ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި ބަލި ޖެހިފައިވާ ދެ މީހަކު ރާއްޖެއިން ފެނިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ސޯޝަލް މީޑިއާގައި ދެންމެ ކުރި ޕޯސްޓުގައި ބުނީ މި ހަފުތާގެ ތެރޭގައި އެ ބައްޔަށް ދެ މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

އެކަމާ ގުޅިގެން އާއްމުކޮށް އަމަލުކުރާ އުސޫލުތަކުގެ މަތިން ކޭސް އިންވެސްޓިގޭޝަން ހަދައި، ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް މިހާރު ވެކްސިން ދޭން ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި؛

- ހުން އައުން

- ހަމުގައި ރަތް ބިހިތަކެއް ނެގުން

- ކެއްސުން

- ނޭފަތުން އަރިދަފުސް ފޭބުން

- ލޯ ރަތްވުން

އެޗްޕީއޭއިން ބުނީ މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ފަސް ކޭސް ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހުން ހިމެނެ އެވެ.

މި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ގައުމުތަކުގައި ވެސް އެ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވެ އެވެ. 

އޭގެ ތެރެއިން ބަންގްލަދޭޝްގައި އިއްޔެއާ ހަމައަށް 7،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، 400 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ އިންޑިއާގައި ވެސް ހިމަބިހި ޖެހިގެން މި ދުވަސްވަރު ރިޕޯޓުކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. 

ރާއްޖެއިން ހިމަބިހި ނައްތާލީ 2018 ވަނަ އަހަރުގަ އެވެ. އެކަމަކު އޭގެފަހުން، ވެސް ރާއްޖެ އިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވެ އެވެ. އެގޮތުން 2020 ވަނަ އަހަރާއި 2023 ގެ ތެރޭގައި ވެސް އައްޑޫއިން ކުޑަކުއްޖަކު އެ ބައްޔަށް ޕޮޒިިޓިވްވި އެވެ.