ހިމަބިހީގެ އިތުރު 17 ކޭސް މިދިޔަ ހަފްތާގައި ފެނިފައިވާ ކަމަށާއި މި ބަލިން ރައްކާތެރިވާން މިހާތަނަށް 14،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ބުނެފި އެވެ.

އެ އެޖެންސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ހަފުތާގައި  އިތުރު 17 މީހަކަށް އެ ބަލި ޖެހި، މި އަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު 216 އަށް އަރާފައިވާ ކަމަށް ބުންޏެވެ.

އޭގެ ކުރީ ހަފުތާގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު އުޅެނީ 13 ގަ އެވެ. 

ރާއްޖެއިން ހިމަބިހި ނައްތާލި ކަމަށް ޑަބްލިއުއެޗްއޯއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ފަހުން ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން ދޭތެރެ ދޭތެރެއިން އެ ބަލި ފެނެ އެވެ. އެކަމަކު މި ފަހަރު ހާލަތު ގޯސްވީ ދިވެހިންގެ ތެރޭގައި އެ ބަލި އިތުރުވާން ފެށުމުންނެވެ.

މިހާރު އެ ބަލި އުޅޭތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަމުން ރައްކާތެރިވާން މިދިޔަ މަހު ވެކްސިނޭޝަން ޕްރޮގްރާމް ފަށައި މިހާތަނަށް 14،701 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ.

ހިމަބިހިން ރައްކާތެރިވުމަށް 

- ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދަން ހޮސްޕިޓަލަށް ދިއުން. ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން އަދި އާއްމު ދަތުރުފަތުރު ބޭނުން ނުކުރުން.

- ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން

- ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން