ހޮލީވުޑްގެ ތަރި އޭން ހެތަވޭ އާއި އޭނާގެ ފިރިމީހާ އެޑަމް ޝުލްމަން އަށް ތިންވަނަ ދަރިއަކު ލިބިއްޖެ އެވެ.
އުމުރުން 44 އަހަރުގެ ހެތަވޭ ވިހެއުމަށް ފަހު ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނުކުމެފައި ވަނީ އިއްޔެ ނިއުޔޯކް ސިޓީގަ އެވެ.
މީޑިއާތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ހުދު ކުލައިގެ ދިގު ކޯޓަކާ އެކު އޭނާ ހުރީ ތުއްތު ދަރިފުޅު ބޭބީ ކެރިއާއަކަށް ލައިގެން އުރާލައިގެންނެވެ.
ރައްޓެހިންނާ އެކު ނިއުޔޯކްގެ މަގުމަތީގައި ހިނގާލަން ނުކުމެ އުޅުނުއިރު ހެތަވޭ ފެނުނީ ވަރަށް އުފާވެރި މޫޑެއްގައި ކަމަށާއި، ދަރިފުޅުގެ ބޮލުގައި ފިޔާތޮށި ކުލައިގެ ތޮތްޕެއް އަޅުވާފައި ހުރުމުން، ގިނަ ސަޕޯޓަރުން އަންނަނީ މި ފަހަރު އެ ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެއް ކަމަށް ބުނަމުން ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ހެތަވޭ އޭނާގެ ތިންވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފައި ވަނީ މިދިޔަ ޖޫން މަހު އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއް މެދުވެރިކޮށެވެ. ނަމަވެސް، ވިހެއިކަން އޭނާ އަދި ސޯޝަލް މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ އޮގަސްޓް މަހު ޓީވީ ޝޯއެއްގައި ވާހަކަދައްކަމުން ހެތަވޭ ބުނެފައި ވަނީ ދަރިފުޅުގެ ޖިންސު އާންމުނުކޮށް ސިއްރެއްގެ ގޮތުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
މީގެ 14 އަހަރު ކުރިން 2012 ގައި ކައިވެނިކުރި ހެތަވޭ އާއި ޝުލްމަންއަށް ކުރިން ވެސް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ. އެއީ އުމުރުން 10 އަހަރުގެ ޖޮނަތަން އާއި ހަ އަހަރުގެ ޖެކް އެވެ.