އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއަށް ތިން އަހަރު ފުރުނު އަހަރީ ދުވަހާ ދިމާކޮށް އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި އެވެ.
މި ހަމަލާތައް ދީފައިވަނީ ކުރީގެ ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ ހަނދާން އާކުރުމަށް، ނޯވާ މިއުޒިކް ފެސްޓިވަލް ބޭއްވި ސަރަހައްދަށް މީހުން އެއްވެފައިވަނިކޮށެވެ.
ޣައްޒާ ސިޓީގެ ޝިފާ ހޮސްޕިޓަލުން ބުނި ގޮތުގައި ރޭގަނޑު އިޒްރޭލުން ދިން ހަމަލާއެއްގައި ދެ މީހަކު ވަނީ ޝަހީދުވެފަ އެވެ. ޣައްޒާގެ ސިވިލް ޑިފެންސުން ބުނީ އޭގެ ތެރެއިން އެކަކީ އެ އެޖެންސީގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރާ މުހައްމަދު ތަމޫސް ކަމަށެވެ.
ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އުތުރު ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލުން ނުކުތް ހަމާސްގެ ދެ މީހަކަށް ހަމަލާދީ މަރާލާފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކީ ސިވިލް ޑިފެންސްގައި މަސައްކަތްކުރަމުން ދިޔަ ހަމާސްގެ ސްނައިޕަރެއް ކަމަށްވާ ތަމޫސް ކަމަށެވެ.
މީގެއިތުރުން ދެކުނުގެ ހާން ޔޫނިސްގައި ދިން ހަމަލާއެއްގައި އުމުރުން 60 އަހަރުގެ މީހަކު ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް ނާސިރު ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އޮކްޓޫބަރު 2025 ގައި، އެމެރިކާއިން އިސްނަގައިގެން ކުރި މަޝްވަރާތަކަށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް، ހަނގުރާމައަށް ތިން އަހަރު ފުރުނުއިރު ވެސް ޣައްޒާގެ އާންމުންގެ ދިރިއުޅުމުގެ ހާލަތު އޮތީ ވަރަށް ނިކަމެތިކޮށެވެ.