އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކަށް ވަރަށް ފާޅުގައި ތާއީދުކޮށް ޣައްޒާ އެއްކޮށް ސުންނާފަތިކޮށްލުމަށް ގޮވާލަމުން ދިޔަ އެމެރިކާގެ ސިޔާސީ މީހުންގެ ތެރޭގައި ހިމެނުނު އެމެރިކާގެ ސެނެޓަރު ލިންޑްސޭ ގްރަހަމް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ދެކުނު ކެރޮލައިނާގެ ރިޕަބްލިކަން ސެނެޓަރު އުމުރުން 71 އަހަރުގައި މަރުވީ "ކުއްލި ސިއްހީ ހާލަތެއް ދިމާވެގެން" ކަމަށް އޭނާގެ އޮފީހުން ވަނީ ބުނެފަ އެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބުނެ ކުރި ރިޕޯޓަކާ ގުޅިގެން އިމަޖެންސީ ހިދުމަތްތަކުން ގޮސް ފަރުވާ ދެމުން ދަނިކޮށް، ވޮޝިންޓަންގައި ހުންނަ އޭނާގެ ގޭގަ އެވެ.
ގްރަހަމް މަރުވީ މިދިޔަ ހަފްތާގައި ތުރުކީގައި އޮތް ނޭޓޯގެ ސަމިޓުގެ އިތުރުން ޔުކްރެއިންނާއި އެހެން ބައެއް ގައުމުތަކަށް ވެސް ދަތުރުތަކެއް ކޮށްފައި އައިތަނާ އެވެ.
ލިންޑްސޭ ގްރަހަމްއަކީ އެމެރިކާގެ ހާރިޖީ ސިޔާސަތުގައި ވަރަށް ނުފޫޒުގަދަ އަދި ހަރުކަށި ވިސްނުމެއް ގެންގުޅުނު މީހެކެވެ. ހާއްސަކޮށް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް އޭނާ ވަނީ ފާޅުގައި ތާއީދުކޮށްފަ އެވެ.
ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ "މިއީ ދީނީ ހަނގުރާމައެއް" ކަމަށާއި، އިޒްރޭލުން އަމިއްލަ ދިފާއުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރަންވީ ކަމަށާއި، ޣައްޒާ އެއްކޮށް "ބިމާ ހަމަކޮށްލަންޖެހޭ" ކަމަށް ބުނެފަ އެވެ.
އެމެރިކާއިން ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ ހީރޯޝީމާ އަދި ނާގަސާކީއަށް އެޓަމް ބޮން އެޅިގޮތަށް، އިޒްރޭލުން ވެސް ހަނގުރާމަ ނިންމާލުމަށްޓަކައި ބޭނުންވާ ކޮންމެ ބޮމެއް ބޭނުންކުރުމުގެ ހައްގު އޮންނަންޖެހޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ސީއެންއެން އިން ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ވަނީ ޣައްޒާގެ އާންމުން މަރުވާ އަދަދަށް އެއްވެސް "ލިމިޓެއް" އޮންނަން ނުޖެހޭނެ ކަމަށް ވެސް ބުނެފަ އެވެ.
ގްރަހަމްގެ މި ހަރުކަށި ބަސްމަގުގެ ސަބަބުން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
އޭނާ މަރުވި އިރު، ޣައްޒާގައި އިޒްރޭލުން ހިންގާ ލޭއޮހޮރުވުންތަކަށް އެމެރިކާއިން ހަތިޔާރާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި އޭނާ އަކީ ސެނެޓްގެ ތެރެއިން އެންމެ އިސް ދައުރެއް އަދާކުރި މީހާ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ ގްރަހަމްގެ މަރާ ގުޅިގެން ޓްރަމްޕާއި އިޒްރޭލުގެ އިސް ވެރިން ވަނީ ހިތާމަ ފާޅުކޮށްފަ އެވެ.