ޣައްޒާގައި ކުދިން އުފަންވުމަށް ހުރަސްއެޅޭ ފަދަ ފިޔަވަޅުތަކެއް އިޒްރޭލުން އަޅަމުންދާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން އިއްޔެ ތުހުމަތުކޮށް، އެއީ ނަސްލު ނައްތާލުމުގެ އަމަލެއްތޯ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ތަހުގީގުކުރުމަށް ގޮވާލައިފި އެވެ.
އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ބައިނަލްއަގްވާމީ ދުވަހާ ގުޅުވައިގެން އެ ޖަމިއްޔާއިން އާންމުކުރި ރިޕޯޓުގައި، އޮކްޓޯބަރު 2023 ގައި ފެށި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އަންހެނުންގެ ޖިސްމާނީ، ނަފްސާނީ އަދި ދަރިމައިވުމުގެ ސިއްހަތަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ ބިރުވެރި ތަސްވީރެއް ވަނީ ހާމަކޮށްފަ އެވެ.
"އޭގެ ފަހުން އިޒްރޭލުން ހިންގާ އަމަލުތަކުގެ ސަބަބުން، ދަރިމައިވުމުގެ ފަރުވާ ހޯދުމަށް ވަނީ ހުރަސްއެޅިފައި. އަދި ބައިގެން ދިއުމާއި މަރުވެފައިވާ ކުދިން ވިހެއުން ފަދަ މާބަނޑު ދުވަސްވަރު ދިމާވާ އެކި ކަހަލަ ނުރައްކާތެރި މައްސަލަތައް އިތުރުވުމަށް ވަނީ މަގުފަހިވެފައި،" ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްނެސްޓީގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކަލަމާޑް ވިދާޅުވި އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިއީ ގަސްތުގައި ކުރާ ކަމެއް ކަމަށް ބެލެވޭތީ އެކަމާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ނަމަވެސް އެކަން ކަށަވަރުކަމާ އެކު ނިންމޭނެ ހާލަތެއްގައި ނެތް ކަމަށް ވެސް އެ ޖަމިއްޔާއިން އެއްބަސްވެ އެވެ.
މިކަމާ ގުޅިގެން އޭއެފްޕީން ސުވާލުކުރުމުން، ފަލަސްތީނުގެ ބިންތަކުގެ މަދަނީ ކަންކަން ބަލަހައްޓާ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ އިދާރާ (ކޯގަޓް) އިން ވަނީ "އެމްނެސްޓީން ހަމާސްގެ ދޮގު ވާހަކަތައް ތަކުރާރުކުރަނީ" ކަމަށް ބުނެ ތުހުމަތުކޮށްފަ އެވެ.
އެ އިދާރާއިން ބުނި ގޮތުގައި އެމެރިކާ މެދުވެރިވެގެން އޮކްޓޯބަރު 2025 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ފަހުން، 27،000 ޓަނަށް ވުރެ ގިނަ ބޭހާއި ސިއްހީ ސާމާނު ޣައްޒާއަށް ވައްދާފައިވެ އެވެ. އަދި އަންހެނުންގެ ސިއްހަތާއި ދަރިމައިވުމުގެ ފަރުވާދޭ ތަންތަން ހިމެނޭހެން 35 ހޮސްޕިޓަލެއް މިހާރު ވެސް ހިނގަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެމްނެސްޓީގެ ރިޕޯޓަކީ އިންސާނީ ހައްގުތަކުގެ ދިރާސާއެއްގެ ނަމުގައި ނެރެފައިވާ ސިޔާސީ ލިޔުމެކެވެ. އަދި ސާބިތުކޮށްނުދެވޭނެ ފަދަ ބޮޑެތި ތުހުމަތުތަކެއް އިޒްރޭލުގެ ބޮލުގައި އަޅުވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ސިއްހީ ފަރުވާއަށް ހުރަސްއެޅުން
އެމްނެސްޓީގެ ރިޕޯޓުގައި، ސިއްހީ ފަރުވާ ހޯދަން ދަނިކޮށް އަދި ޣައްޒާގެ ވިއްސާ ވޯޑުތަކުގައި ތިއްބާ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި އަދި ޒަހަމްވި އަންހެނުންނާއި އަންހެން ކުދިންގެ މައުލޫމާތު ހިމަނާފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން މެދުކެނޑުމެއް ނެތި ދެމުންދިޔަ ބޮމުގެ ހަމަލާތަކުގެ ތެރޭގައި، ލިބިފައިވާ ޒަހަމްތަކާ އެކު ވެސް ގިނަ އަންހެނުން ވަނީ މާބަނޑު ދުވަސްވަރު ހޭދަކޮށް، އަލަށް އުފަންވި ދަރިންނަށް އަޅާލާފަ އެވެ.
ސިއްހީ ސާމާނު ނުލިބުމުގެ ސަބަބުން، މާބަނޑު މީހުންގެ ހާލަތު ބެލުމަށާއި، ވިހެއުމުގެ ކުރިންނާއި ފަހުން ދޭންޖެހޭ ފަރުވާގެ އިތުރުން ދިމާވާ ސިއްހީ މައްސަލަތައް ދެނެގަތުމަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށް އެމްނެސްޓީން ބުންޏެވެ. ވިހެއުމުގެ ތެރޭގައި ލޭމަނާނުވުމުން ދޭންޖެހޭ ބޭހާއި އައްސިކުރާ ބޭސް ހުސްވުމުގެ ސަބަބުން ބައެއް ފަހަރު މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި ތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވަނީ އިންސާނީ އެހީ ވެއްދުމަށް އިޒްރޭލުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ކަމަށާއި، ވިހެއުމުގެ ތެރޭގައި މަރުވާ މައިންނާއި ތުއްތު ކުދިންގެ އަދަދު އޭގެ ސަބަބުން އިތުރުވަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މި ކަންކަމަށް ރިއާޔަތްކޮށް ކަލަމާޑް ވަނީ، އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުގެ އޮފިޝަލުން ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާފައިވޭތޯ ބެލުމަށާއި، ވަކި ޖިންސަކަށް އަމާޒުކޮށް ހިންގާ ޖަރީމާތަކާއި ދަރިމައިވުމަށް ދޭ ގެއްލުންތައް އެ ތަހުގީގުގައި ހިމެނުމަށް އައިސީސީއަށް ގޮވާލައްވައިފަ އެވެ.
ނަސްލު ނައްތާލުމުގެ ކުށް މަނާކުރުމާ ބެހޭ އދ. ގެ މުއާހަދާގެ ދެވަނަ މާއްދާގައިވާ ގޮތުން، ވަކި ބަޔަކު އެއްކޮށް ނުވަތަ އޭގެ ބައެއް ނައްތާލުމުގެ ނިޔަތުގައި އެ ބައެއްގެ ތެރޭގައި ކުދިން އުފަންވުމަށް ހުރަސްއެޅޭ ފަދަ ފިޔަވަޅުތައް އެޅުމަކީ ނަސްލު ނައްތާލުމުގެ އަމަލެކެވެ.
ފަރުވާ ލިބޭނެ ގޮތެއް ނެތް
މި ރިޕޯޓް އެކުލަވާލުމަށް ކުރި 228 އިންޓަވިއުގެ ތެރެއިން ދެ ޕެރަމެޑިކުން ވަނީ، 2026 ވަނަ އަހަރުގެ ކުރީކޮޅު ޣައްޒާގައި އިޒްރޭލުން ކޮންޓްރޯލް ކުރާ ސަރަހައްދު ވަކިކުރާ "ޔެލޯ ލައިން" މާ ދުރު ނޫން ހިސާބެއްގައި ހިނގި ދެ ހާދިސާއެއްގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އެ ދެ ހާދިސާގައި ވެސް، ވިހަން ގާތްވެފައި އޮތް އަންހެނަކާއި އޭނާ ބަލައި ފޮނުވި އެމްބިއުލާންސަށް ބަޑީގެ ހަމަލާތައް އަމާޒުވި ކަމަށް އެ މީހުން ބުންޏެވެ.
މީގެ އިތުރުން، ބަލި އެހެން ކުއްޖަކާ އެއް އިންކިއުބޭޓަރެއް ހިއްސާކުރަން ޖެހުމުގެ ސަބަބުން ޖެހުނު އިންފެކްޝަނެއްގައި 2025 ވަނަ އަހަރު އުމުރުން 20 ދުވަހުގެ ތުއްތު ކުއްޖަކު މަރުވި ހާދިސާއެއް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ހަމާސްގެ ދަށުން ހިންގާ ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން ދިން ހަމަލާއަށް ފަހު ފެށުނު ހަނގުރާމައިގައި މިހާތަނަށް 74،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފަ އެވެ. މިއީ އދ. އިން ވެސް އިތުބާރު ކުރާ އަދަދުތަކެކެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި 2022 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދިރިހުއްޓާ އުފަންވި ކުދިންގެ އަދަދު ވަނީ ގާތްގަނޑަކަށް 41 ޕަސެންޓް ދަށްވެފަ އެވެ. އަދި 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަހު ވިހޭ މީހުންގެ އަދަދު ވެސް ދަށްވެފައިވާ ކަމަށް އދ. ގެ ރެކޯޑްތަކުން ދައްކަ އެވެ.
ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތްތަކުން ރަހީނުން ބޭތިއްބުމަށާއި ފަލަސްތީނު މީހުންނަށް އަނިޔާކުރުމަށް ހޮސްޕިޓަލްތައް ބޭނުންކޮށްފައިވާ ކަމުގެ ހެކި ފެނިފައިވާ ކަމަށް އެމްނެސްޓީން ބުންޏެވެ. ނަމަވެސް، ހަމާސްގެ ކޮމާންޑް ސެންޓަރުތަކުގެ ގޮތުގައި ހޮސްޕިޓަލްތައް ބޭނުންކުރާ ކަމަށް އިޒްރޭލުން ކުރާ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ހަނގުރާމަ ފެށުމުގެ ކުރިން ޣައްޒާގައި އައިވީއެފް ފަރުވާދޭ މަދުވެގެން ނުވަ ކްލިނިކް ހުރި ނަމަވެސް، މިހާރު އެއިން އެއްވެސް ތަނަކުން އެ ހިދުމަތް ނުލިބޭ ކަމަށާއި، ރައްކާކޮށްފައި ހުރި އެތައް ހާސް ދަރިފަނިތަކަކާއި ބިސްތައް ނެތިގޮސްފައިވާ ކަމަށް ވެސް އެމްނެސްޓީން ބުންޏެވެ. -- އޭއެފްޕީ