އިޒްރޭލުގައި ކުރިއަށް އޮތް އާންމު އިންތިހާބުން އެއްވެސް ބަދަލެއް އަންނާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށާއި، އިޒްރޭލުގެ ސިޔާސީ ޕާޓީތަކުން ކެމްޕޭންކުރާނީ ޣައްޒާގެ ރައްޔިތުންގެ "ލެއިން" ކަމަށް ހަމާސްގެ އިސް ލީޑަރަކު ވިދާޅުވެއްޖެ އެވެ.
ގަތަރުގެ އަލް އަރަބީ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ހަމާސްގެ ސިޔާސީ ގޮފީގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޚަލީލް އަލް-ހައްޔާ ވިދާޅުވީ، އިޒްރޭލުގެ ވެރިކަމަށް އަންނަނީ ކޮންމެ މީހަކު ކަމަށް ވިޔަސް ނުވަތަ ކޮންމެ ޕާޓީއެއް ކަމުގައި ވިޔަސް، ފަލަސްތީނުގެ ރައްޔިތުންނަށް އެ ހުރިހާ ޕާޓީތަކެއްގެ ފަރާތުން އަނިޔާ ލިބެމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންގެ ލެޔާއި، ތަހައްމަލުކުރާ އަނިޔާ އާއި ހައްގުތަކަކީ އިޒްރޭލުގެ އިންތިހާބީ ކެމްޕޭންގެ ހަކަތަ ކަމުގައި ހެދުމަށް އެއްގޮތަކަށް ވެސް ފުރުސަތެއް ނުދޭނަން،" ހައްޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މުހިންމީ ފަލަސްތީނު ރައްޔިތުންގެ މަގްސަދުތަކާއި އުއްމީދުތަކުގެ ތެރެއިން ހައްގު މިންވަރު ހާސިލްވުން."
އޮކްޓޯބަރު 27 ގައި ބާއްވާ އިންތިހާބުގައި ވެރިކަން ދަމަހައްޓަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ. އިންތިހާބަށް ތައްޔާރުވަމުންދާއިރު ނަތަންޔާހޫ ވަނީ ޣައްޒާއިން އިޒްރޭލު ސިފައިން ނުބާލާނެ ކަމަށް ބުނެފަ އެވެ. އަދި ހަމާސްއިން ހަތިޔާރު ބަހައްޓަންޖެހޭ ގޮތަށް އެމެރިކާއިން ހުށަހެޅި ސުލްހައިގެ ޕްލޭން ވެސް ނަތަންޔާހޫ ވަނީ ބޮލާލައި ޖަހައިފަ އެވެ. މި ހުށަހެޅުމާ މެދު އިޒްރޭލުން ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ.
މި އިންތިހާބަކީ، އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަށްފަހު ބާއްވާ ފުރަތަމަ އިންތިހާބެވެ. އެ ހަމަލާގައި އިޒްރޭލުގެ 1,221 މީހުން މަރުވެ، 251 މީހުން ރަހީނުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔަ އެވެ.
އޭގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ޣައްޒާގެ މުޅި އާބާދީ ކަހަލަ ގޮތަކަށް ވަނީ ގެދޮރުގެއްލިފަ އެވެ. އަދި 73,900 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ހަމާސްގެ ދަށުން ހިންގާ ޣައްޒާގެ ހެލްތް މިނިސްޓްރީން ކަމަށް ވާއިރު މިނިސްޓްރީގެ އަދަދުތަކަކީ އދ. އިން ވެސް އިތުބާރުކުރާ އަދަދުތަކެކެވެ.
ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާގޮތުގައި ނަތަންޔާހޫއާ އެންމެ ބޮޑަށް ވާދަކުރަނީ ސިފައިންގެ ކުރީގެ ވެރިޔާ ގާދީ އައިސެންކޮޓް އެވެ. އޭނާއަކީ ނަތަންޔާހޫގެ ވޯ ކެބިނެޓްގައި މަސައްކަތްކުރި ނަމަވެސް، ނަތަންޔާހޫ ސްޓްރެޓީޖިކް ގޮތުން ނާކާމިޔާބުވެފައިވާ ކަމަށް ތުހުމަތުކުރި މީހެކެވެ.