Aerial view of the City of Fuvahmulah. -- Photo: Asad's Photography
13 ނޮވެމްބަރ 2025 - 19:42
ފުވައްމުލަކުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރިއިރު، އެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް މީގެ ކުރިން ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުން އޮތީ ފާހަގަކޮށްފަ އެވެ. އެ ސިޓީ އަށް ފެނަކައިން ފޯރުކޮށްދޭ ސަޕްލައިން ފެން ތަޣައްޔަރުވެ، "ފެނަށް ޖެހުން" މިއަދު ބޮޑު މައްސަލައަކަށް ވެގެން އުޅޭއިރު 2023 ގައި ނެރުނު އޮޑިޓް ރިޕޯޓަށް ބަލާއިރު ފެންނަނީ ހައްލު ކުރަންޖެހޭ ބޮޑެތި މައްސަލަތަކެވެ. އެ ރިޕޯޓް އާންމުކޮށް، އެ ކަންކަން އިސްލާހު ކުރަން އޭރު ވެސް އެންގި އެވެ.
ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ނެތުމުގެ މައްސަލަ ހައްލުކުރަން ގާއިމްކުރި ނިޒާމުން ނަތީޖާ ހާސިލުކުރެވިފައި ވަނީ ކިހާވަރަކަށްތޯ ބަަލަން، ހެދި ޕާފޯމެންސް އޮޑިޓަކަށް ފަހު ޖުލައި 2023 ގައި ނެރުނު ރިޕޯޓްގައިވާ ގޮތުން، އެ ސިޓީގެ ފެނުގެ ނިޒާމުން ދޫކުރަމުން އައި ފެނުގެ ކޮލިޓީ އޭރު ވެސް ވަރަށް ދަށެވެ.
އެ ރިޕޯޓްގައިވާ ގޮތުން، އޮޑިޓް ކުރި ދުވަސްވަރު ފެން ޓެސްޓްކުރަން ނެގި ސާމްޕަލްގައި ކޮލިފޯމް [ނަޖިސް ނުވަތަ އެހެއް އެއްޗަކުން ނަަމަވެސް ފެން ތަަޣައްޔަރު ވެފައިވާކަން އެކުލެވޭ ކަން ދައްކައިދޭ ބެކްޓީރިއާއެއް] ގެ އަސަރު ހުއްޓެވެ. ފެނުގައި އެކުލެވޭ އެފަދަ ބާވަތްތައް ނައްތާލުމަށް ޓަކައި އަޅަން ޖެހޭ ކެމިކަލެއް ކަމަށްވާ ކްލޮރިންގެ އަސަރު، ފުވައްމުލަކުން ނެގި ސާމްޕަލްގައި އެކަށީގެންވާ ވަރަށް ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ.
"...އެހެން ކަމުން މި އޮފީހުން ވާނީ ފެނަކަ ކޯޕަރޭޝަނާއި ކަމާ ގުޅޭ ހުރިހާ އިދާރާތަކަށް، މިކަމާ ގުޅިގެން އަވަސް ފިޔަވަޅު އެޅުމަށް އަންގާފަ އެވެ،" މީގެ ދެ އަހަރު ކުރީގެ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން ފުވައްމުލަކުގެ ފެނުގެ ހާލަތު ބަލަން 2022 ވަނަ އަހަރު އޮޑިޓް އޮފީހުން އެންގުމުން، ފެނަކައިން ފެން ޓެސްޓްކުރީ ކޮލިފޯމް އެކުލެވޭ މިންވަރު ބެލުމުގެ ބައި ނުހިމަނަ އެވެ.
ފުވައްމުލަކުގެ ފެނުގެ ނިޒާމުގައި ހުރި މައްސަލަތައް ރެގިއުލޭޓަރީ އޮތޯރިޓީ އަށް އެ ދުވަސްވަރު ހުށަހެޅިޔަސް އެ އޮތޯރިޓީން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ރައްކާކުރުމާއި ސަޕްލައި ކުރުމުގެ ތެރޭގައި ފެން ތަޣައްޔަރު ވިޔަ ނުދިނުމަށް ޓަކައި އެކަށީގެންވާ މިންވަރަށް ރެސިޑުއަލް ކްލޮރިން ހުންނަން ޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ "ޕްރިންސިޕަލް އެންޑް ޕްރެކްޓިސަސް އޮފް ޑްރިންކިން ވޯޓާ ކްލޮރިނޭޝަން" ގައި ބަޔާންކޮށްފައި ވެ އެވެ.
"...ނަމަވެސް ފުވައްމުލައް ސިޓީގައި ގާއިމް ކޮށްފައިވާ ފެނުގެ ނިޒާމުން އުފައްދާ ސަޕްލައި ކުރާ ފެނުގައި ކްލޮރިން ހުރީ އެއް ލީޓަރުގައި 0.02 މިލިގްރާމް ކަމަށް ވާއިރު، މިއީ ރެސިޑުއަލް ކްލޮރިން ހުންނަން ޖެހޭ މިންވަރު ކަމަށް ގައުމީ އަދި ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާގައިޥާ، ތިރީގައިވާ ތާވަލުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ މަދު މިންވަރެއް ކަން ފާހަގަކުރަމެވެ،" ފުވައްމުލަކުގެ ފެނާ ނަރުދަމާގެ ޕާފޯމެންސް އޮޑިޓަށް ފަހު ހެދި ރިޕޯޓްގައި ބުނެފައި ވެ އެވެ.
ފެނުގައި އެކުލެވެން ޖެހޭ ރެސިޑުއަލް ކްލޮރިން އެ މިންގަނޑަށް ވުރެ މަދުކަން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށް ފޮނުވި ރިޕޯޓުން އެނގެން އޮތް އިރު ވެސް އެ އޮތޯރިޓީން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.
"...ސަޕްލައި ފެނުގައި ހުންނަން ޖެހޭ ވަރަށް ރެސިޑުއަލް ކްލޮރިން ނެތުމަކީ ފެން ތަޣައްޔަރު ވުމަށް މެދުވެރިވާ ސަބަބެއް ކަން ފާހަގަކުރަމެވެ."
ފެނަކަ ކުންފުންޏާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައި ބުނީ ފުވައްމުލަކުގެ ފެނުގެ ނިޒާމުން އުފައްދާ ފެނުގެ 70 ޕަސެންޓް ފެން ބިމަށް ލީކުވަމުންދާ ކަން ފާހަގަކުރެވިގެން، އެކަން ރަނގަޅު ކުރަން ކުރި މަސައްކަތުން 2019 ވަނަ އަހަރާ ހަމައަށް އެ ނިސްބަތް ދަށްކުރެވުނީ 44 ޕަސެންޓަށެވެ.
"...މިގޮތުން ޖެނުއަރީ 2021 އިން ފެބްރުއަރީ 2022 މުއްދަތުގައި 125،767 ކޮޑިމީޓަރުގެ ފެން އުފައްދާފައި ވާއިރު، މީގެ ތެރެއިން 45،797 ކޮޑިމީޓަރުގެ ފެނަށް ބިލުކޮށްފައި ވެ އެވެ. އެހެން ކަމުން 79،856 ކޮޑިމީޓަރު (79،856،961ލީޓަރުގެ) ފެން ލީކުވެ، ފެނަކައަށް ބިލު ނުކުރެވި 4،132، 146 ރުފިޔާގެ ގެއްލުން ވެފައިވާ ކަން ފާހަގަކުރެވެެ އެވެ،" އޮޑިޓް ރިޕޯޓްގައި ބުނެފައި ވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން، އެގޮތަށް ފެން ލީކުވަމުން ދިއުމުން، ފެނަކަ އަށް މާލީ ގޮތުން ގެއްލުން ވުމުގެ އިތުރުން ފުވައްމުލަކުގެ ފެން ތަޣައްޔަރު ވުމުގެ ރިސްކު އޮތްކަން އޭރު ވެސް އެނގެ އެވެ. އެއީ ފެން ހޮޅިތަކަކީ ބިމުގައި ވަޅުލާފައިވާ ހޮޅިތަކަށް ވާތީ، ލީކޭޖުގެ ތެެރެއިން ހޮޅިތަކަށް ޖަރާސީމު އެތެރެވުމުގެ ރިސްކު އޮތީމަ އެވެ.
"ފެނުގެ ނިޒާމުގެ ހޮޅިތަކަކީ ބިމުއަޑީގައި ވަޅުލެވިފައިވާ ތަކެތިކަމުގައި ވާއިރު، ފެން ލީކުވާ މައްސަލަ ދެނެ ނުގަނެވި ގިނަ ދުވަސްަތަކެއް ހޭދަވުމުގެ ސަބަބުން، ލީކްވާ ސަރަހައްދުތަކުން ފެނުގެ ނިޒާމުގެ ތެރެއަށް ޖަރާސީމު އެތެރެވުމުގެ ހިރާސް އޮތްކަން ފާހަގަކުރަމެވެ،" އޮޑިޓް ރިޕޯޓްގައި ބުނެފައި ވެ އެވެ.
ފުވައްމުލަކުގެ ނަރުދަމާ ނިޒާމުގައި ވެސް އެފަަދަ ބޮޑެތި މައްސަލަތައް ހުރިކަން އެ ރިޕޯޓްގައި ބުނެފައި ވެ އެވެ.
ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ވަރު ވުމުން މުޅި ރަށުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެން ކަނޑާލައި، ފެނުގެ ނެޓްވޯކު ސާފުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެކަން ނިންމައި މިއަދުގެ މެންދުރު ގޭގެ އަށް ފެން ފޯރުކޮށްދޭން ފަށާފައިވީ ނަމަވެސް ފެނުގެ ސާމްޕަލްގެ ނަތީޖާ ނުލިބޭތީ ފެން ބޭނުން ނުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދެ އެވެ. އެއީ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެންގި އެންގުމެއް ކަމަށް ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެނދިމަރިޔަނބު
14 November 2025
2023 ގެ ތަފާސްހިސާބަށް ބަލާއިރު ފެނަކައިގަ 8،000 އަށްވުރެ ގިނަ މުވައްޒަފުން އެބަތިބި. ފެނުގެ މައްސަލަ ހައްލުނުވެ އާންމު ސިއްހަތު ބޮޑު ނުރައްކަލަކަށް ހުށްހެޅިފައިވާއިރު އެކަމުގެ ޒިންމާ ނަގަން ޖެހޭނެ.
ގައްދޫ
14 November 2025
ގދ. ގައްދޫގަ ވެސް ނަރުދަމާ ނިޒާމުގަ ލީކް އެބައުޅޭ. މިކަން ބަލާނެ ފަރާތެއްނެތް.
ޢެޑްމުންޑޯ
14 November 2025
މިއޮތްހާ ދުވަހު މުލަކުގެ ރައްޔިތުން ނަޖިސް ފެނުން ފެންވަރާ ބޮއި ހަދަމުން ދިޔަކަން މިއެގުނީ ، ސިއްޙި ބޮޑު ނުރައްކަލެއްގެ ތެރެއަށް ދޫކޮއްލާފައި ވަނީ ، ހެޔޮވާނީ ކިހިނެއް ، މިދިޔަސަރުކާރުން އިންތިހާއަށް ގޯސްކޮށް ކޮއްފައި އޮތްކަމެއް ސަރުކާރު ބަދަލުވެގެން 2 އަހަރުވީ އިރުވެސް އެގިތިބެ އަޅާނުލާ ދޫކޮއްލާފައިވާކަމީ މިސަރުކާރުގެވެސް ވަރަށްބޮޑު އިހުމާލެއް ، ފެނަކާގެ ވެރިން އިސްތިއުފާ ދޭންޖެހޭވަރުގެ ބޮޑު މައްސަލައެއް
ޕާޓީ ސިސްޓަމް އައުޓް
14 November 2025
އެންމެހާ ދިރޭ ތަކެއްޗަށް ބޭނުންވާ އެންމެ އަސާސީ އެކަތި ފެނަކީ. މި އުފައްދާ ބަލަހައްޓަން ވަޒީފާއަށް ނަގަނީ ފަންނީ ބަޔަކަށްވުރެ ކޮރަޕްޝަންގެ ތެރެއިން، ސިޔާސީ ޕާޓީތަކުން ނަގާ އެކްޓިވިސްޓުން. ފަންނީ ހުނަރެއް، ތައުލީމެއް، ތަޖުރިބާއެއް ނެތް މީސްމީހުން. އަދި ކީއް؟! ފަހުންވެސް އެކަށޭނަ އިލްމާ ތަމްރީނު ފޯރުކޮށް ނުދެވެ. މި ހުންނަނީ ރައްޔިތުންނާއި މުޅި ގައުމު ސިޔާސީ ވީމާ، ޕާޓީ ފިކުރު ވީމާ ލިބޭހާ ގެއްލުން.
ރާއްޖެ
14 November 2025
ރައްކާތެރި ނޫން ފެން ފޯރު ކޮށްދިން މައްސަލާގައި ފުވައްމުލަކު ރައްޔިތުންނަށް ދައުލަތާ ދެކޮޅަށް ދައުވާ ކުރެވޭނެ.
ކައުންސެލަރު....
13 November 2025
ފެނަކަ އެންނު ނަމަކަށްކިޔަނީ ބުރޯ!!! މާނައަކީ ކޮރަޕްޝަނާ ފަސާދަޔާ ފަރުވާ ކުޑަކަމާ އަޅާނުލުމާ ކަމަށްކަމޭ ނުހިތުމާ އަނެކުންގެ ބޮލަށް ކަންކަން ކަނޑާލުމާ ދެންވެސް މިފަދަ..... ކިޔަކަސް ކޮޅަކުން ނުލާނެ. އެހެވެ ކުރުކުރީ. ވަރަށް ސަލާން، ވަރަށް ދެރަ
ޢިލްތިމާސް
14 November 2025
ފަރުވާވެސް ރަގަޅު ވާނީ މަސައްކަތަށް ގާބިލު މީހުން ނަގައިގެން. ޢެންމެންނަކީ ހުރިހާ ކަމެއް ދަންނަ ބައެއް ނޫން ކަން ސަރުކާރުންނާއި ސިޔާސީ މިކިޔާ މީހުންނަށް އެގެން އެބަޖެހޭ. ފެންނަހާ ބަޔަކަށް ވަޒީފާ ދިނުމުގެ ނަތީޖާ އަކީ މިއަދު މިގައުމުގަ ސަލާމަތުން އޮތް މުއައްސަސާއެއް ކުންފުންޏެއް ނެތް.
ފާމުލަދޭރި ކިލެގެފާނު
13 November 2025
މިހާރު އޮތް ކައުންސިލަށް ތިކަން އެނގޭނެ. އެމީހުންގެ ޒިންމާ ކޮބާ؟ މިއަދު ކަންކަން ހިއްސާ ނުކޮށްގެން ޝަކުވާ ކުރުމުގެ ބޭނުމަކީ ކޮބާ؟ އެމް.ޑީ.ޕީގެ ވެރިން ފުވައްމުލަކު ފެނޭ، އާދަމުގެ ފާނޭ، ފަޅޮލޭ ކިޔަން ލަދު ގަންނަން ޖެހޭނެ. މި ސަރުކާރަށް ވަރުތަވި ހާލަތެއް ތިޔައީ.
އާރއޯ
13 November 2025
ތަނެއް ދޮރެއް، ޢިލްމެއް ހުރި ބައެއް ނޫން ވަޒީފާ ތަކުގައި ތިބެނީކީ. އެހެންވީމަ ވާނެ ހުރިހާ ކަމެއް ވާނެ. އިންޖީނުގެ ރަން ކުރެވިދާނެ ބޭނުން ގޮތަކަށް، އެކަމަކު ފެނަކީ މީހުންގެ ސިއްޙަތާއި ގުޅިފައިވާ ކަމަކަށްވާއިރު، ދާއިރާ ގެ ޢިލްމު ހުރި މީހުން އެބަޖެހޭ މި ވަޒީފާތަކަށް ލާން.
ޑިފެކްޓް
13 November 2025
ތިޔަ ނަރުދަމާއަކީ ރައީސްމުއިޒްގެ އިންފްރާސްޓްރަކްޗަރ މިނިސްޓަރުކަމުގައި އަދި ތޯބެގެ އެންވަޔަރުމެންޓް މިނިސްޓަރުކަމުގައި މަސައްކަތް ނުނިމެނީސް ހުޅުވާ އިފްތިތާހުކުރި ނިޒާމެއް. 1 އަހަރުދުވަހުގެ ޑިފެކްޓް ލައިބިލިޓީ ޕީރިއަޑް ހަމަވިއިރު މަދުގެއަކުން ނޫނީ ފެންބޭނުމެއްނުކުރޭ. އޭރުވެސް ބަލަހައްޓަމުން ދިޔައީ ކޮންޓްރެކްޓަރ ސިއެރާ. ފެނަކައަށް ހަގީގަތުގަ ހަވާލުވެވުނީ ލައިބިލިޓީ ޕީރިއަޑު ހަމަވިފަހުން ބެލިއިރު އުފައްދާފެނުގެ ބޮޑުބައެއްދަނީ ބިމަށް ލީކުވަމުން
އަލިނަރު
13 November 2025
ސަރުކާރުގެ ހުރިހާ ކަމެއް މަތިއަޅާލީ މާކުރިގެ އޯޑިޓް ރިޕޯޓަކަށް ހަވާލާދީގެން! މިއހަރު މާރޗުމަހު ފެނަކައަށް ފޮނުވި މެއިންޓެންސްށް ބޭނުވާ ތަކެތީގެ ލިސްޓަ އެމްޑީގެ މޭޒުގައި މިހާރުވެސް އެއޮތީ ވެސް މާކުރީގެ އިހުމާލުން ބާ؟