އަންކަރާ (ޖުލައި 5) - ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ އަނބިކަނބަލުން އަމީން އުރުދުޣާން ދާދި ފަހުން ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ގެންގުޅުއްވި އަތްދަބަހުގެ އަގު 50،000 ޑޮލަރަށް އަރާ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
ފިރިކަލުން އުރުދުޣާންގެ އަރިހު ޖަޕާނުގެ އިމްޕީރިއަލް ޕެލަސް އަށް ވަޑައިގެންނެވި އިރު އަމީން ހިއްޕަވައިގެން ހުންނެވި އަތް ދަބަސް ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނި ގޮތުގައި އެ ދަބަހުގެ އަގަކީ 50،000 ޑޮލަރެވެ. ބައެއް މީހުން ބުނި ގޮތުގައި އެއީ ތުރުކީގެ 11 ވަރަކަށް މީހުންގެ އެއް އަހަރު ދުވަހުގެ އެންމެ ކުޑަ މުސާރަ އެވެ.
އުރުދުޣާން އާއި އަނބިކަނބަލުން އުޅުއްވާ މުއްސަނދި ދިރިއުޅުއްވުން ފެނި މީގެ ކުރިން ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އުރުދުޣާންގެ ވެރިކަމުގައި ވަނީ 1،150 ކޮޓަރީގެ ބޮޑު ރިޔާސީ ގަނޑުވަރެއް ވެސް ބިނާ ކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ތުރުކީ ފައިސާގެ އަގު ވެއްޓުމުން ގައުމުގެ އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަދިވެސް އަރައިނުގަނެވެ އެވެ. ގައުމުގައި ވަޒީފާ ނެތް މީހުންގެ އަދަދު މިހާރު އުޅެނީ ރެކޯޑް މިންވަރެއްގަ އެވެ. ފާޑުކިޔުން އަމާޒު ވަނީ މި ހުރިހާ ކަމެއް މިހެން ހުރި އިރު ރައްޔިތުންގެ ދިރިއުޅުން އުނދަގުލުގައިވާ އިރު ރައީސްގެ އާއިލާ މުއްސަނދިކޮށް އުޅުއްވާތީ އެވެ.