އިންޑިއާގެ ދިދާގައި ދަތުރުކުރި، ވިޔަފާރި މުދާ އުފުލާ ބޯޓަކަށް ރަތްކަނޑުގައި ދިން ހަމަލާއަކަށް ފަހު ފެތިއްޖެ އެވެ. 

ޔަމަންގެ މުޚާ ސިޓީގެ އޮފިޝަލުން މި ހާދިސާ ކަށަވަރުކޮށްދީ، މީހުން ސަލާމަތްކޮށްފައިވާ ކަމަށް ބުނެފައި ވާއިރު އިންޑިއާއިން ވަނީ އެއްވެސް ސަބަބެއް ނެތި ދިން މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. 

ޔަމަންގައި އޮންނަ، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަ ސަރުކާރުން ވަނީ މިއީ އީރާންގެ މަދަދު ލިބޭ ހޫތީންގެ ހަމަލާއެއް ކަމަށް ބުނެފަ އެވެ. 

މިދިޔަ މަހު ހޫތީން ވަނީ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމު ކަމަށްވާ ސައޫދީގެ ބަނދަރުތަކަށް ހުރަސްއަޅާފައިވާ ކަމަށް އިއުލާނުކޮށް، އުޅަނދުތަކަށް އިންޒާރު ދީފަ އެވެ. އޭގެ ފަހުން ތެޔޮ ޓޭންކަރުތަކާއި ކާގޯ ބޯޓުތަކަށް ދިން އެތައް ހަމަލާއެއްގެ ޒިންމާ ހޫތީން އުފުލާފައިވެ އެވެ. 

މުޚާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ހުދައިދާގެ ދެކުނުން ހަމަލާ ދީފައިވަނީ "އެމްއެސްވީ ފާއިޒް ނޫރޭ އޯލިޔާ" އަށެވެ. އެ ބޯޓުގެ އެންމެން ޔަމަންގެ ކޯސްޓް ގާޑުން ސަލާމަތްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 13 މީހަކާއި ޔަމަނު މީހެއް ކަމަށް ވެސް ބުންޏެވެ.

އިންޑިއާގެ ޝިޕިން މިނިސްޓަރު ސަރުބާނަންދާ ސޮނޯވާލް 'އެކްސް' ގައި ވިދާޅުވީ އެ އުޅަނދަށް ހަމަލާދީފައިވަނީ ޔަމަނުގެ ސަރަހައްދީ ކަނޑުގެ ކައިރިން ފޮނުވާލި ހަމަލާއަކުން ކަމަށެވެ.

"އެއްވެސް ސަބަބަކާ ނުލައި ދިން މި ހަމަލާ އިންޑިއާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ޝިޕިން މިނިސްޓްރީން  ބުނެފައިވާ ގޮތުގައި، އިންޑިއާއަކީ  ވިޔަފާރި އުޅަނދުފަހަރަށް އެންމެ ގިނައިން ފަޅުވެރިން ފޯރުކޮށްދޭ އެއް ގައުމެވެ. އެގޮތުން 2025 ވަނަ އަހަރު އެގައުމުގެ 320,000 އަށްވުރެ ގިނަ ފަޅުވެރިން އެކި އުޅަނދުތަކުގައި މަސައްކަތްކުރި ކަމަށް ބުނެފައިވެ އެވެ.

"މި ސަރަހައްދުގައި ވިޔަފާރި އުޅަނދުފަހަރަށް އަމާޒުކޮށްދޭ ހަމަލާތައް ހުއްޓާލަންޖެހޭ،" އިންޑިއާގެ ފޮރިން  މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވި އެވެ.

މެދުއިރުމަތީގެ ހަނގުރާމަ ފެށުމަށްފަހު އަރަބި ބައްރުގެ އަނެއް ފަރާތުން ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި ވާތީ، ރަތް ކަނޑުގެ މަގުތަކުގެ މުހިންމުކަން ވަނީ އިތުރަށް ބޮޑުވެފަ އެވެ.

ސައުދީ އަރަބިއްޔާގެ ރަތް ކަނޑުގެ ބަނދަރެއް ކަމަށްވާ ޔަންބޫގެ ސަބަބުން، ހޯރްމުޒް ކަނޑުއޮޅި މުޅިން ދޫކޮށްލައި، ދުނިޔޭގެ ބާޒާރުތަކަށް މުދާ ފޮނުވުން މެދުކަނޑާނުލައި ކުރިއަށްގެންދިއުމުގެ ފުރުސަތު އެ ގައުމަށް ވަނީ ތަނަވަސްވެފަ އެވެ. -- އޭއެފްޕީ