ޣައްޒާގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ފިނި މޫސުމުގެ ބޯ ވިއްސާރައިގައި، ރަފަހް އާއި މެދުތެރޭ ސަރަހައްދުތަކުގެ ކޭމްޕުތަކުގައި ޖަހާފައި ހުރި 70،000 އަށް ވުރެ ގިނަ ފޭލިގޭގައި ފެންބޮޑުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ ކަމަށް އެ ސަރަހައްދުގެ ލޯކަލް އިދާރާތަކުން ބުނެފި އެވެ.
މިއީ މި އަހަރުގެ ފިނި މޫސުމާ އެކު ޣައްޒާއަށް ކުރިމަތިވި ފުރަތަމަ ގަދަ ވިއްސާރަ އެވެ.
އެހީދޭ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބުނާ ގޮތުގައި މި ވިއްސާރައިގެ ސަބަބުން، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން ވަނީ ކުރިއަށް ވުރެ ވެސް ބޮޑަށް ނިކަމެތިވެފަ އެވެ.
ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުން ބުނި ގޮތުގައި، ރޭ 12 ގަޑިއިރު ވެހުނު ބޯ ވާރޭގެ ސަބަބުން ގިނަ އަދަދެއްގެ ފޭލިގެތަކެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ފެނުގެ އަޑިއަށް ގޮސްފަ އެވެ. ބައެއް ކޭމްޕުތަކުގައި 40 ސެންޓިމީޓަރަށް ފެންބޮޑުވެފައިވާއިރު، ގޮދަޑިތަކާއި، އަންނައުނާއި ރަޖާތައް ތެމި ފިނިން ސަލާމަތްވެވޭނެ ގޮތެއް ވެސް ނެތެވެ.
މީގެ އިތުރުން، ކުރިން ދީފައިވާ ހަމަލާތަކުގައި ހަލާކުވެ، ރެނދުލާފައި ހުރި ބައެއް އިމާރާތްތަކުގެ ފާރުތަކާއި ފުރާޅުތައް ވެއްޓި ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ވެސް ވަނީ ވެފަ އެވެ. ކަނޑުގެ ރާޅު ބޮޑުވުމާއި ފެންބޮޑުވުމުގެ ސަބަބުން ޣައްޒާ ސިޓީގެ އައްސޭރިފަށުގެ ސަރަހައްދުތަކުން އެތައް ސަތޭކަ އާއިލާއެއް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފަ އެވެ.
ޣައްޒާގެ ސިވިލް ޑިފެންސް ސާވިސް އިން ބުނީ ރޭގެ ވަގުތެއްގައި އެހީއަށް އެދި 1،500 އަށް ވުރެ ގިނަ ކޯލް ލިބުނު ނަމަވެސް، މަސައްކަތް ކުރާނެ އެއްވެސް ވަސީލަތެއް ނެތް ކަމަށެވެ. ތެލުގެ ދަތިކަމާއި، ފެން ހިންދާ ޕަމްޕުތަކާއި ބުލްޑޯޒަރު ފަދަ ހެވީ މެޝިނަރީތައް ހަލާކުވެފައިވުމުގެ ސަބަބުން މަގުތައް ސާފުކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
އދ.ގެ ޝެލްޓާ ކްލަސްޓާގެ ރިޕޯޓްތައް ބުނާ ގޮތުން ފިނިމޫސުމާ ކުރިމަތިލާއިރު ޣައްޒާއަށް ބޭނުންވާ ސާމާނު ވަރަށް ބޮޑަށް ވަނީ ބޭނުންވެފަ އެވެ. އެގޮތުން 121،000 ފޭލިގެ އާއި، 561،000 ސަތަރީގެ އިތުރުން 1.7 މިލިއަން ގޮދަޑި މިވަގުތަށް ބޭނުންވެ އެވެ. ސަރަހައްދީ އިދާރާތަކުން ބުނަނީ މި ހާލަތުން އަރައިގަތުމަށް މަދުވެގެން 200،000 ޕްރީފެބްރިކޭޓަޑް (ފަސޭހައިން ރާވާލެވޭ) ގެ ބޭނުންވާ ކަމަށެވެ.
ޣައްޒާގެ މަސްއޫލުވެރިން ތުހުމަތުކުރާ ގޮތުގައި އިޒްރޭލުން ދަނީ ގެދޮރު އެޅުމަށް ބޭނުންވާ ލަކުޑި އާއި، ޕްރީފެބްރިކޭޓަޑް ކޮޓަރިތަކާއި، އިންޖީނުތަކަށް ބޭނުންވާ ކެމިކަލް ފަދަ ތަކެތި އެތެރެކުރުން ހުއްޓުވަން ހުރަސް އަޅަމުންނެވެ.