ޔަމަންގެ އާންމުން ހިސާރުކުރާ ކަމަށް ބުނެ ހޫތީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ސަރުކާރަށް ކުރަމުން ގެންދާ ތުހުމަތުތައް ކުށްވެރިކޮށް، ސައުދީ އަށް ފުރިހަމަ އަށް ތާއީދުކުރާކަން ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހޫތީންގެ ތުހުމަތުތަކާ ގުޅިގެން ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
ޔަމަންގައި ސުލްހަ ގާއިމުކުރުމަށާއި އެ ގައުމުގެ އާންމުން ތަހައްމަލު ކުރަމުން ގެންދާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް، ޔަމަންގެ ގާނޫނީ ސަރުކާރާއި އދ. އާ ގުޅިގެން ސައުދީން ކުރަމުން އަންނަ ދިގު މުއްދަތުގެ މަސައްކަތްތައް ރާއްޖެ އިން ބަލައިގަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ވަނީ އިންސާނީ އެހީތެރިކަމާއި ތަރައްގީގެ ދާއިރާއިން ސައުދީން ޔަމަނަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން ވެސް ފާހަގަކޮށްފަ އެވެ.
ރާއްޖެއިން އަބަދުވެސް ސައުދީއާ އެކު ސާބިތުވެ އޮންނާނެކަން ތަކުރާރުކޮށް، ޔަމަންގެ ސުލްހަ އާއި ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ފުރިހަމަ ތާއީދު އޮތްކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ކަށަވަރުކޮށްދީފަ އެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ސައުދީން މިދިޔަ 12 ވަރަކަށް އަހަރު ވަންދެން ޔަމަންގެ އާންމުންގެ މައްޗަށް "އަނިޔާވެރި އަދި ނުހައްގު ހިސޯރެއް" ހިންގަމުންދާ ކަމަށެވެ. އަދި ސައުދީން ޔަމަނުގެ އެއްގަމާއި ކަނޑާއި ވައިގެމަގުތަކާއި ބަނދަރުތައް ބަންދުކޮށް، ގައުމުގެ މުއްސަނދިކަން ފޭރެމުންދާ ކަމަށް ވެސް ތުހުމަތުކުރި އެވެ.
ހޫތީން ވަނީ "ލޮލަކަށް ލޮލެއް"ގެ އުސޫލުން ސައުދީއާ ދެކޮޅަށް ކަނޑުމަގުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި، ސައުދީގެ ބަނދަރުތަކަށް ވަދެނުކުމެ އުޅޭ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި ސައުދީގެ ތެޔޮ އެކްސްޕޯޓުކުރުމަށް ބާބުލް މަންދަބު ކަނޑުއޮޅި ބޭނުންކުރުން ހުއްޓުވާނެ ކަމަށް ވެސް ބުންޏެވެ.
ހޫތީން ހިފާފައިވާ ސަންއާގެ އިންޓަނޭޝަނަލް އެއާޕޯޓަށް ސައޫދީން ހަމަލާދީ، އެއާޕޯޓުގެ ހިދުމަތްތަކަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ، އޭގެ ރައްދުގައި ސައުދީގެ ސަރަހައްދުތަކަށް މިސައިލް ހަމަލާތަކެއް ދިން ކަމަށް ވެސް ހޫތީން ބުނެފައިވެ އެވެ.
ސައުދީ ސަރުކާރުން ބުނެފައި ވަނީ މިއީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. ސައޫދީން އަބަދުވެސް އަންނަނީ ޔަމަންގެ އާންމުންނަށް އިންސާނީ އެހީތެރިކަމާއި ތަރައްގީގެ އެހީ ފޯރުކޮށްދެމުން ކަމަށާއި ކަނޑުގެ ސަރަހައްދުގެ އަމަންއަމާންކަން ބެލެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސައުދީން ބުންޏެވެ.