ކޮރޯނާވައިރަސް މައިގަނޑު ގޮތެއްގައި ހަމަލާދެނީ ފުއްޕާމެއަށެވެ. އެކަމަކު ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، މި ވައިރަސް ބައެއް މީހުންގެ ސިކުނޑިއާ ހަމައަށް ވެސް ފޯރައި، ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވަ އެވެ. އޭގެ ސަބަބުން ބޮލުގައި ރިއްސުމާއި ވާނުވާ ނޭނގުން ފަަދަ އަލާމާތްތައް ފެނެ އެވެ.
އާ ދިރާސާއިން ދައްކަނީ ކޮވިޑް-19 ޖައްސާ މި ވައިރަސް ކޮންމެވެސް ގޮތަކުން ސިކުނޑިއަށް ވަދެ، އޭގެ ނަސްލު ގިނަކުރަން، ސިކުނޑީގެ ސެލްތައް ރަހީނުކުރާ ކަމެވެ. އަދި ކައިރީގައި ދައުރުވާ އޮކްސިޖަންކޮޅު ވެސް ދަމާލައި، ސެލްތައް މަރާލަ އެވެ.
ސިކުނޑިއަށް ވައިރަސް ވަންނަ ގޮތާއި ކިހާ އާންމުކޮށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާކަން، މުޅިއަކުން އަދި ސާފެއް ނޫނެވެ. ސިކުނޑިގައި އިންފެކްޝަން އުފެދުމަކީ ވަރަށް ތަދު ކަމެއް ކަމަށް ބެލެވެ އެވެ. އެކަމަކު ބައެއް މީހުންގެ ޖެނެޓިކްގެ މައްސަލަތަކާއި މާ ގިނަ އަދަދަކަށް ހަށިގަނޑަށް ވައިރަސް ވަނުމަކީ ސިކުނޑިއަށް ވެސް އެ ހިނގައިދާނެ ސަބަބުތަކަށް ވެދާނެ ކަމަށް، ބެލެވެ އެވެ.
"ސިކުނޑި އިންފެކްޓް ވެއްޖެ ނަމަ، އެކަމުން ފުރާނައަށް ނުރައްކާ ވާ ފަދަ ނަތީޖާތަކެއް ކުރިމަތިވެދާނެ،" ދިރާސާގައި އިސްކޮށް ހުންނެވި ޔޭލް ޔުނިވަސިޓީގެ އިމިއުނޮލޮޖިސްޓް އަކިކޯ އިވަސާކީ ވިދާޅުވި އެވެ.
މި ދިރާސާ މިދިއަ ބުދަދުވަހު ވަނީ އޮންލައިންކޮށް އާންމުކޮށްފަ އެވެ. އެކަމަކު ސައިންސްގެ ހާއްސަ މަޖައްލާއެއްގައި ޖަހަން ބޭނުންވާ ތަޖުރިބާކާރުންގެ ހިޔާލެއް އެއަކަށް އަދި ނުލިބެ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިއީ ވަރަށް ފަރުވާތެރިވާން ޖެހޭނެ ފަދަ މައްސަލައެކެވެ.
އާ މި ވައިރަހުން ސިކުނޑިއަށް ގެއްލުން ލިބޭކަން ދެނެގަނެވެން އޮތީ އެމްއާރުއައި އިންނާއި ބަލިމީހާގެ ކިބައިން ފެންނަ އަލާމާތްތަކުންނެވެ. ސިކުނޑިއަށް އޭގެ އަސަރު ފޯރުން އެކަށީގެން ވިޔަސް، އިނގިރޭސި ވިލާތުގެ ނެޝަނަލް ހޮސްޕިޓަލް ފޯ ނިއުރޮލޮޖީ އެންޑް ނިއުރޮސާޖަރީގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. މައިކަލް ޒަންޑީ ވިދާޅުވި ގޮތުގައި، "މި ވައިރަސް ސިކުނޑިއަށް އިންފެކްޓްކުރާ ކަމުގެ ސީދާ ހެއްކެއް މިހާތަނަށް ފެނިފައެއް" ނުވެ އެވެ.
އެކަމަކު "މި ފަހުގެ މައުލޫމާތަކީ އެކަމަށް ލިބުނު ކުޑަ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.
ޑރ. ޒަންޑީ އާއި އޭނާއާ އެކު މަސައްކަތްކުރާ އެހެން ޑޮކްޓަރުންގެ ޓީމަކުން މިދިއަ ޖުލައި މަހު ވަނީ ދިރާސާއެއް ނެރެފަ އެވެ. އެ ކަރުދާހުން ދައްކައިދިނީ ކޮވިޑް-19ގެ ބައެއް ބަލިމީހުންނަށް ނާރުތަކާ ގުޅޭ ގެއްލުންތަކެއް ލިިބިފައިވާ ކަމެވެ.
އިވަސާކީގެ ޓީމުން ވަނީ ސިކުނޑީގެ އިންފެކްޝަން ތިން ގޮތަކަށް ދައްކައިދީފަ އެވެ. އެއީ ކޮވިޑް-19 ގައި މަރުވި މީހެއްގެ ސިކުނޑީގެ ޓިޝޫ އާއި މީދާ ބޭނުންކޮށްގެންނާއި ލެބޯރަޓަރީގައި ސިކުނޑީގެ ސެލްތަކާ ބެހޭ ހާއްސަ ދިރާސާއަކުންވެ.
ބައެއް ވައިރަސްތަކުން ސިކުނޑިއަށް ގެއްލުން ލިބެ އެވެ. މިސާލަކަށް ޒިކާ އެވެ. ވައިރަހުން ލިބޭ ގެއްލުން ރަނގަޅުކުރަން، ވަގުތުން ހަށިގަނޑުގެ ދިފާއީ ސެލްތައް އެ ހިސާބަށް ގޮސް، އިންފެކްޓް ވެފައި ހުންނަ ސެލްތައް ނައްތާލުމުގެ މަސައްކަތް ފަށަ އެވެ.
އެކަމަކު ކޮރޯނާވައިރަސް އެއަށް ވުރެ މާ ކުޅަދާނަ އެވެ. ސިކުނޑީގެ ސެލްތައް ހަލާކުކޮށްލުމުގެ ބަދަލުގައި އެ ސެލްތައް ބަދަލުކޮށްލަނީ، ވައިރަސް ގިނަކޮށްދޭ މެޝިނަކަށެވެ. ކައިރީގައި އުޅޭ ސެލްތަކަށް އޭގެ ސަބަބުން އޮކްސިޖަން ލިބުން ހުއްޓި، މަރުވެދެ އެވެ.
މި މައްސަލަ ހައްލުކުރަން ދިފާއީ ނިޒާމެއް އުފެދޭ ތަނެއް، ސައިންސްވެރިންނަށް ފެނިފައެއް ނުވެ އެވެ.
"މިއީ އެއްގޮތަކުން ބަލަންޏާ ހިމޭން އިންފެކްޝަނެއް. މި ވައިރަސް އެބަ ގެންގުޅޭ ރެކިގަތުމުގެ ތަފާތު އުކުޅުތައް،" ޑރ. އިވަސާކީ ވިދާޅުވި އެވެ.
ކޮރޯނާވައިރަސް އިން ސިކުނޑިއަށް ލިބޭ ގެއްލުން ބެލި ބައެއް ސައިންސްވެރިން ބުނާ ގޮތުގައި ނާރުތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މުހިންމު ޒިންމާއެއް ނަގާ ސައިނެޕްސްގެ ބައިތައް ވަރަށް ބޮޑަށް މަދުކޮށްލަ އެވެ.
"ބަލިވާތާ ދުވަސްކޮޅެއް ފަހުން ސައިނެޕްސްގެ މިންވަރު ވަރަށް ބޮޑަށް މަދުވާކަން އަހަރެމެންނަށް މިހާރު ވެސް އެނގޭ،" ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ނިއުރޮލޮޖިސްޓް ޑރ. އަލީސަން މޯޓްރީ ވިދާޅުވި އެވެ.
"އަހަރެމެންނަކަށް އަދި ނޭނގޭ އެކަން ރަނގަޅުކުރެވިދާނެކަން ނުވަތަ ނޫންކަން."
އިވަސާކީގެ ޓީމުން ވަނީ މީދާ ބޭނުންކޮށްގެން ދިރާސާއެއް ހަދައިފަ އެވެ. ހަށިގަނޑުގެ ސެލްތަކުގެ ތެރެއަށް ވަންނަން ކޮރޯނާވައިރަސް ބޭނުންކުރާ ޕްރޮޓީންގެ ބައިތައް މީދާގެ އެއް ގްރޫޕްގެ ސިކުނޑިއަށް ފޮނުވި އެވެ. އަނެއް ގްރޫޕްގެ މީދާތަކުގެ ފުއްޕާމެއަށް އެ ޕްރޮޓީން ލި އެވެ.
ސިކުނޑިއަށް ޕްރޮޓީންގެ ބައި ދޫކޮށްލި މީދާތައް، އެންމެ ހަ ދުވަހުގެ ތެރޭގައި އޭގެ ބަރުދަން ލުއިވެ، މަރުވި އެވެ. އެކަމަކު ފުއްޕާމެއަށް ޕްރޮޓީން ލި މީދާތަކަށް އެއިން އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. އެހެންކަމުން މި ދިރާސާއިން ފެންނަނީ ކޮރޯނާވައިރަސްގެ ނުރައްކާތެރިކަން ފުއްޕާމެއަށް ވުރެ، ސިކުނޑިއަށް މާ ބޮޑުވެދާނެ ކަމެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ކޮރޯނާވައިރަސްގެ އަސަރު ސިކުނޑިއަށް، ކިހާ އާންމުކޮށް ކުރޭތޯ ބަލަން މިހާރަށް ވުރެ ގިނައިން އޮޓޮޕްސީ ސާމްޕަލްތައް ދިރާސާކުރުން މުހިންމެވެ. އަދި ކޮވިޑް-19 ޖެހިގެން ނާރުތަކާ ގުޅުން ހުރި އަލާމާތްތައް ފެނުނު ބަލި މީހުންގެ ދިރާސާތައް ވެސް ގިނަކުރަން ޖެހޭ ކަމަށް، އެ ސައިންސްވެރިން ބުނެ އެވެ.
ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ނިއުރޮލޮޖިސްޓެއް ކަމަށް ވާ ޑރ. ރޮބަޓް ސްޓީވަންސް ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 40 އާއި 60 ޕަސެންޓާ ދެމެދުގެ މީހުންގެ ކިބައިން، ނާރުތަކާ ގުޅުން ހުރި އަލާމާތްތައް ފެނިފައިވެ އެވެ. އެކަމަކު އެއީ ސިކުނޑިއަށް ވައިރަސް ވަދެގެން ކުރިމަތިވި މައްސަލަތަކަށް ނުވުން ވެސް އެކަށީގެންވެ އެވެ. އެ ވައިރަސްގެ ސަބަބުން ބައެއް މީހުންގެ ލޭ އާދަޔާ ހިލާފަށް އޮލަކޮށްލަ އެވެ. އަދި ލޭ ގަނޑުވެ، ސްޓްރޯކް ޖެހެން ވެސް މަގު ފަހިކޮށްދެ އެވެ. އެކަމަކު މި ސްޓްރޯކް ޖެހެނީ ސިކުނޑިއަށް އެ ވައިރަސް ގޮސްގެންނެއް ނޫނެވެ.
ނަމަވެސް ޑރ. ޒަންޑީ ވިދާޅުވި ގޮތުގައި ސިކުނޑީގައި އިންފެކްޓްވި ސެލްތަކުގެ ސަބަބުން ލޭގެ އޮކްސިޖަންގެ މިންވަރު ދަށްވެގެން ވެސް، ކޮވިޑް-19ގެ ބައެއް މީހުންނަށް ސްޓްރޯކް ޖެހުން އެކަށީގެންވެ އެވެ. އޭގެ މާނައަކީ އެފަދަ މީހުންގެ ސިކުނޑިއަށް ކޮރޯނާވައިރަސް ވަދެފައިވުމެވެ.