ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު އާ ބައްދަލުކުރައްވައިފި އެވެ.
އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރެއްވީ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި، ދެ މިނިސްޓަރުން ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި ރާއްޖޭގެ ތަރައްގީގައި އިންޑިއާގެ ދައުރު ފާހަގަކޮށް، އިގުތިސާދީ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއީ އިންޑިއާގެ ޖައިޝަންކަރުގެ ދައުވަތަކަށް އިރުތިޝާމް އިންޑިއާއަށް ކުރައްވާ ދަތުރެކެވެ. އަދި ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިއީ އިރުތިޝާމް ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ.
މި ދަތުރުގައި އިރުތިޝާމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އާއި އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ގުރޭޝާ ބައިވެރިވެރިވެވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ކުރިން ހުންނެވި އިރުތިޝާމް ފޮރިން މިނިސްޓަރު ކަމަށް އައްޔަންކުރެއްވީ މިދިޔަ މަހު 14 ގަ އެވެ. އޭގެ ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވީ ޑރ. އަބްދުﷲ ހަލީލެވެ. އިރުތިޝާމަކީ މި ސަރުކާރުގެ ތިންވަނަ ފޮރިން މިނިސްޓަރެވެ.