އެމްޑީންނާއި ހެޗް އާރު ޑިރެކްޓަރުން. އެކަމަކު އެންމެ ބޭސިކް ކަންތައްވެސް ނުކުރޭ.
ފަންވަތް
25 October 2025
ދިވެހި ދައަތުގެ ހާލަތު ހުރިގޮތް. އެކަމަކު މަގުމައްޗަށް ނުކުމެ ގުދޯގުދާ ގޮވާއިރު ލަދުގެ ކަންފުޅެއްވެސް ނުހުރޭ.
ކޮންބައެއްމީ
24 October 2025
ކުރީ ސަރުކާރެކޭ މިހާރުގެ ސަރުކާރެކޭ ތަފާތެއްނެތް.
އިންޖިނިއަރު އުސެއިދު
24 October 2025
ފެނަކައަށް އިންޓަވިއު ނުކޮށް އަދި ކަމަށް ޤާބިލު ނޫން އެއްމެގިނަ މީހުން ވެެއްދި އެމްޑީއަކަށް މިހާރުގެ ފެނަކަ އެމްޑީވާނެއެވެ. މިގޮތަށް ވެއްދި ގިނަ މީހުންނަކީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނެވެ. ނަތީޖާއަކީ ރަށްރަށުގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް ވުރެ ބޮޑު އިސްކަމެއް ދީގެން އެމްޑީގެ ގާތް އެކުވެރިންނަށް ލެޕްޓޮޕް ގަނެދިނުންފަދަ ކުންފުނި ބަނގުރޫޓްވާނެ އެތެއްކަމެއް ކުރުމެވެ. ފެނަކައަށް ވުރެން ދޯހަޅި އެއްވެސް ކުންފުންޏެއް މިހާރުނެތެވެ.
ލަޒާނިއާ
24 October 2025
އެސް އޯއީތަކުގެ ޤަވާއިދުގަ އޮންނާމެ ހެޑް ހަންޓު ކިޔާ އެއްޗެއް އޭގެ ދަށުން ނަގާ ވަޒީފާތައް އިޢުލާނެއް ނުކުރާނެ.. އެކަމު އިންޓަވިއު ކުރަންޖެހޭނެ.. އެކަން ނުކުރުން އެއީ މައްސަލައެއް.. ހުރިހާ ކުންފުންޏެއްގައިވެސް އެކަން އޮންނަނީ އެހެން. މަޖިލީހަށާއި އޭސީސީ ފުލުހުންނަށް މިކަންކަން އެނގެންވާނެ ދޯ؟
ޢެޑްމުންޑޯ
24 October 2025
މިސަރުކާރުން ރޯޑްކޯރޕަރޭޝަންގެ އެއްވެސް މަސައްކަތެއްނުކުރާ ރައްރަށުގައިވެސް މުސްކުޅި އަންހެނުންނަށްދަންދެން މީހުންނަގާފައި މުސާރަދެމުންދާތާ 2 އަހަރުވަނީ ، މަޖްލިސް އިންތިޚާބާ ދިމާކޮށް ގިނަމީހުން ނަގާފައިވަނީ
ޖޯކް
24 October 2025
ގޭންގުމީހުނަށް އާމްދަނީ ދޭން ހަދާފަ ހުންނަ ކަންކަންމީ. ވަޒީފާ އަށަވަރުވާނެ ވެރިކަންކުރާ ޕާޓީޔަށް ސަޕޯޓުކުރުން ޔަގީނައްޔާ. މިސަކަރާތުގެ ފެށުން އައީ ވަހީދު ވެރިކަމަށް އެރި ހިސާބުން. ގޯހުން ގޯހަށްގޮސް މިޔޮތީ މިކަންކަން ރަނގަޅު ނުކުރެވޭހިސާބަށް ގޮއްސަ..
ޖަބާލް
24 October 2025
ތިވާނީ ކަސްޓަމަރުންނަށް މަރްހަބާ ކިޔަން ވައްދާ މީހުނަށް.