ހިމަބިހި އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު ތިބީ ތިން މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ހިމަބިހީގެ އެކްޓިވް ކޭސްގެ ގޮތުގައި ބަލަނީ ބަލީގެ އަލާމާތްތައް ފެންނަމުންދާ އަދި އެހެން މީހުންގެ ގަޔަށް ބަލި ފެތުރިދާނެ ހާލަތުގައި ތިބި އަދި ލެބޯޓްރީ ޓެސްޓުން ބަލި ކަށަވަރުވެފައިވާ މީހުންނެވެ.

މާލެ ސަރަހައްދުން މިދިޔަ ހަފުތާގައި ވެސް ވަނީ ހިމަބިހީގެ 20 ކޭސް ފެނިފަ އެވެ. އަދި އެއާއެކު މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް ވަނީ އަރައިފަ އެވެ. 

ނަމަވެސް އެޗްޕީއޭގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެ ބަލީގައި އެކްޓިވްކޮށް މި ވަގުތު ތިބީ، ތިން މީހުން ކަމަށެވެ. އަދި އެކްޓިވް ކޮންޓެކްޓުންގެ ގޮތުގައި 164 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މީހުން މޮނީޓާ ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެކްޓިވް ކޮންޓެކްޓުންނަކީ ބަލި ޖެހިފައިވާ މީހުންނާ ޑައިރެކްޓް ކޮންޓެކްޓުވެފައި ތިބި އަދިި 21 ދުވަހުގެ މުއްދަތަށް ބަލީގެ އަލާމާތެއް ފެނޭތޯ ކައިރިން މޮނީޓާކުރާ މީހުންނެވެ.

ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ. އަދި އެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 1،664 މީހުން ފާހަގަވެފައިވެ އެވެ. 

ރާއްޖެއިން ނައްތާލާފައިވާ ހިމަބިއްސަށް ބަޔަކު ޕޮޒިޓިވްވުމުން އެ ބަލިން ރައްކާތެރިވާން އެޗްޕީއޭއިން ވަނީ ވެކްސިން ދޭން ފަށައިފަ އެވެ. އެގޮތުން މިހާތަނަށް 12،000 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. 

ހިމަބިހިން ރައްކާތެރިވުމަށް 

- ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދަން ހޮސްޕިޓަލަށް ދިއުން. ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން އަދި އާއްމު ދަތުރުފަތުރު ބޭނުން ނުކުރުން.

- ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން

- ބަލީގެ އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން