މޮސްކޯ (ޖުލައި 16) - މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރެވުމާ އެކު ފުޓްބޯޅައިގައި އޭނާ ދުށް އެއް ހުވަފެން ހަގީގަތަކަށް ހެދިއްޖެ ކަމަށާއި ދެން އޮތީ ކްލަބް ލެވެލްގައި ބޮޑެތި ކާމިޔާބީތައް ހޯދުން ކަމަށް މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދި ފްރާންސްގެ ކިލިއަން އެމްބާޕޭ ބުނެފި އެވެ.
އުމުރުން 19 އަހަރުގެ އެމްބާޕޭ ވަނީ މި ފަހަރުގެ ވޯލްޑް ކަޕުގައި ހަތަރު ގޯލު ޖަހައިފަ އެވެ. ރޭ ކުޅުނު ވޯލްޑް ކަޕް ފައިނަލުގައި ފްރާންސުން 4-2 އިން ކްރޮއޭޝިއާ ބަލިކުރިއިރު، ފްރާންސްގެ ހަތަރު ވަނަ ގޯލު ޖެހީ އެމްބާޕޭ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭ އަތުގައި އޮތް 60 އަހަރުވީ ދެ ރެކޯޑާ ހަމަކޮށްފަ އެވެ. އެއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގެ އެއް މެޗެއްގައި ޒުވާން އުމުރުގައި (20 އަހަރުން ދަށް) ދެ ލަނޑު ޖަހައިގެންނާއި ފައިނަލުގައި ލަނޑު ޖަހައިގެން އުމުރުން 17 އަހަރުގައި ޕެލޭ ހަދާފައި އޮތް ދެ ރެކޯޑެވެ. އެމްބާޕޭ އެ ދެ ރެކޯޑާ ހަމަކުރީ ދެ ވަނަ ބުރުގައި އާޖެންޓީނާ ކޮޅަށް ދެ ލަނޑު ޖަހައިގެންނާއި ރޭގެ ފައިނަލުގައި ކްރޮއޭޝިއާ ކޮޅަށް ލަނޑު ޖަހައިގެންނެވެ.
ރޭގެ މެޗަށް ފަހު ޕެލޭ ވަނީ އެމްބާޕޭ އަށް މަރުހަބާ ކިޔުމުގެ ގޮތުން ޓްވީޓެއް ކޮށްފަ އެވެ.
ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އެމްބާޕޭ ބުނީ މިއީ އޭނާގެ ކެރިއަރުގެ ފެށުން ކަމަށެވެ.
"އަހަރެންގެ ކާމިޔާބީގެ ވާހަކަތައް ދާނީ ކުރިއަށް. މިއީ ވަރަށް ރަނގަޅު ފެށުމެއް. ދެން އަމާޒުހިފާނީ ކްލަބް ލެވެލްގެ އެންމެ ބޮޑު ކާމިޔާބީތަކައް. އެއީ ހަގީގަތަކަށް ހަދަން ޖެހޭ އަނެއް ހުވަފެން،" އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ މިހާރު ކުޅެމުން އަންނަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށެވެ. އިޓަލީގެ ޔުވެންޓަސް އިން ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގަތުމުން އޭނާ ނެތްތަން ފޫބެއްދުމަށް ރެއާލުން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި އެމްބާޕޭ ހިމެނެ އެވެ. އެމްބާޕޭ ބުނީ އޭނާ އަންނަ ސީޒަނުގައި ވެސް ފެންނާނީ ޕީއެސްޖީން ކަމަށެވެ.
ނައިޖީރިއާ ފިޔަވައި މި ފަހަރުގެ ވޯލްޑް ކަޕަށް އެންމެ ޒުވާން ސްކޮޑެއް ފޮނުވީ ފްރާންސުންނެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ މިހާރު އެ ޓީމުގައި އޮތް ސްކޮޑަށް މުސްތަގުބަލުގައި އިތުރު މުބާރާތްތައް ކާމިޔާބު ކުރެވޭނެ ކަމަށާއި އަދި އެއް ފަހަރު ވޯލްޑް ކަޕް ތަށި ވެސް އުފުލާލެވިދާނެ ކަމަށެވެ.
"މިސާލަކަށް ބަލަމާ އެމްބާޕޭ އޭނާގެ އުމުރުން އަދި 19 އަހަރު. އަދި އެއް ފަހަރު ވެސް އޭނާ މި މުބާރާތް ކާމިޔާބު ކޮށްފާނެ. ކިހިނެއް އެނގެނީ. މީގެ 20 އަހަރު ކުރިން އަހަރެމެން ތަށި އުފުލާލިއިރު އޭރު ވެސް ތިބި 20 އަހަރުގެ ދެ ކުޅުންތެރިން އޮންރީ (ތިއެރީ އޮންރީ) އާއި ޑޭވިޑް (ޓްރެޒެގޭ). އެ ދެ ކުޅުންތެރިންނަށް ވެސް ދެ ވަނަ ފަހަރު ވޯލްޑް ކަޕް އުފުލާލުމުގެ ފުރުސަތު ލިބުނު. އެކަމަކު ފައިނަލުގައި ދެރަކޮށް ދިމާވީ،" 1998 ވަނަ އަހަރު ފްރާންސަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން އަދި މިހާރުގެ ކޯޗު ޑެޝޯމްޕްސް ބުންޏެވެ.
ފްރާންސުގެ ކޯޗު ޑެޝޯމްޕްސް ވަނީ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ހޯދި ތިން ވަނަ މީހާގެ ގޮތުގައި ތާރީހުން ޖާގަ ހޯދައިފަ އެވެ. އޭނާ އަކީ 1998 ވަނަ އަހަރު ފްރާންސުން ތަށި ހޯދިއިރު ކެޕްޓަނެވެ. މި ޝަރަފް ދެން ހޯދާފައިވަނީ ބްރެޒިލްގެ މާރިއޯ ޒަގަލޯ އާއި ޖަރުމަނުގެ ފްރެންޒް ބެކެންބާ އެވެ.