މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށާއި ހައްޖާޖީންގެ ފުރަތަމަ ގްރޫޕު އަންނަ މަހުގެ 15 ގައި ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ރައީސް އޮފީހުގެ ކްރައިސިސް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން، ހައްޖަށް މީހުން ގެންދިއުމުގައި މިހާތަނަށް އެއްވެސް ހުރަހެއް އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ ހައްޖުވެރިންގެ ވިސާގެ ކަންކަމާއި ފްލައިޓާއި އިތުރު އެހެން ތައްޔާރީތައް ވެސް ނިމިފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ހައްޖުވެރިންގެ އެންމެހާ ކަންތައްތަކެއް ވަނީ ވަރަށް ފުރިހަމަކަމާ އެކުގައި ނިމިފައި. ވިސާ ވެސް ވަނީ މިހާރު އިޝޫކުރެވިފައި. އަދި އެކޮމޮޑޭޝަނާއި އެހެނިހެން ތައްޔާރީތައް، ފްލައިޓުގެ ދަތުރުތަކާ ހުރިހާ ކަމެއް ވެސް ވަނީ އިންތިޒާމުކުރެވިފައި،"
"މިވަގުތު އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން އަންނަ މަހުގެ 15 ގައި ހައްޖުވެރިން ފުރަން ފަށާނެ."
މި އަހަރު ވެސް 500 ހައްޖާޖީން މޯލްޑިވިއަންގައި ސައޫދީއަށް ދާނެ އެވެ. މިއީ ރާއްޖެ އަށް ސައުދީން ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ 50 ޕަސެންޓެވެ. އަދި ބާކީ ހައްޖާޖީން ގެންދާނީ ސައުދިއާ އެއާލައިންގަ އެވެ.
ހައްޖު ދުވަސް ކަމަށްވާ، ޒުލްހިއްޖާ މަހުގެ 9 ވަނަ ދުވަސް ދިމާވަނީ ކަލަންޑަރުގައި މިހާރު އޮތް ގޮތުން، އަންނަ މެއި މަހުގެ 26 އަށެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ރާއްޖެއިން ހައްޖަށްދާ މީހުން ދާނީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިންނެވެ.
ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ މައްކާ ރޫޓުގެ ފުރުސަތަކީ އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ގައުމުތަކަށްދޭ ފުރުސަތެއް ނަމަވެސް އަހަރަކު 1،000 މީހުން ހައްޖަށް ދާ ރާއްޖެ އަށް އެ ފުރުސަތު އެ ގައުމުން ވަނީ ދީފަ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.
ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.