ރާއްޖޭގެ ޕެންޝަން ފަންޑުން ޓީބިލަށް މިހާތަނަށް 13.5 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް އެ އިދާރާގެ އާ ސީއީއޯ ސުޖާތާ ހަލީމު މިއަދު ވިދާޅުވެއްޖެ އެވެ.
ޕެންޝަން އޮފީހުން ބޭއްވި "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގައި ސުޖާތާ ވިދާޅުވީ، ފަންޑުގެ ބޮޑު ބައެއް އިންވެސްޓް ކުރަނީ ސަރުކާރުގެ ޓީބިލަށް ކަމަށެވެ. ނަމަވެސް ފަންޑު ބޮޑު ކުރަން ޓީބިލުގެ އިތުރުން ދިގު މުއްދަތުގެ އިންސްޓްރޫމަންޓްތަކަށް ވެސް އިންވެސްޓް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޖާތާ ވިދާޅުވީ، ދިގު މުއްދަތުގެ ސެކިއުރިޓީ އާއި އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ ވެސް ބޮޑުވާނެ ކަމަށެވެ.
"މިހާތަނަށް ޕެންޝަން ފަންޑުން 13.5 ބިލިއަން ސަރުކާރުގެ އިންސްޓްރޫމަންޓް [ޓީބިލް] އަށް ސަބްސްކްރައިބް ކޮށްފިން. އެއީ ޑޮމެސްޓިކް ދަރަނީގެ 30 ޕަސެންޓު،" އޭނާ ވިދާޅުވި އެވެ.
ސުޖަތާ ވިދާޅުވިގޮތުގައި މަސައްކަތް ކުރަނީ ފަންޑުން ޕްރައިވެޓް ސެކްޓަރަށް ކުރާ އިންވެސްޓްމެންޓްްތައް ވެސް އިތުރު ކުރުމަށެވެ. އޭރުން ފަންޑު މިހާރަށް ވުރެ ބޮޑުކުރަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޖުމްލަ ދަރަނީގެ ތެރެއިން ގާތްގަނޑަކަށް 60 ޕަސެންޓް ހިއްސާ ކުރަނީ އެތެރޭގެ ދަރަންޏެވެ. އެއީ 57.9 ބިލިއަން ރުފިޔާ އެވެ. ރާއްޖޭގެ ދަރަނި މި އަހަރު ނިމޭއިރު ހުންނާނެ ކަމަށް ބެލެވެނީ 106 ބިލިއަން ރުފިޔާގަ އެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ދަރަނި 113 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެ އެވެ،
ރާއްޖޭގެ ޕެންޝަން ފަންޑުގެ 21 ޕަސެންޓް އިންވެސްޓް ކޮށްފައި ވަނީ ހިއްސާގަ އެވެ. އަދި 52 ޕަސެންޓް އިންވެސްޓްކޮށްފައިވަނީ ޓީބިލާއި ބޮންޑުގަ އެވެ.