ފްރާންސްގެ ކެޕްޓަން ކިލިޔަން އެމްބާޕޭ އާއި އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާންއާ އޮންނަ ގުޅުން ގޯސްކަމަށް ބުނެ ފަތުރާ ވާހަކަތަކާ ހެދި ބޮލަށް އުނދަގޫވާ ކަމަށް ޒއޭނާ ބުނެފި އެވެ. 

މިދިޔަ ސެޕްޓެމްބަރު މަހު ފްރާންސް ކުޅުނު މެޗުގައި، އެޓޭކިންލައިންގެ މެދަށް އެމްބާޕޭގެ ބަދަލުގައި އުސްމާން ޑެމެބެލޭ ކުޅުވުމުން، އެމްބާޕޭ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރި ކަމަށެވެ. އަދި އެ މައްސަލައިގައި ޒިދާންއާ އެމްބާޕޭގެ ގުޅުން ގޯސްވެފައިވާކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.   ދެ މީހުންގެ ދެމެދުގައި މުއާމަލާތްކުރުން މަދުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެފަހަރު އެމްބާޕޭ ކުޅުވީ ފޯވާޑްލައިންގެ ވާތް ފަޅިއަށެވެ. 

އެމްބާޕޭއާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ޒިދާން ދޮގު ކުރި އެވެ. އޭނާ ބުނީ ކުޅުންތެރިޔަކު އާންމުކޮށް ކުޅޭ މަގާމު ނޫން އެހެން މަގާމަކަށް މެޗެއްގައި ކުޅުވުމަކީ މާބޮޑު ކަމެއް ނޫން ކަމަށެވެ. 

"އަހަންނަކަށް ނުވިސްނޭ. މިއީ އެއްވެސް ބޮޑު ކަމެއް ނޫން. އެހެންވެ އަހަރެން މި ބަހުސްގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނޫން،" ޒިދާން ބުންޏެވެ.

އޭނާ ބުނީ މީހުން ދައްކާ ވާހަކަ ނުހުއްޓުވޭނެ ކަމަށެވެ. ނަމަވެސް އެ ވާހަކަތަކާ ހެދި ބޮލަށް އުނދަގޫވާ ކަމަށް ޒިދާން ބުންޏެވެ. 

"އޭނާއާ އަހަންނާ ދެމެދު އޮތީ ކޯޗަކާއި ކުޅުންތެރިއަކާ ދެމެދު އޮންނަ ގުޅުން. އަދި ހުރިހާ ކަމެއް ވެސް ދަނީ ވަރަށް ރަނގަޅަށް. މީހުން ދައްކާ ވާހަކަތައް އަހަންނަކަށް ނުހުއްޓުވޭނެ. އެކަމަކު މިއީ އެއްވެސް އަސާސެއް ނެތް ބޭކާރު ވާހަކަތަކެއް. މިއީ ވަރަށް ދެރަ އަދި ބޮލަށް އުނދަގޫވާ ވާހަކަތަކެއް،"

ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން، ބުރާސްފަތި ދުވަހުގެ ރޭ އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި މެޗުގައި އެމްބާޕޭ ނުކުޅެ އެވެ. އެކަމަކު ރޭ ތުރުކީގެ މައްޗަށް 2-1 ން ކުޅުނު މެޗުގައި އެމްބާޕޭ ކުޅެފައި ވެ އެވެ. ރޭ  އޭނާ ކުޅުނީ އެޓޭކިންލައިންގެ މެދަށެވެ.