އަންނަ މަހު ފަށާ ވޯލްޑް ކަޕަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ލަފާކޮށް އެމެރިކާއިން ސަލާމުވެ ތިބުމަށް ސަލާމަތީ މާހިރުން އިލްތިމާސް ކޮށްފި އެވެ.

ސެކިޔުރިޓީ ދާއިރާގެ މާހިރުން ބުނާ ކަމަށް ބުނެ ދި ގާޑިއަންއިން ބުނީ، ވޯލްޑް ކަޕަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑުވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުގައި ދާއިމީ ހައްލެއް ނުލިބި އޮތުން ހިމެނޭ ކަމަށެވެ. 

އެމެރިކާގެ އެފްބީއައި އާއި ހޯމްލޭންޑް ސެކިއުރިޓީގެ ކުރީގެ އިސްވެރިއެއް ކަމަށްވާ ޖާވިދު އަލީ ވިދާޅުވީ ވޯލްޑް ކަޕް މެޗުތައް ކުޅޭ ދަނޑުތަކުގެ ސެކިއުރިޓީ އަށް އެކަނި ވިސްނައިގެން ފުއްދާލެވެން ނެތް ކަމަށެވެ. 

" ހަމައެކަނި ދަނޑުތައް ރައްކާތެރިކުރުމަކުން ނުފުދޭނެ. މެޗާ ހަމައަށް ވާސިލުވުމުގައި ހުރި ހުރިހާ ގުޅުންތަކެއް ރައްކާތެރިކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ. 

އެމެރިކާގެ އިތުރުން މެކްސިކޯ އާއި ކެނަޑާ ވެސް ބައިވެރި ވެގެން ބާއްވާ ވޯލްޑް ކަޕްގައި 48 ޓީމު ވާދަކުރެ އެވެ. ޖުމުލަ 104 މެޗު ކުޅޭ އިރު ހުރިހާ ސަރަހައްދެއްގައި ކުޅޭ ހުރިހާ މެޗަކަށް ބޭނުންވާ ސަލާމަތީ ވަސީލަތްއް ފުރިހަމަ ވެފައި ނެތުމަކީ ޖާވިދުގެ ކަންބޮޑުވުމެކެވެ.

އެންމެ ބޮޑު ބިރެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެމެރިކާގެ އެތެރޭގައި އަމިއްލައަށް ހަރުކަށިވެފައިވާ މީހުންގެ މައްސަލަ އެވެ.

އެފްބީއައިގެ ތަމްރީނު ބައްދަލުވުމެއްގައި ބައިވެރިވި އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި ދި ގާޑިއަން އަށް ބުނެފައިވަނީ، މުބާރާތުގެ ބޮޑުމިނާއި އޮތް ނުރައްކަލާ މެދު އެފްބީއައި އެޖެންޓުން ތިބީ ވަރަށް ބޮޑަށް ޖެހިލުން ވެފައި ކަމަށެވެ.

"މި މާހައުލާއި، މެޗުތައް ކުޅޭ ސިޓީތަކާއި އަދި މެޗު ބަލަން މީހުން އެއްވާ ތަންތަން ގިނަވުމުން މިކަން ކޮންޓްރޯލް ކުރުމަކީ ވަރަށް އުނގަދޫ ކަމަކަށް ވާނެ. ގޯސް ކަމެއް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑު،" އޮފިޝަލް ވިދާޅުވެފައިވާ ކަމަށް ދި ގާޑިއަންއިން ބުންޏެވެ. 

މިފަހަރުގެ ވޯލްޑް ކަޕަކީ ހަ ހަފުތާއަށް ދެމިގެންދާ، މުބާރާތެކެވެ އެވެ.

އިރާނާއި އެމެރިކާގެ މެޗެއް ޖުލައި މަހުގެ 3 ވަނަ ދުވަހު ޓެކްސަސްގައި ކުޅެން ޖެހިދާނެ ކަމުގެ ފުރުސަތު އެބައޮތެވެ. އެ މެޗު ކުޅެން ޖެހިއްޖެނަމަ، އެއީ "އަލިފާނަށް ތެޔޮ އެޅުން" ފަދަ ކަމެއްގެ ގޮތުގައި ބައެއް މަސްދަރުތަކުން ސިފަކުރެ އެވެ.

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން ބުނީ އަމިއްލަ އަށް ހަރާކަތްތެރިވާ ވަކި ފަރުދުންނާއި ވަކިވަކި ގުރޫޕްތަކާ ސަމާލުވާން ޖެހޭ ކަމަށެވެ.

 "އަމިއްލައަށް ހަރަކާތްތެރިވާ ފަރުދުންނާއި ހަމަ ލާދޭން ހިތްވަރު ލިބިފައިވާ ކުދި ގްރޫޕްތަކާ މެދު ޑީއެޗްއެސް [ޑިޕާޓްމެންޓް އޮތް ހޯމް ލޭންޑް ސެކިޔުރިޓީ] އިން ވަރަށް ބޮޑަށް ސަމާލުވަން،" ހޯމްލޭންޑް ސެކިއުރިޓީގެ ތަރުޖަމާނު ބުންޏެވެ.

 ޑްރޯން ބޭނުންކޮށްގެން ދޭ ހަމަލާތަކަކީވެސް މިހާރު އޮތް ބޮޑު ބިރެއް ކަމަށް ސެކިޔުރިޓީގެ ދާއިރާގެ ތަޖުރިބާކާރުން ބުނާކަމަށް ދި ގާޑިއަންއިން ރިޕޯޓްކޮށްފައިވެ އެވެ.

ސީއައިއޭ އަދި އެފްބީއައިގެ ކުރީގެ އެޖެންޓެއް ކަމަށްވާ ޓްރޭސީ ވަލްޑާ ވިދާޅުވި ގޮތުގައި، އެންމެ ބޮޑު މައްސަލައަކީ ތަފާތު ސަލާމަތީ އިދާރާތަކުގެ މެދުގައި މުވާސަލާތީ ގުޅުން ކެނޑުމެވެ.

"އަހަރެމެން މިހާރު މި އުޅެނީ ކޮންމެ ވަގުތަކުވެސް ނުރައްކާތެރި ހަމަލާއެއް އަތުވެދާނެ ފަދަ ބިރުވެރި ދަނޑިވަޅެއްގައި. ޓެރަރިސްޓް ގުރޫޕްތަކުގެ ވެރިން މަރާލިޔަސް، އެމީހުން ގަބޫލުކުރާ ފިކުރެއް ނައްތައެއް ނުލެވޭނެ. (ޓެރަރިސްޓް ގުރޫޕްތަކުގެ) ވެރިން ނައްތާލެވިދާނެ. އެކަމަކު އެމީހުންގެ ބަދަލުގައި އެހެން ބަޔަކު އަންނާނެ. އަހަރެމެން މިތިބީ ދެން އަންނާނެ ބޮޑު ހަމަލާއަކާ ވަރަށް ގާތުގައި،" ޓްރޭސީ ވަލްޑާ ވިދާޅުވި އެވެ. 

އެމެރިކާގެ ފެޑަރަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ފީމާ) އިން ވަނީ ވޯލްޑް ކަޕްގެ ސަލާމަތީ މަސައްކަތަށް 625 މިލިއަން ޑޮލަރު ކަނޑައަޅާފަ އެވެ.  ނަމަވެސް، މުބާރާތުގެ ދިގުމިނާއި ގިނަ ސަރަހައްދުތަކެއްގައި މެޗުތައް ކުޅޭތީ މީގެ ކުރިން ކުރިމަތިނުވާ ވަރުގެ ބޮޑު ގޮންޖެހުމެއް ސަލާމަތީކަންކަން ބެލެހެއްޓުމުގައި ކުރިމަތިވެފައިވާ ކަމަށް ސެކިޔުރީޓީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.