ލަންކާގައި މުސްލިމުންނާ ދެކޮޅު ހަމަލާތައް ކޮންޓްރޯލްކޮށްފި

ކޮލަމްބޯ (މެއި 15) - ސްރީ ލަންކާގައި މުސްލިމުންގެ ފިހާރަތަކަށާއި މިސްކިތްތަކަށް ދޭ ހަމަލާތައް މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް ސަލާމަތީ ފަރާތްތަކުން މިއަަދު ބުނެފި އެވެ.


އެޕްރީލް 21 ވަނަ ދުވަހު ދިން ހަމަލާތަކަށް ފަހު ލަންކާގައި މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ.

"މުސްލިމުންނަށް ދޭ ހަމަލާތައް މިހާރު ވަނީ ކޮންޓްރޯލްކޮށްފައި. ހަމަލާ ދިނުމުގައި ބައިވެރިވާ މީހުން މިހާރު މިދަނީ ހައްޔަރު ކުރަމުން. ރޭ ވެސް އެއްވެސް ހަމަނުޖެހުމެއް ހިންގައިފައެއް ނުވޭ،" އަސްކަރީ ތަރުޖަމާން ސުމިތު އަތަޕައްތޫ ވިދާޅުވި އެވެ.

ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ ހަމަނުޖެހުން ހިންގި މީހުންގެ ތެރޭން އިއްޔެ ހަވީރާ ހަމައަށް 80 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޮލަމްބޯގެ އުތުރުން އޮންނަ މިނުވަންގޮޑާގައި ގެއްލުންދީފައިވާ ފިހާރައެއްގެ ކައިރީ ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

އެކަމަކު ނޯތު-ވެސްޓް ޕްރޮވިންސްގައި ދިރިއުޅޭ މުސްލިމުން އަދިވެސް ތިބީ ބިރުވެރިކަމެއްގަ އެވެ. މިސްކިތްތަކާއި ފިހާރަތަކަށް ދިން ހަމަލާތަކުގައި ހިންގި ހަމަނުޖެހުންތަކުގައި މުސްލިމަކު ވަނީ އެ ޕްރޮވިންސުން މަރާލައިފަ އެވެ.

ދީނީ އިލްމުވެރިއެއް ކަމަށްވާ އެމް.އައި.އެމް ސިއްދީގު ވިދާޅުވީ ބިންގިރިޔާގައި 2،000 މީހުން ނުކުމެ ހަމަނުޖެހުން ހިންގާ ކަމަށެވެ.

"މުސްލިމުން ބޭރަށް ނުކުތުމަށް އަދިވެސް ބިރު ގަނޭ،" އޭއެފްޕީ އަށް އޭނާ ވިދާޅުވި އެވެ.

ކޮލަމްބޯގެ އުތުރުން އޮންނަ މިނުވަންގޮޑާގައި ގެއްލުންދީފައިވާ ފިހާރައެއްގެ ކައިރީ ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

އަސްކަރީ ތަރުޖަމާން އަތަޕައްތޫ ވިދާޅުވީ ހަމަނުޖެހުން އުފައްދާ ގްރޫޕްތައް ސިފައިން ވެސް ދަނީ ހައްޔަރުކޮށް، އެ މީހުން ފުލުހުންނާ ހަވާލު ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން ގުނަސެކަރަ ވިދާޅުވީ ހަމަނުޖެހުން ހިންގާ މީހުން ހައްޔަރު ކުރަމުން ދަނީ މިހާރު ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ. އަދި އެ މީހުން ކުށްވެރިވެއްޖެ ނަމަ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ބުޑިސްޓުންގެ އިސް މީހަކު ހިމެނެ އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ މާޗް މަހު ކެންޑީގައި މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ވެސް ބައިވެރިވެފަ އެވެ.

ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވަނީ މުސްލިމްންނާ ދެކޮޅަށް ދޭ ހަމަލާތައް ކުށްވެރި ކުރައްވައިފަ އެވެ.