ގދ. ތިނަދޫގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކާ ހެދި އެ ރަށަށް ސަރުކާރުން ހާއްސަ ގޮތްތަކެއް ބަހައްޓަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. 

އެ ރަށުގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ތިނަދޫއިން މީހުން ބާލުވައި ދިން އަނިޔާތަކަށް ފަހު ވެސް އެ ރަށުން ފެނުނީ ގައުމީ ޖިހާދެއް ކަމަށެވެ. 

ހިތްދަތި ހާލަތްތައް ކުރިމަތިވުމުން އެއް ބަޔަކު އެ މާޔޫސްކަމުގައި ގޭގައި ތިބޭއިރު، އަނެއް ބަޔަކު ހިތްވަރާ އެކު މަސައްކަތް ކުރާކަން ފާހަގަަކުރައްވައި، ޔާމީން ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ތިނަދޫއިން ދެއްކީ ރީތި މިސާލެއް ކަމަށެވެ. 

ތިނަދޫއިން އަލުން އާބާތުރަ ފިލުވައި، ފެށި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކީ ތައުރީފާއި ޝުކުރު ހައްގު މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ތިނަދޫ
ތިނަދޫ

އެހެންވެ، ލިބުނު އަނިޔާތަކުން ތެދުވެ، ރަށަށް ގެނައި ބަދަލުތަކާ ހެދި ކޮންމެ ސަރުކާރަކުން ވެސް ތިނަދޫއާ ދޭތެރޭގައި ހާއްސަ ގޮތެއް ބަހައްޓަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. 

"އަސްލު އަޅުގަނޑުމެންނަށް ފެންނަން ޖެހޭ ބަދަލުތަކަކީ މި ކަހަލަ ބަދަލު... ގައުމުގެ ލީޑަރުންނަށް ތިބި މީހުން، ރައީސްކަން ކޮށްފައި ތިބި މީހުން އަދި ވެސް ކޮންމެ ކަހަލަ އުއްމީދެއް ކަންކަމާ ދޭތެރޭގައި ގައުމު ހެޔޮ މަގަށް ގެންދިއުމަށް އުއްމީދެއް ކުރާ ބަޔަކު ދެން ވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުގެ އެޑްވައިޒަކީ....ނަސޭހަތަކީ އިލްތިމާސަކީ ތިނަދޫއަށް މި ދިމާވި ހިތްދަތިކަމާ އެކީ، ކޮންމެ ސަރުކާރަކުން ވެސް ތިނަދޫއާ ދޭތެރޭގައި ހާއްސަ އެހީތެރިކަމެއް ބަހައްޓަން މަޖުބޫރޭ، އެކަން ކޮށްދޭން ވާނެއޭ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތިނަދޫ ރައްޔިތުން އަނިޔާ ތަހައްމަލު ކުރިކަން ގަބޫލު ކުރައްވާތީ، އެއިރެއްގެ އޮންނަ ސަރުކާރުގައި ވީ ވަރަކުން ކަންކަން ކޮށްދެވުނުކަން ގަބޫލު ކުރައްވާ ކަމަށެވެ.

ޕީޕީއެމްގެ ސަރުކާރުގައި ތިނަދޫގައި ހެދި ޕާކު ބަލާލަން ވަޑައިގެންނެވިއިރު ކުޑަކުދިން ހީ، ސަކަރާތް ޖަހައި ކުޅުމުގެ ބަދަލުގައި ފެނުނީ ވީރާނާވެފައިވާ ތަން ކަމަށާއި އެއީ ކޮންމެ ސަރުކާރަކުން ހެދިއަސް ތިނަދޫ ރައްޔިތުންގެ ތަނަކަށް ވާތީ ދެން އައި ސަރުކާރުތަކުން ކުލުނެއް ހުރިއްޔާ ރަނގަޅު ގޮތުގައި އެ ތަންތަން މަރާމާތުކޮށް ދޭންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

ތިނަދޫގައ ދެ ވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި، އެ ރަށަށް ހިދުމަތްކުރި މީހަކަށް، ކުރީގެ ރައީސް ޔާމީން އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ތިނަދޫގައ ދެ ވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި، އެ ރަށަށް ހިދުމަތްކުރި މީހަކަށް، ކުރީގެ ރައީސް ޔާމީން އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

އެހެންވެ، މިހާރު އޮތް ސަރުކާރަށް ތިނަދޫއަކީ އިތުރަށް އިހުމާލު ކުރެވޭނެ ރަށެއް ނޫން ކަމަށާއި އިތުރަށް ކަންކަން ކޮށްދޭންޖެހޭ ރަށެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

އެކަންކަމުގެ އިތުރުން ޔާމީން ވަނީ ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ޔާމީން ވިދާޅުވީ ރަށްރަށުގައި އެންމެ މުއްސަނދި ވަސީލަތަކީ ބިން ކަމަށާއި އެ ބިން ސަރުކާރުން އަތުލިޔަ ދީގެން ނުވާނެ ކަމަށެވެ. އެއާއެކު، މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރަން ޔާމީން ވަނީ ކައުންސިލްތަކަށް ގޮވާލައްވައިފަ އެވެ. 

މި ސަރުކާރުގެ އިގުތިސާދީ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވީ މި ސަރުކާރަށް ތިން އަހަރުވާން ކައިރިވާއިރު އިގުތިސޯދު ކޮޅަށްޖެހޭ ތަނެއް ނުފެންނާތީ މި ދައުރުގައި ބާކީ އޮތް ދެ އަހަރުގެ ތެރޭގައި އިގުތިސޯދު ހަމައަކަށް އެޅުމަކީ ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުން ރައްޔިތުންގެ އާމްދަނީއާ ނުބައްދަލު ކަމަށާއި ގައުމި މިހާރު މި އޮތީ ވަރަށް އުނދަގޫ އަދި ނާމާން ހާލަތެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.