މީގެ 27 އަހަރު ކުރިން، ސަރުކާރުގެ މަސް ކުންފުނި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ކޮރަޕްޝަނުގެ މައްސަލަ ބަލައިދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ އަމިއްލަ މީހަކު ހުށަހަޅައިފި އެވެ.
އެކަމަކު އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެކަމާ ބެހޭ ގޮތުން ކޮމިޝަނުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.
އޭސީސީ އަށް ހުށަހަޅާ މައްސަލަތަކުގައި އާއްމު އުސޫލަކީ، ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށަހެޅުމުން އެއީ ބެލޭނެ ނުވަތަ ނުބެލޭނެ މައްސަލައެއްތޯ ވަޒަން ކުރުމެވެ. މައްސަލައާ މެދު ކޮމިޝަންގެ މެމްބަރުން ގޮތެއް ނިންމަނީ އެ އިވެލުއޭޝަނަށް ފަހު އެވެ.
ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށް ބެލެވޭ އެފްޕީއައިޑީގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ބެލި އެވެ. އެކަމަކު 2018 ގައި ޔާމީންގެ ވެރިކަން ބަދަލުވިއިރު ވެސް އެ މައްސަލައާ މެދު ނިންމި ގޮތެއް އާއްމެއް ނުކުރެ އެވެ.
އެފްޕީއައިޑީގެ މައްސަލަ ފަޅާއެރީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި 1990 ގަ އެވެ. މި މައްސަލައިގައި އޭރުގެ ޓްރޭޑް މިނިސްޓަރު އަދި އެސްޓީއޯ އާއި އެފްޕީއައިޑީ ހިންގެވުމުގައި އިސްކޮށް ހުންނެވި އިލްޔާސް އިބްރާހިމް، ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަތެވެ. އޭގެ އެންމެ ބޮޑު ތުހުމަތެއް މައުމޫންގެ ޅިޔަނު އިލްޔާސްގެ އިސްތަށިފުޅުގައި އެޅުވިޔަސް އޭނާއާ ދެކޮޅަށް ޝަރީއަތެއް ހިންގާފައެއް ނުވެ އެވެ.
އެކަމަކު އެފްޕީއައިޑީގެ އެހެން ދެ ވެރިއެއްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ އަރުވައިލި އެވެ.