ކޮވިޑް-19އާ ގުޅިގެން އައްޑު އަތޮޅު ހެރެތެރެ ރިސޯޓްގައި ކަރަންޓީން ކޮށްފައި ތިއްބާ ފިލި ފަސް މީހުންގެ ތެރެއިން ތިން މީހަކު ހޯދައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މިއަދު އިރުއޮއްސުނު ވަގުތު ފިލައިގެން ދިޔައީ ދިވެހި ފަސް ފިރިހެނުންނެވެ. އޭގެ ތެރެއިން ތިން މީހުން ހައްޔަރު ކުރިކަމުގެ އިތުރުން އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
ކުރިން ރިސޯޓް ރޫމްތަކުގައި ތިބި އެ މީހުން ދެން ތިބޭނީ ފުލުހުންގެ ބަންދުގަ އެވެ.
ހެރެތެރެ ރިސޯޓު އޮންނަނީ އައްޑޫ ހުޅުމީދޫއާ ބްރިޖަކުން ގުޅިފަ އެވެ. ދެ ރަށް ދެމެދު އޮންނަ ޗެނަލުން ފަތާފައި ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެ އެވެ. ނަމަވެސް އެ މީހުން ފިލައިގެން ދިޔައީ ކިހިނެއް ކަމެއް ނޭނގެ އެވެ.
ހެރެތެރެ މިހާރު ހާއްސަ ކޮށްފައިވަނީ ދެކުނުގެ ރަށްތަކުން ކޮވިޑް-19އާ ގުޅިގެން ކަރަންޓީން ކުރަން ޖެހޭ މީހުން ބޭތިއްބުމަށެވެ.
ގިނަ ރިސޯޓްތަކެއްގައި އެތައް ސަތޭކަ ބަޔަކު ކަރަންޓީން ކޮށްފައިވާއިރު މިއީ ކަރަންޓީން ފެސިލިޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް އަމަލު ކުރި ގިނަ ބަޔަކު މީގެ ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ލޮކްޑައުން ކޮށްފައިވަނިކޮށް އެއް ރަށުން އަނެއް ރަށަށް ދިޔަ މީހުން ގިނަ އެވެ.
ހާއްސަ ފަރުވާއެއް ނެތް ނުރައްކާތެރި ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 618 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި މާލޭގެ އިތުރުން އުތުރުގެ ބައެއް ރަށްރަށުން ވެސް ވަނީ ބަލި ފެނިފަ އެވެ.