ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިިހާދު އިސްވެ ހުންނަވައިގެން ލޯ ފާމެއް އުފައްދަވައިފި އެވެ.

ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އުފުލާފައިވާ ޖިހާދު ލޯ ފާމެއް އުފައްދާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހުމަދާއި ކުރީގެ ބައެއް ފަނޑިޔާރުންނާ ގުޅިގެންނެވެ.

"އެލީޓް ލޯ އެސޯސިއޭޓްސް" ގެ ނަމުގައި އެ މަނިކުފާނު އުފެއްދެވި މި ލޯ ފާމްގެ ޕާޓްނަރުގެ ގޮތުގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީ ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ގާނޫނީ ވަކީލެއް ކަމަށްވާ އަބްދުﷲ ސައްތާރު މުހައްމަދަކީ ވެސް އެ ލޯ ފާމުގެ ޕާޓްނަރެކެވެ.

މި ލޯ ފާމުގައި ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވަނީ އެ ތިން ބޭފުޅުންނެވެ.

އޮގަސްޓް 10، 2010 އިން ނޮވެމްބަރު 18، 2019 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އާދަމް މުހައްމަދު އެ މަގާމުން ވަކިކުރީ ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ކޮމެޓީއަށް ސާބިތުވެގެނެވެ.

ހަސަން އަލީ އަކީ ވެސް ޔާމީން ވެރިކަމުގައި ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރެވެ. އަދި ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަ ކަމަށް ދައްކަން ލިޔުން ތައްޔާރުކުރަން އުޅުނު ކަމަށް ތުހުމަތުކޮށް އޭނާގެ ޕާސްޕޯޓް މިހާރު ވެސް ވަނީ ހިފަހައްޓައިފަ އެވެ.