އެމްސްޓެޑަމް (މާޗް 6) - ހޮލެންޑުގެ މިސްކިތްތައް ބަންދުކޮށް ގުރުއާން ކިޔެވުން މަނާކުރާނެ ކަމަށް، ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާ އިސްލާމް ދީނާ ދެކޮޅު ކެންޑިޑޭޓަކު ވިދާޅުވުމާ ގުޅިގެން މުސްލިމުންނާ އެކުގައިވާކަން ދެއްކުމުގެ ގޮތުން ހޮލެންޑުގެ ގިނަ ބަޔަކު އެމްސްޓެޑަމްގެ ބޮޑު މިސްކިތަށް އިއްޔެ ޖަމާވެއްޖެ އެވެ.
ހޮލެންޑުގައި ދީނީ އަދި ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅު ހަދާ 200 ވަރަކަށް މީހުން އެމްސްޓެޑަމްގެ އަލް ކަބީރު މިސްކިތަށް އެއްވެ، އެ މީހުން ވަނީ އެ ގައުމުގައި މުސްލިމުން އެހާބޮޑަށް ތަފާތު ކުރާތީ ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.
"މި ކަމުގައި އަޅުގަނޑުމެންގެ އަޑު އިއްވުން ވަރަށް މުހިންމު. މުސްލިމުންނަކީ މުޖްތަމައަށް ބިރެއް ނޫންކަން އަންގައިދޭން ޖެހޭ،" މިސްކިތުގެ ބައްދަލުވުން އިންތިޒާމްކުރުމުގައި އުޅުނު މީހަކު ބުންޏެވެ.
ހޮލެންޑުގެ މުސްލިމް އާބާދީ ކަމަށް ލަފާކޮށްފައި ވަނީ 840،000 އާއި 960،000 އާ ދެމެދުގެ އަދަދެކެވެ. އެއީ އެ ގައުމުގެ 17 މިލިއަން މީހުންގެ އާބާދީގެ ގާތްގަނޑަކަށް ފަސް ޕަސެންޓެވެ. ހޮލެންޑުގެ މުސްލިމުންގެ ތެރޭން ގިނައީ ތުރުކީ އަދި މޮރޮކޯ ދަރިކޮޅު މީހުންނެވެ.
މުސްލިމުންނާ އެއްބައިވުމުގެ ގޮތުން ބައްދަލުވުމެއް ބާއްވަން ޖެހުނީ އިސްލާމް ދީނާ ދެކޮޅު ޚިޔާލުގެ ޕާލަމެންޓުގެ މެންބަރު ގީރްޓް ވިލްޑާސްގެ މެނިފެސްޓޯއާ ގުޅިގެންނެވެ. އިސްލާމް ދީނާ ދެކޮޅު ޓިކެޓެއްގައި ވާދަކުރާ 53 އަހަރުގެ ވިލްޑާސްގެ ޕާޓީގެ އެއް ސަފުހާގެ މެނިފެސްޓޯގައި ވަނީ އިންތިޚާބު ވެއްޖެ ނަމަ ހޮލެންޑުގައި މުސްހަފް ވިއްކުމާއި ގުރުއާން ކިޔެވުން މަނާކޮށް މިސްކިތްތަކާއި މުސްލިމް ސްކޫލްތައް ބަންދުކުރާނެ ކަމަށް ބުނެފަ އެވެ. އަދި ހޮލެންޑުގައި ދިރިއުޅެން އަންނަ މުސްލިމުންނަށް ބޯޑަރު ބަންދުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ހޮލެންޑުގައި އިންތިޚާބު ބާއްވަން ދިހަ ވަރަކަށް ދުވަހަށްވެފައިވާ އިރު ޚިޔާލު ހޯދުންތަކުން ދައްކަނީ ވިލްޑާސްގެ ފްރީޑަމް ޕާޓީ (ޕީވީވީ) ކުރިން ކުރީގައި އުޅުނު ނަމަވެސް މިހާރު ދެ ވަނަ އަށް ވެއްޓިފައިވާ ކަމަށެވެ. ކުރީގައި މިހާރު އުޅެނީ ބޮޑު ވަޒީރު މާކް ރުއްޓެގެ ލިބަރެލް ޕާޓީ އެވެ.