ޣައްޒާއާ މެދު އިޒްރޭލުން މިހާރު އަމަލުކުރަމުންދާ ގޮތް ބަދަލު ނުކޮށްފި ނަމަ، އިޒްރޭލަކީ ދުނިޔޭގެ ގައުމުތަކުން އެކަހެރިކޮށްލާފައިވާ، އެންމެން ރުޅިއަންނަ ތަނަކަށް ވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ ހާއްސަ މަންދޫބު ޖެރެޑް ކުޝްނާ ދެއްވައިފި އެވެ.

"ނިއު ޔޯކް މެގަޒިން" އަށް މި މަހުގެ 23 ވަނަ ދުވަހު ދެއްވި އިންޓަވިއުއެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި އަބްރަހަމް އެކޯޑްސްގެ މޭސްތިރިޔާ ކުޝްނާ ވިދާޅުވީ، އޮކްޓޯބަރު 7، 2023 ގެ ހަމަލާތަކަށް ފަހު އިޒްރޭލު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އެގޮތުން، އިޒްރޭލަށް އޮތް ދެ ގޮތަކީ ދުނިޔޭގެ ގައުމުތަކާ ގުޅިގެން ރައްކާތެރިކަން ހޯދުން ނުވަތަ މިހާރު އޮތް ގޮތަށް ކުރިއަށް ގޮސް ބައިނަލްއަގުވާމީ މުޖުތަމައުން އެކަހެރިވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުޝްނާގެ މި ވާހަކަތަކުން ހާމަވަނީ ހަނގުރާމައަށް ފަހު ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމެވެ. ޣައްޒާ އަލުން ބިނާކުރުމުގެ ކަންކަން ބެލެހެއްޓުމަށް މި އަހަރުގެ ޖެނުއަރީ މަހު އެމެރިކާ އިސްވެ އުފެއްދި "ބޯޑް އޮފް ޕީސް" ގައި ކުޝްނާ އަދާކުރައްވަނީ މުހިންމު ދައުރެކެވެ.

މި ބޯޑުން އެކުލަވާލާފައިވާ މަގުޗާޓުގައިވާ ގޮތުން، ހަމާސްއިން މަރުހަލާތަކަކަށް ބަހާލައިގެން ހަތިޔާރު ބެހެއްޓުމާ އެކު، އިޒްރޭލު ސިފައިން ވެސް ޣައްޒާއިން ފައިބަމުން ދާންޖެހެ އެވެ. މި އަހަރުގެ ޖުލައި މަހު ހަމާސްއިން މި އޮނިގަނޑަށް އެއްބަސްވި ނަމަވެސް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. ނަތަންޔާހޫ ބުނަމުން ގެންދަނީ ހަމާސްގެ ހަތިޔާރު އެއްކޮށް ނައްތާނުލަނީސް އިޒްރޭލު ސިފައިން ނުފައިބާނެ ކަމަށެވެ. އެމެރިކާގެ އޮފިޝަލުން ދެކޭ ގޮތުގައި ނަތަންޔާހޫގެ މި ނިންމުމުގެ ސަބަބުން ޣައްޒާގެ އާ ސަރުކާރާއި ސަލާމަތީ އިދާރާތައް ގާއިމުކުރުމަށް ހުރަސްއެޅި، އަލުން އާރާސްތުކުރުމަށް ބޭނުންވާ ފައިސާ ލިބުން ވަނީ ހުއްޓިފަ އެވެ.

އިޒްރޭލުގެ ބައިނަލްއަގުވާމީ މަގާމާ މެދު ޑިމޮކްރެޓިކް ޕާޓީގެ އޮފިޝަލުންނާއި އިޒްރޭލުގެ ކުރީގެ ސަލާމަތީ ވެރިން މީގެ ކުރިން މިފަދަ އިންޒާރުތައް ދީފައިވީ ނަމަވެސް، އިޒްރޭލަށް އެންމެ ބޮޑަށް ތާއީދުކުރާ ރިޕަބްލިކަން ޕާޓީގެ އިސް މަންދޫބެއްގެ ފަރާތުން މިފަދަ ހަރުކަށި ފާޑުކިޔުމެއް އައުމަކީ އާދަޔާ ހިލާފު ކަމެއްގެ ގޮތުގައި މީޑިއާތަކުން ސިފަކުރެ އެވެ.

ކުޝްނާ މިހެން ވިދާޅުވެފައި މިވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އިޒްރޭލުގައި ބޭއްވި އާންމު އިންތިހާބުގައި ނަތަންޔާހޫގެ ކޯލިޝަނަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިފައިވާ ދަނޑިވަޅެއްގަ އެވެ.