އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ "ބޯޑް އޮފް ޕީސް" އިން ފަލަސްތީނުގެ ޣައްޒާ އަލުން އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް މިއަދު އިއުލާންކޮށްފި އެވެ.
ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއު އިއުލާންކުރީ ބޯޑުގެ މެންބަރުންނާއި ބޭރުގެ ހިއްސާދާރުންނާ އެކު ނިއު ޔޯކުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
މި ޕްލޭން ހުށަހަޅާފައި މިވަނީ އދ. ގެ އާންމު މަޖިލީހަށް ދުނިޔޭގެ ލީޑަރުން ނިއު ޔޯކަށް ޖަމާވެފައިވާ ދަނޑިވަޅެއްގަ އެވެ. ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ފަދަ ލީޑަރުން ވަނީ މި ހަފުތާގައި ޣައްޒާގެ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި އިޒްރޭލަށް ފާޑު ވިދާޅުވެފަ އެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަށްފަހު، އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ޣައްޒާ ވަނީ އެއްކޮށް ސުންނާފަތިވެފަ އެވެ. އދ. ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮކްޓޯބަރު 2025 އާ ހަމައަށް އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ 84 ޕަސެންޓް އިމާރާތް ވަނީ ހަލާކުވެ ނުވަތަ ބިމާހަމަވެފަ އެވެ.
"ބޯޑް އޮފް ޕީސް" ގެ ފަރާތުން ޣައްޒާއަށް ކަނޑައަޅާފައި ހުންނަވާ ހައި ރެޕްރެޒެންޓެޓިވް ނިކޮލާއި މިލަދީނޯފް ވަނީ މި ޕްލޭނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް، ކުރިއަށް އޮތް އިޒްރޭލުގެ އިންތިހާބާ ދިމާކޮށް އިޒްރޭލުގެ ސިޔާސީ މަސްރަހު އޮތްގޮތުން، އިޒްރޭލާ އެކު ކުރިއަށްދާ މަޝްވަރާތައް ފަސޭހަނޫން ކަމަށް އޭނާ އެއްބަސްވެވަޑައިގަތެވެ.
"މިކަމުގެ އޮޅުންބޮޅުން ބޮޑު ނަމަވެސް، ކުރިއެރުންތަކެއް އެބަ ލިބޭ،" މިލަދީނޯފް ވިދާޅުވި އެވެ.
ބައްދަލުވުމުގައި ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފްގެ އިތުރުން ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ވެސް ބައިވެރިވެވަޑައިގަތެވެ. މި ޕްލޭންގެ ދަށުން ޣައްޒާގައި ވަގުތީ ބޯހިޔާވަހިކަން ގާއިމުކުރުމާއި އިގްތިސާދު ކޮޅަށްޖެހުމަށް އެހީތެރިވެދޭނެ 66 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ބޯޑަކީ ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމުކުރުމަށާއި ހަނގުރާމައަށްފަހު ގާޒާ އަލުން ބިނާކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ޓްރަމްޕްގެ ރިޔާސަތުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ. ނަމަވެސް އިޒްރޭލުން ބުނަމުންދަނީ މި ހުރިހާ ކަމެއްގެ ކުރިން، ހަމާސްގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް އެއްކޮށް ނައްތާލަންޖެހޭނެ ކަމަށެވެ.