ފްރާންސްގެ ގައުމީ ޓީމުގައި މީގެ ކުރިން ހުރި ބައެއް އުސޫލުތަކަށް، އާ ކޯޗު ޒިނެދީން ޒިދާން ބަދަލުތައް ގެނެސްފި އެވެ. 

ކުޅުންތެރިން ޕްރެކްޓިހަށް އަންނަ އިރު އޮންނަ މީޑިއާގެ ސަމާލުކަން އޭނާ ވަނީ ހުއްޓުވާފަ އެވެ. އަދި ދަނޑަށް އަންނައިރު ކުޅުންތެރިންނަށް އޮންނަ ފޮޓޯ ސެޝަންތައް ވެސް ނުބޭއްވޭނެކަމަށް އޭނާ ވަނީ އަންގާފަ އެވެ. 

ޒިދާން ބޭނުންވަނީ ކުޅުންތެރިން ކޭމްޕަށް ހާޒިރުވާ ވަގުތު އުފެދޭ "މީޑިއާ ސާކަސް" ކުޑަކުރުމަށެވެ. 

އޯގަސްޓް މަހު ފްރާންސްގެ ކޯޗު ކަމާ ހަވާލުވި ޒިދާން، އޭނާގެ ފުރަތަމަ ސްކޮޑު މި ހަފުތާގައި އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ކުޅުންތެރިންގެ ސަމާލުކަން އޮންނަންޖެހޭނީ ހަމައެކަނި ފުޓްބޯޅައަށް ކަމަށެވެ.

"މިއީ އެއްވެސް މީހަކު ކަންކަން މަޑުޖައްސާލަން އަންގާ އެންގުމެއް ނޫން. އަހަރެމެން ބަދަލުކުރާނެ ކަމަކީ، އެތަނަށް ދިއުމަށްފަހު އެގޮތަށް ބޮޑު 'ޝޯ' އެއް ދައްކާކަށް ނުޖެހޭނެކަން،" ޒިދާން ބުންޏެވެ.

ފްރާންސްގެ ގައުމީ ޓީމާ އެކު ޒިދާން ބޭއްވި ފުރަތަމަ ޕްރެކްޓިސް ސެޝަނުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ
ފްރާންސްގެ ގައުމީ ޓީމާ އެކު ޒިދާން ބޭއްވި ފުރަތަމަ ޕްރެކްޓިސް ސެޝަނުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ

އެކަމަކު ނޫސް ކޮންފަރެންސްތަކާއި މިޑިއާގެ އެހެން ސެޝަންތަކަށް ކުޅުންތެރިން ހާޒިރުވުމުގެ މުހިންމުކަން ހަނދާން ނައްތާނުލާ ކަމަށް ޒިދާން ބުންޏެވެ. 

އޭނާ ދެކޭގޮތުގައި ފްރާންސް ޓީމު މެނޭޖްކުރުމަކީ ހަމައެކަނި މެޗަކަށް ނުކުންނަ އެގާރަ ކުޅުންތެރިން ނެގުން އެކަންޏެއް ނޫނެވެ. އޭނާ ވަނީ ޓްރޭނިން ކޭމްޕުގެ މާހައުލާއި ސްކޮޑުގެ ވަށައިގެންވާ ކިތަންމެ ކުޑަކުޑަ ތަފްސީލަކަށް ވެސް އޭނާގެ ސަމާލުކަން އޮންނާނެކަން ޒިދާން ވަނީ ހާމަކޮށްފަ އެވެ.

ފްރާންސްގެ ކޯޗުކަމުގައި 16 އަހަރު ހޭދަކުރުމަށް ފަހު، އެ ޓީމުގެ ކުރީގެ ލެޖެންޑް ޑިޑިއޭ ޑެޝޯމްޕް ވަނީ، މިދިޔަ ވޯލްޑް ކަޕަށް ފަހު މަގާމު ދޫކޮށްލާފަ އެވެ. ފްރާންސްގެ މަގާމަށް އުއްމީދުކޮށްގެން ޒިދާން ފަސް އަހަރު ހޭދަ ކުރި އެވެ. 

މިދިޔަ ފަސް އަހަރުތެރޭ ބޮޑެތި ކްލަބްތަކުން ލިބުނު ހުށަހެޅުންތަކަށް އޭނާ ނޫނެކޭ ބުނީ ފްރާންސްގެ މަގާމަށްޓަކައި ކަމަށް، މަގާމާ ހަވާލުވުމަށް ފަހު އޭނާ ބުންޏެވެ. 

އޭނާގެ ބެލުމުގެދަށުން ޓީމުގެ ފުރަތަމަ ޕްރެކްޓިސް ސެޝަން ވަނީ އިއްޔެ ބާއްވާ ފަ އެވެ. ޒިދާންގެ ކޯޗުކަމުގެދަށުން ފްރާންސުން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެ ރޭ ނުކުންނާނީ ތުރުކީއާ ދެކޮލަށެވެ.