ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ސައޫދީ އިސްވެ އޮންނަ ކޯލިޝަން ފޯހުން ބުރާސްފަތި ދުވަހު ހުއްޓުވައި، ވައިގެ ތެރޭގައި ގޮއްވާލައިފި އެވެ. މި ހަމަލާއަކީ ފަހަކަށް އައިސް ސައުދީއަށް އަމާޒުވަމުންދާ ވަރުގަދަ ހަމަލާތަކުގެ ސިލްސިލާގެ ތެރެއިން ދިން ހަމަލާއެކެވެ.

"ޓެރަރިސްޓް ހޫތީ ހަނގުރާމަވެރިން އިރުމަތީ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް، ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވައި ހަލާކުކޮށްލާފައި،" ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލް މާލިކީ އެކްސްގައި އާންމުކުރި ބަޔާނެއްގައި ވިދާޅުވި އެވެ.

އީރާނުގެ މަދަދުލިބޭ ހޫތީންގެ ފަރާތުން މި މަހުގެ ސައޫދީއަށް ދަނީ މެދުކެނޑުމެއްނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ވެރިރަށް ރިޔާޒުގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާ ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އެ ހަމަލާއަކީ ފާއިތުވި އަހަރުތަކުގައި ސައޫދީން އެންމެ ގިނަ މީހުން މަރުވި ހަމަލާ އެވެ.

ހޫތީން މި ހަފުތާގައި ބުނެފައިވާ ގޮތުގައި، އެ ޖަމާއަތުން ވަނީ ތެލުގެ މުއްސަނދިކަން ލިބިފައިވާ އިރުމަތީ ސަރަހައްދުގައި ހުންނަ ސައޫދީގެ އެންމެ ބޮޑު ތެޔޮ ރިފައިނަރީ ކަމަށްވާ "ރަސް ތަނޫރާ" އަށް ވެސް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފަ އެވެ.

ސައުދީ އަރަބިއްޔާއިން ވަނީ މި ކަންކަމަށް ހޫތީންނަށް ހިތްވަރުދެނީ އީރާނުން ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އީރާނުން ވަނީ މި ހަމަލާތަކުގައި އެ ގައުމުގެ އެއްވެސް އަތެއް ނުވާނެ ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ހަތަރު ވަރަކަށް އަހަރު ފަހުން ޔަމަނުގެ ހަނގުރާމަ އަލުން ފެށިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މިއީ އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން މުޅި މެދުއިރުމަތީގެ ސަރަހައްދު ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައިވާ ދަނޑިވަޅެއްގަ އެވެ.

މި ހަމަލާތައް ދެމުން ދާއިރު، ވެރިރަށް ރިޔާޟަށް މީގެ ކުރިން ދިން ހަމަލާތަކުގައި ވެއްޓުނު މިސައިލް އެތިކޮޅުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން، އެއާޕޯޓަށް ފްލައިޓްތައް ޖެއްސުމާއި ފުރުން ވަނީ މެދުކަނޑާލައިފަ އެވެ. 

ބުރާސްފަތި ދުވަހުގެ ހެނދުނު ދިން ހަމަލާއާ ގުޅިގެން ދައްމާމްގެ ކިންގް ފަހަދު އިންޓަނޭޝަނަލް އެއާޕޯޓާއި އެ ސަރަހައްދުގެ އެހެން އެއާޕޯޓްތަކުގެ ގްރައުންޑް އޮޕަރޭޝަންތައް ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. ޔަމަނު ބޯޑަރާ ކައިރީގައި ހުންނަ އަބްހާ އަދި ނަޖްރާން އެއާޕޯޓްތައް، ޑްރޯންގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން މަދަނީ ދަތުރުފަތުރަށް މުޅިން ބަންދުކުރި އެވެ.

މީގެ އިތުރުން ސައޫދީގެ އެތެރޭގެ ވައިގެ ދަތުރުތަކަށް ވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.  އެމިރޭޓްސް އަދި ގަތަރު އެއާވޭސް ފަދަ އެއާލައިންތަކުން ސައުދީގެ މެދުތެރޭ ވައިގެ ސަރަހައްދު ދޫކޮށް، އަރަބި ކަނޑުމަތިން ދަތުރުކުރަން ވެސް މަޖުބޫރުވެފައި ވާއިރު ޔޫރަޕާއި ދެކުނު އޭޝިއާއާ ދެމެދު ކުރާ ދަތުރުތައް، ޔަމަނާއި ސައުދީގެ ހުޅަނގު ސަރަހައްދަށް ނުވަދެ ބޭރުން ދިއުމުގެ ސަބަބުން 2-3  ގަޑިއިރާ ދެމެދުގެ ލަސްވުމެއް އަންނަނީ ދިމާވަމުންނެވެ.