ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު (ފަޒޫ)ގެ ވިސްނުންފުޅަކީ މި އެވެ؛
"ރާއްޖެ ރަނގަޅު ކުރަން، ކޮންމެ މީހަކީ ވެސް ހެޔޮ ބަދަލެއް، ތަފާތެއް ގެނެސްދެވޭނެ މީހެއް. ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް އެންމެންގެ ހިއްސާ ވެސް މުހިއްމު."
އޭގެ އެއް ބޭފުޅަކީ، ޔަގީނުން ވެސް އެކަމަނާ އެވެ. ރައީސް ކަމުގެ ބުރަ ޒިންމާއާ ފިރިކަލުން ހަވާލުވެވަޑައިގަތް އިރު، ގައުމުގެ ހާލަތާއި ރައްޔިތުންގެ މާޔޫސްކަމާއި ކުރާ އުއްމީދުތައް އަދި އެދޭ ހެޔޮ ބަދަލުތައް ފަޒޫ އަށް އެނގިވަޑައިގަންނަވަ އެވެ.
އެކަމަކު ފަސްޓް ލޭޑީ އަކީ ސަރުކާރުގެ ރަސްމީ ހައިސިއްޔަތެއް އޮތް މަގާމެއް ނޫނެވެ. އެ މަގާމުގައި ނުފޫޒު ގަދަ ބޭފުޅެއްގެ ދައުރު، އަދާކުރެއްވިދާނެ އެވެ. އެކަން ރާއްޖޭގައި ތަޖުރިބާ ވެސް ކޮށްފި އެވެ.
ސަރުކާރުގެ އެއްވެސް ސިޔާސަތެއްގައި، ކަމެއްގައި އަޅުގަނޑުގެ ބައިވެރިވުމެއް ނޯންނާނެ. --ފަޒޫ
ކުރީގެ ދެ ފަސްޓް ލޭޑީން ކަމަށް ވާ ނަސްރީނާ އިބްރާހީމާއި ލައިލާ އަލީ ސިޔާސީ ހަރަކާތްތަކުގައި ނޫޅުއްވަ އެވެ. އިސްކަން ދެއްވީ އިޖުތިމާއީ ކަންކަމަށެވެ.
އެއާ ޚިލާފަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތުމަތު އިބްރާހީމް ފެނުނީ ސިޔާސީ ގޮތުން ވަރަށް ހަރަކާތްތެރި، ސަރުކާރުގެ ތެރޭގައި ވެސް ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގަ އެވެ. އިޖުތިމާއީ ޚިދުމަތްތަކާ އެކު ފިރިކަލުންގެ ވެރިކަން ދިފާއުކުރައްވަން އެކަމަނާ ކުރެއްވި މަސައްކަތްޕުޅަށް އެއް ބަޔަކު ތައުރީފް ކުރި އެވެ. ޚާއްސަ ލަގަބެއްގެ ގޮތުގައި، މުޚާތަބުކޮށް އުޅުނީ "މަހާރެހެންދި"ގެ ނަންފުޅުންނެވެ. އަނެއްކޮޅުން އެކަމަނާގެ މަަސައްކަތްޕުޅު، އަނެއް ބަޔަކަށް ކަމުނުގޮސްގެން ވަރަށް ބޮޑަށް ފާޑު ވެސް ކި އެވެ. ހާއްސަކޮށް ހިނާޔާތުގެ މައްސަލަތަކާ ގުޅުވައިގެންނެވެ.
ފަސްޓް ލޭޑީ ފަޒޫ، އާއްމުންނަށް ފެނިގެންދާނީ ކޮން ކަހަލަ ބޭފުޅެއްގެ ގޮތުގައި ހެއްޔެވެ؟
"މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުގައި އެކަމަނާގެ ވިސްނުންފުޅާ އެކު އާއްމުންނަށް މެސެޖްތަކެއް ވެސް ދެއްވި އެވެ.
"އަޅުގަނޑު ހިތު އަޅައިގެން މިހުރީ ކުރިން ވެސް އުޅުނު ގޮތަށް އުޅެން. ސަރުކާރުގެ އެއްވެސް ސިޔާސަތެއްގައި، ކަމެއްގައި އަޅުގަނޑުގެ ބައިވެރިވުމެއް ނޯންނާނެ،" ޕްރެޝަރު ބޮޑު މަގާމެއް ކަން ފާހަގަކުރައްވައި، ހިނިފުޅުވަޑުވަމުން ފަޒޫ ވިދާޅުވި އެވެ.
"ފަޒޫ ނުވަތަ ފަޒްނާއޭ ވިދާޅުވުމުން ފުދޭ. އެއްގޮތަކަށް ވެސް އަޅުގަނޑު ބޭނުމެއް ނޫން މަހާރެހެންދި ފަދަ ނަންތަކުން ކިއުން. އަޅުގަނޑު އެހާ ގަޔާވާ ނަންތަކެއް ނޫން. އަޅުގަނޑު ތާޖުއްދީންގައި ޕްރިންސިޕަލަކަށް އުޅުނުއިރު ވެސް އެދުނިން މެޑަމް ނުކިޔަސް ރަނގަޅުވާނެއޭ. އެއްބައި މީހުން ކިޔާނެ މިސް ފަޒްނާ، ފަޒޫ މިސްއޭ އަނެއް ބަޔަކު ކިޔާނެ."
ފަޒޫ ވިދާޅުވި ގޮތުގައި ޝައުގުވެރިވެވަޑައިގަންނަވަނީ، އިޖުތިމާއީ ދާއިރާ އިން އެހީތެރިވެދެއްވާށެވެ. އެއީ އެކަމަނާ އަށް އާ ކަމެއް ނޫނެވެ. މީގެ ކުރިން ވެސް އިޖުތިމާއީ އެކި ކަންކަމުގައި ފަޒޫ އުޅުއްވި އެވެ.
އެއީ ތައުލީމީ ދާއިރާގެ ޚިދުމަތްތެރިއެކެވެ. އިސްލާހީ މަސައްކަތުގެ ބައިވެރިއެކެވެ. އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްޕުޅު ކުރައްވަ އެވެ. ހަމައެކަނި ތަފާތަކަށް ވާނީ، ފަޒޫ ވިދާޅުވި ގޮތުގައި، ގިނަ ބަޔަކަށް އެކަމަނާ މިހާރު އެނގުމެވެ.
"ސިޔާސީއެއް ނުވާނަން"
ފަޒޫ ވިދާޅުވީ ސިޔާސީ ދާއިރާ އަކީ އެއްއިރެއްގައި ވެސް އެކަމަނާ ޝައުގުވެރިވެވަޑައިގަންނަވާ ދާއިރާއެއް ނޫން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ ހަރަކާތްތަކުން ނުވަތަ ސިޔާސީ މަގާމަކުން ނަމަވެސް ފެނުމަކީ ދުރު ކަމެއް ކަމަށް ވިދާޅުވި އެވެ.
އެކަމަނާގެ ޚާއްސަ ލޯތްބެއް އޮތީ ތައުލީމީ ދާއިރާ އަށެވެ.
އޯ ލެވެލް ނިމުމާ އެކު އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ 1984 ގައި ފިޝަރީޒް މިނިސްޓްރީގެ މެރިން ރިސާޗް ސެންޓަރުގަ އެވެ. އެއީ، މާ ބޮޑު އިޚްތިޔާރެއް ނުދީ ސަރުކާރުން ހަމަޖެއްސި ވަޒީފާއެކެވެ.
އޭރު ވެސް ފަޒޫގެ ހިތްޕުޅުގައި އޮތީ، ތައުލީމީ ދާއިރާ އިން ޚިދުމަތް ކޮށްދެއްވުމަށެވެ. ފުރަތަމަ ޓީޗިން ކޯސް ފުރިހަމަކުރެއްވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިންނެވެ.
އޭގެ ފަހުން، ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލްގައި ވެސް ކިޔަވައި ދެއްވި އެވެ. ތާޖުއްދީންގައި ކިޔަވައި ދެއްވަން ލިބުނީ ކުޑަ ދުވަސްކޮޅެކެވެ. ސުޕަވައިޒަރަކަށް ހަމަޖައްސައި، އޭގެ ފަހުން އެ ސްކޫލްގެ ޕްރިންސިޕަލް ކަން ވެސް ކުރެއްވި އެވެ.
މާސްޓާސް އަށް ކިޔަވައި ވިދާޅުވާން 2005 ގައި، ބޭރަށް ވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގަތީ، 2007 ގަ އެވެ.
"އޭރު ދެން އެމްޑީޕީ އިސްވެ އިސްލާހީ ހަރަކާތްތައް ވެސް އޮތީ ފެށިފައި. ފަހުން އަޅުގަނޑު ނުވަންނަން ސަރުކާރަކަށް. އޭރު ދެން އުޅުނިން އިސްލާހީ ހަރާކާތުގައި ވަރަށް ބޮޑަށް އެމްޑީޕީގައި. ކެމްޕޭންތަކާ، ހުރިހާ ކަމެއްގައި ވެސް އުޅުނިން،" ފަޒޫ ވިދާޅުވި އެވެ.
ސަރުކާރު ކަންތައްތައް ނުވެގެން އަޅުގަނޑު މެދުވެރިއަކަށް ހަދައިގެން ރައީސަށް ދަންނަވައިގެން ކަންކަން ކުރައްވުން ނުހައްދަވާ.
އިސްލާހީ މަސައްކަތް ކާމިޔާބުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމުން، ދަރިކަނބަލުން ސާރާ އާއި ދަރިކަލުން ޔުމާން ކިޔަވައި ދެއްވަން ފަޒޫ ދިރިއުޅުން ބަދަލުކުރެއްވީ ސްރީ ލަންކާ އަށެވެ. ހަތް އަހަރު އެތަނުގައި ހޭދަކުރެއްވިއިރު، ތައުލީމީ ދާއިރާ ދޫކޮށެއް ނުލައްވަ އެވެ. ބައެއް ގްރޭޑްތަކަށް ކިޔަވައި ދެއްވި އެވެ.
އެއީ، އަދިވެސް ޚިދުމަތުގައި ދެމިހުންނަވަން ބޭނުންފުޅުވާ ދާއިރާއެކެވެ.
"އެކަމަކު ސަރުކާރުގެ އެއްވެސް ސިޔާސަތެއްގައި، ކަމެއްގައި، އަޅުގަނޑެއް ނޫޅޭނަން. އެހެންވެ އެގޮތަކުން އަޅުގަނޑަށް ތައުލީމީ ދާއިރާއަކު ނޫޅެވޭނެ. އެހެނެއް ނޫން، އެ ބޭފުޅުން އަޅުގަނޑަށް ރިކުއެސްޓެއް ކުރައްވައިފިއްޔާ އެކަމެއް އަޅުގަނޑު ކޮށްދީފާނަން،" ފަޒޫ ވިދާޅުވި އެވެ.
"އެކަމަކު އެއީ ވެސް ސަރުކާރުގެ ކަމެއް ކުރާ ގޮތަކަށް ނޫން، އިޖުތިމާއީ ކަމެއްގެ ގޮތުގައި، އެ ރިކުއެސްޓް އަންނަ ގޮތަކުން."
ސިޔާސީ މަސައްކަތްޕުޅުގައި، އިބޫ 24 އަހަރު ހޭދަކުރެއްވިއިރު، އެމަނިކުފާނާ އެކު ސިޔާސީ ހަރަކާތްތަކުން ފަޒޫ ނުފެނެ އެވެ. އެއީ ވެސް އެ ދާއިރާ އަށް އެކަމަނާގެ ޝައުގުވެރިކަން ނެތުމުން ކަމަށް ވިދާޅުވި އެވެ.
ފަސްޓް ލޭޑީގެ ހައިސިއްޔަތުން ކަންބޮޑުވެވަޑައިގަންނަވަނީ، ފަޒޫ ވިދާޅުވި ގޮތުގައި، އެކަމަނާ މެދުވެރިކޮށް، ބައެއް ކަންކަން ކުރުވަން އުޅެފާނެތީ އެވެ.
"ވަރަށް އިޚްލާސްތެރިކަމާ އެކު އަޅުގަނޑު ދެންނެވި ވާހަކައެއް އެއީ، ސަރުކާރު ކަންތައްތައް ނުވެގެން އަޅުގަނޑު މެދުވެރިއަކަށް ހަދައިގެން ރައީސަށް ދަންނަވައިގެން ކަންކަން ކުރައްވަން ނުހައްދަވާށޭ."
"އަޅުގަނޑު ވިސްނާފައެއް ނެތް، އަމިއްލަ ފައުންޑޭޝަނެއް ނުވަތަ އެފަދަ އެހެން ކަމެއް ކޮށްގެން ވެސް އިޖުތިމާއީ މަސައްކަތް ކުރާކަށެއް ވެސް."
ވިސްނުންފުޅު ޚާއްސަ ދާއިރާތަކަކަށް
އިޖުތިމާއީ ގިނަ މައްސަލަތަކަކަށް ހައްލު ހޯދަން ޖެހިފައިވާ ކަން ފަޒޫ ފާހަގަކުރެއްވި އެވެ. އެކަމަނާގެ އެންމެ ކަންބޮޑުވުން އޮތީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކާއި މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ބަލިތަކަށެވެ. ހައްގުތައް ރައްކާތެރި ކުރުމުގައި ޖަމިއްޔާތަކުން އަދާކުރަމުން އަންނަ ދައުރު ބޮޑުކަމަށް ވިދާޅުވެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭން އާކް ޖަމިއްޔާގެ މަސައްކަތް ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ.
އެކަމަނާ ވިދާޅުވީ ޖަމިއްޔާތަކާ އެކު އެކި ދާއިރާތަކުން ހޭލުންތެރި ކުރުވަން މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
"މިސާލަކަށް، އެއްބައި ބޭފުޅުން އެބަ ބުނޭ، ނަފްސާނީ ބަލި ޖެހެނީ އީމާންތެރިކަން ނުހުންނަ މީހުންނޭ. އަޅުގަނޑެއް ގަބޫލެއް ނުކުރަން ޖެނެރަލައިޒްކޮށްފައި އެ ކަހަލަ އެއްޗެއް ބުނެވިދާނެ ކަމަކަށް. އެހެނެއް ނޫން ނަފްސާނީ ބަލި ހުރެދާނެ އީމާންތެރިކަން ނެތް މީހެއްގެ، އަދި އީމާންތެރިކަން ހުރި މީހެއްގެ ވެސް،" ފަޒޫ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ތަޖުރިބާ އާއި ފެނިފައި ހުރި ކަންކަމަށް ވެސް ބަލާފައި އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑު ދަންނަ ވަރަށް ގާތް މީހެއް، އެއްބައި ފަހަރަށް ޑިޕްރެސް ވެގެން ގޮސް ފެން ފޮދެއް ބޯލާނެ ވަރު ނެތަސް ކޮންމެ ފަހަރަކު ވެސް ނަމާދަށް ތެދުވޭ، ނަމާދުކުރޭ."
މި ދެ ދާއިރާގެ އިތުރުން، ދިވެހި އުފެއްދުންތަކަށް ޚާއްސަ ޝައުގުވެރިކަމެއް ހުރެ އެވެ.
ރައީސް ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވިއިރު ތުރު ކުރައްވައިގެން ހުންނެވި ދިގު ހެދުން ޑިޒައިން ކުރެއްވީ ދިވެހި އުފެއްދުންތައް ވިއްކާ ޑިޒައިނަރަކު ލައްވަ އެވެ. އެ ހެދުންކޮޅުގެ ޑިޒައިން ސިފަވަނީ، ގޮނޑު ދޮށަށް ބީއްސާލާ ރާޅެއްގެ ގޮތަށެވެ.
ހުނަރުވެރި ދިވެހިންތަކެއް ތިބިއިރު، އެ އުފެއްދުންތަކަށް ފުރުސަތުތައް ފަހިވާން ޖެހޭ ކަމަށް ފަޒޫ ދެކެވަޑައިގަންނަވަ އެވެ.
މި ވިސްނުންފުޅުތަކާ އެކު ފަޒޫ އެދިވަޑައިގަތީ ކޮންމެ މީހަކު ވެސް ހެޔޮ ބަދަލަށް މަސައްކަތް ކޮށްދެއްވުމަށެވެ.
"ކިތަންމެ ކުޑަކުޑަ ބަދަލެއް ނަމަވެސް ވަރިހަމަ ޕްލާސްޓިކް ފެންފުޅި ބޭނުން ނުކުރުން. ނޫނިއްޔާ ކަރުދާސްކޮޅެއް ކަހަލަ އެއްޗެއް ކުނީގެ ގޮތުގައި މަގުމައްޗަށް އެއްލާލާފައި ނުބޭއްވުން. އެވަރުން ނަމަވެސް ހެޔޮ ބަދަލަކަށް ކޮންމެ މީހަކު ވެސް މަސައްކަތް ކޮށްދެއްވާށޭ،" ފަޒޫ ވިދާޅުވި އެވެ.
ރައްޔިތުން ނޭދޭ ކަންކަން، ފަސްޓް ލޭޑީގެ ހައިސިއްޔަތުން، ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އެއާ އެކު، މައްސަލަތަކަށް ހައްލު ހޯދަން ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްޕުޅު ކުރައްވަން ތައްޔާރު ކަމަށް ވެސް ވިދާޅުވި އެވެ.