ދިވެހި ހައްޖުވެރިން މިނާއަށް ދާން މިރޭ ދަތުރު ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ހާޖީން މިނާއަށް ދާން ފުރާނީ މިރޭ މައްކާ ގަޑިން 9:30 ގައި ކަމަށެވެ. އެއީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12:30 އެވެ.
މިނާ އަކީ މައްކާއާ ގާތްގަނޑަކަށް ފަސް ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ. އެތަނުގައި އޮންނާނީ ހައްޖާޖީން ތިބުމަށް ހާއްސަ ޓެންޓުތައް ޖަހައިފަ އެވެ.
މާދަމާ ރޭ ހާޖީން އަރާފަތަށް ދަތުރު ފަށާނެ ކަމަށާއި ދިވެހި ތާރީހުގައި ވެސް ދިވެހި ހާޖީންނަށް ލިބޭނެ އެންމެ މަތީ ހިދުމަތާއި އެހީތެރިކަން ހައްޖު ކޯޕަރޭޝަނުން ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނާ އާއި އަރަފާތުގެ އިންތިޒާމުތައް ވެސް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ ރާއްޖޭގެ ހައްޖު މިޝަނުން ހާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ އަރަފާތަށް ދިއުމުގެ ކުރިން މިނާގައި ރޭކުރުމަށް ފަހު ދަތުރު ފަށާނީ އަރާފަތަށެވެ. ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކޮށް ދެން މުއްދަލިފާގައި އެއް ރޭ ހޭދަކޮށް އީދު ދުވަހު މިނާގައި ޖަމްރާއަށް ހިލަ އުކާނެ އެވެ. އޭގެ ފަހުން އުޟްހިޔާ ކަތިލުމާއި ފިރިހެނުން ބޮލުގެ އިސްތަށިގަނޑު ތުނިކުރުން ނުވަތަ ބޭލުމާއި އިހްރާމް ކެނޑުން ފަދަ ކަންކަން ފުރިހަމަކުރާނެ އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ރާއްޖެއިން ހައްޖަށްދާ މީހުން ދަތުރުކުރީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިންނެވެ. އެއީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.
ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ މައްކާ ރޫޓުގެ ފުރުސަތަކީ އާންމުކޮށް އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ގައުމުތަކަށް ސައުދީ ސަރުކާރުން ދޭ ފުރުސަތެކެވެ. އެކަމަކު އަހަރަކު 1،000 މީހުން ހައްޖަށްދާ ރާއްޖެއަށް އެ ފުރުސަތު ދޭން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ.
މިފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ އެވެ.