ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް، ވިލާ ކޮލެޖުން ޑޮނޭޝަން ޑްރައިވެއް ފަށައިފި އެވެ.

އިއްޔެ ފެށި މި ހަރަކާތުގައި، ހުކުރު ނަމާދަށް ފަހު އަދި ހަވީރު ޖުމްހޫރީ މައިދާން، ރަސްފަންނު އަދި އާޓިފިޝަލް ބީޗްގައި ފަންޑު ފޮށިތަކުންނާއި އޮންލައިން ޓްރާންސްފާ ކޮށްގެން 55،000ރ.ގެ ފައިސާގެ ޑޮނޭޝަން ހޯދާފައިވެ އެވެ.

މިއަދު ވެސް ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް މާލޭގެ އެކި ސަރައްހައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އެގޮތުން ރަސްފަންނާއި ޖުމްހޫރީ މައިދާން އަދި އާޓިފިޝަލް ބީޗުގައި ފަންޑު ފޮށިތައް ބަހައްޓާނެ އެވެ. މިއަދުގެ ހަރަކާތުގައި ޓިކްޓޮކް ތަރި ސަމާ "ހިތުން ހިތަށް" ވެސް ވިލާ ކޮލެޖުގެ ހަރަކާތުގައި ބައިވެރިވާނެ އެވެ. ފަންޑު ފޮށިތަކުގެ އިތުރުން އޮންލައިންކޮށް ޓްރާންސްފާ ކުރަން ބޭނުންވާ ފަރާތްތަކުން ވިލާ ކޮލެޖުގެ ބިޒްނަސް ސޮސައިޓީގެ ހަޒާންދާރު ސުހާ ޖަލީލުގެ އެކައުންޓު ނަންބަރު 7730000348186 އަށް ޓްރާންސްފާ ކުރުމަށް ވަނީ އެދިފަ އެވެ.

ވިލާ ކޮލެޖުން ބުނީ މިހަރަކާތުގެ ބޭނުމަކީ ފަލަސްތީނުގެ ރައްޔިޔުންނާއި މެދު ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގައި ވިލާ ކޮލެޖުން ވެސް ބައިވެރިވުން ކަމަށެވެ. މި ހަރަކާތުގައި ވިލާ ކޮލެޖުގެ ދަރިވަރުންނާއި ޓީޗަރުންނާއި ސްޓޫޑަންޑު ކޮމިއުނިޓީތަކުން ބައިވެރިވެ އެވެ.

މިހަރަކާތް ނިމުމުން ނަގުދު ފައިސާގެ ގޮތުގައި ލިބޭ އަދަދާއި އޮންލައިން ޓްރާންސްފާގެ ގޮތުގައި ޖުމްލަ ލިބުނު އަދަދު އިއުލާނު ކުރާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އަދި އެ ލިބޭ ފައިސާ އިންޓަނޭޝަނަލް އެއިޑު ކެމްޕެއިނަށް ހަވާލު ކުރާނެ އެވެ.