ނިއުޔޯކް ސިޓީ (ޖޫން 17) - ފީފާ ވޯލްޑް ކަޕްގައި ސެނެގާލާ ދެކޮޅަށް ޖެހި ދެ ގޯލާ އެކު ގައުމީ ޓީމުގެ ގޯލު ޖެހުމުގެ ރެކޯޑް މުގުރާލައި ކިލިއަން އެމްބާޕޭ 3-1 އިން ފްރާންސް މޮޅު ކޮށްދީފި އެވެ.
ވަރުގަދަ އެޓޭކިން ކުޅުންތެރިންތަކެއް ކުޅޭ ފްރާންސަށް މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ނަމަވެސް ސެނެގާލުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. އެގޮތުން ސަޑިއޯ މާނޭ އާއި ނިކޮލަސް ޖެކްސަން އަށް ލިބުނު ފުރުސަތުގެ އިތުރުން އިސްމާއިލާ ސާ ފޮނުވާލި ހަމަލާތައް ފާހަގަ ކޮށްލެވެ އެވެ.
ނަމަވެސް ދެވަނަ ހާފުގައި ފްރާންސް ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު މައިކަލް އޮލީސޭ އާއި ކިލިއަން އެމްބާޕޭ އަށް ވަނީ ގޯލު ޖަހަން ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ދެ ހަމަލާގެ ހުރަހަކަށް ވީ ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ސަޑިއޯ މާނޭ، އޭރިއާ ތެރެއިން އެމްބާޕޭ ވައްޓާލި ކަމަށް ބެލެވުނު ވަގުތުކޮޅެއް ވެސް ދިޔަ އެވެ. ރެފްރީ ޕެނަލްޓީ ނުދޭން ނިންމި ނަމަވެސް އިދިކޮޅު ޓީމުން އެޕީލް ކޮށްގެން ވީއޭއާރު ބެލުމަށް ފަހު ވެސް އޭނާ ވަނީ ފްރާންސަށް ޕެނަލްޓީއެއް ނުދީ، ނިންމުން ދަމަހައްޓައިފަ އެވެ.
ޕެނަލްޓީ ނުލިބުނަސް އޭގެ ކުޑައިރުކޮޅެއް ފަހުން، މެޗުގެ 66 ވަނަ މިނިޓުގައި އޮލީސޭ ދިން ތުރޫ ޕާހަކުން ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ ފްރާންސް އައް ލީޑު ނަގައިދީފަ އެވެ.
ފްރާންސްގެ ދެވަނަ ލަނޑު 82 ވަނަ މިނިޓުގައި ބްރެޑީ ބާކޮލާ ޖެހީ އޭނާ ކުޅެން ނުކުތްތާ 120 ސިކުންތު ތެރޭގަ އެވެ. އޭނާ ވަނީ އާރޮން ރަބިއޯ ދިން ތުރޯ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ކީޕަރު ބޯ މަތިން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
ސެނެގާލްގެ ހަމައެކަނި ގޯލު، މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓުގެ ތެރެއިން ފަސްވަނަ މިނިޓުގައި ޖަހައިދިނީ، ބަދަލު ކުޅުންތެރިއެރެއްގެ ގޮތުގައި ކުޅެން އެރި 18 އަހަރުގެ ޕީއެސްޖީ ފޯވާޑް އިބްރާހިމް އެމްބާޔޭ އެވެ.
ނަމަވެސް އަލުން ކުޅުން ފެށިގޮތަށް އެމްބާޕޭ ވަނީ އޮލީސޭ ދިން ބޯޅައެއް ހާފުގެ މެދަކާ ހަމައިން ގޯލުގެ ތެރެއަށް ފޮނުވާލައި ސަޕޯޓަރުން ހެއްވާލައިފަ އެވެ. މިއީ އެމްބާޕޭ ފްރާންސަށް ޖަހައިދިން 58 ވަނަ ގޯލެވެ. މިއާ އެކު އޭނާ ވަނީ 57 ގޯލާ އެކު ފްރާންސްގެ އޯލް ޓައިމް ޓޮޕް ސްކޯރާގެ މަގާމު އޮތް އޮލިވިއޭ ޖިރޫގެ ރެކޯޑް މުގުރާލައިފަ އެވެ.
ހަމަ އެއާއެކު އޭނާ މި ވަނީ ލިއޮނެލް މެސީއަށް ވުރެ އެއް ގޯލު އިތުރަށް ޖަހައިގެން ޖުމްލަ 14 ގޯލާ އެކު ވޯލްޑް ކަޕްގެ ތާރީހުގައި ތިންވަނައަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ހުޅަނގު ޖަރުމަންގެ ޖާޑް މުލާގެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ. މި ދެ ކުޅުންތެރިންނަށް ވުރެ ގިނަ ލަނޑު ވޯލްޑް ކަޕްގައި ޖަހާފައި ވަނީ 15 ގޯލު ޖަހާފައިވާ ބްރެޒިލްގެ ރޮނާލްޑޯ އާއި 16 ގޯލު ޖަހާފައިވާ ޖަރުމަންގެ މިރޮސްލާވް ކްލޯސޭ އެވެ.
މިއީ ފްރާންސް އާއި ސެނެގާލް ވޯލްޑް ކަޕްގައި ބައްދަލުކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ބައްދަލުކުރީ 2002 ގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގަ އެވެ. ދެ ޓިމު ވެސް އެ މުބާރާތުގެ ފުރަތަމަ މެޗުގައި 1-0 އިން ކުރި ހޯދީ ސެނެގާލް އެވެ. އެއީ ސެނެގާލް ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި އޭގެ ފަހުން ފްރާންސް މުބާރާތުގެ ފުރަތަމަ މެޗުން އަދި ބަލިވެފައެއް ނުވެ އެވެ.
ސެނެގާލް އާއި ފްރާންސް އާއެކު ގުރޫޕް އައި ގައި ދެން ހިމެނެނީ ނޯވޭ އާއި އިރާގެވެ.