ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ މައްކާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް ހުއްޓުވައި، ވައްޓާލާފައިވާ ކަމަށް ސައުދީ އިސްވެ އޮންނަ ކޯލިޝަނުން މިއަދު ބުނެފި އެވެ.
ކޯލިޝަނުން "އެކްސް" ގައި އާންމުކުރި ބަޔާނެއްގައި ބުނީ، ހޫތީން މައްކާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯން، އެ ސަރަހައްދުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައި، ވައިގެ ތެރޭ ގޮއްވާލާފައިވާ ކަމަށެވެ.
ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރްކީ އަލް މާލިކީ ވިދާޅުވީ، އާންމުންނާއި މަދަނީ ވަސީލަތްތަކަށް އަމާޒުކޮށް ހޫތީން ދެމުންދާ މިފަދަ ނުރައްކާތެރި ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
މި ފަހަކަށް އައިސް ހޫތީން ވަނީ ސައޫދީގެ ވިޔަފާރި، އަސްކަރީ އަދި ހަކަތައާ ބެހޭ މުހިންމު މަރުކަޒުތަކަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އެގޮތުން ރިޔާޟް އަދި ދައްމާމުގެ އެއާޕޯޓުތަކުގެ އިތުރުން ރަސް ތަނޫރާ އާއި ރާބިގްގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ވެސް ދާދިފަހުން ހަމަލާތަކެއް ދީފައިވެ އެވެ.
މައްކާ ސަރަހައްދަށް ޑްރޯން ފޮނުވާލި ކަމަށް ސައުދީން ބުނި ނަމަވެސް، އިސްލާމްދީނުގެ މުގައްދަސް ބިނާތައް ހުންނަ މައްކާ އާއި މަދީނާއަށް ގަސްތުގައި ހަމަލާދޭން މަސައްކަތް ނުކުރާ ކަމަށް ހޫތީން އަބަދުވެސް ބުނެ އެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި އެމީހުންގެ އަމާޒަކީ ހަމައެކަނި ސައޫދީގެ އަސްކަރީ އަދި އިގްތިސާދީ މުހިންމު ތަންތަނެވެ.
މި ހަމަލާ ދީފައި މިވަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ސައުދީ، ތުރުކީ، ޕާކިސްތާން އަދި އީރާނުގެ މަތީ ފަންތީގެ އޮފިޝަލުން ތެހެރާންގައި ބައްދަލުކޮށް، މަޝްވަރާތަކެއް ބާއްވާފައި ވަނިކޮށެވެ.