ރާއްޖެ އާއި ޗައިނާ އާ ދެމެދު އޮތް ގުޅުން އެކި ދާއިރާތަކުން ވަރުގަދަކޮށް އާ ހަރުފަތަކަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށް އެ ގައުމުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވާންގް ލިޖިން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވުމަށް ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ ރާއްޖެ އާއި ޗައިނާއަކީ ޒަމާންވީ ގާތް އަވަށްޓެރިން ކަމަށްވާއިރު ދެ ގައުމުގެ ގުޅުމަށް މި އަހަރު 50 އަހަރު ފުރުން ފާހަގަ ކުރާނެ ކަމަށެވެ.

ތަފާތު ދާއިރާތަކުން ދެ ގައުމު ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއަރުވަން ޗައިނާ އިން އެދޭ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކޮށް އާ ހަރުފަތަކަށް ގެންދަން މަސައްކަތް ކުރަން ޗައިނާ އިން ބޭނުން،" ސަފީރު ވިދާޅުވި އެވެ.

ސަފީރު ވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ފަރާތުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށާއި ފޮރިން މިނިސްޓަރު އަދި އދ. ގެ ރައީސް އަބްދުﷲ ޝާހިދަށް މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.