ޔަމަންގެ ހޫތީ ހަނގުރާމަވެރިންނާ އެކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްޓަކައި، އެ ޖަމާއަތަށް ސައޫދީ އަރަބިއްޔާއިން އެއް ބިލިއަން ޑޮލަރު ދޭން އުޅޭ ކަމަށް ގަލްފުގެ ޑިޕްލޮމެޓިކް މަސްދަރުތަކާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފި އެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި، މިދިޔަ ހަފުތާގައި ސައޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން ކުއްލި ގޮތަކަށް އީރާނުގެ ވެރިރަށް ތެހެރާނަށް ކުރެއްވި ދަތުރަކީ މި މުއާމަލާތް ކުރިއަށް ގެންދިއުމަށް ކުރެއްވި ދަތުރެކެވެ. މިއީ ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކުރުމަށް މައްކާ މިއުޗުއަލް ޑިފެންސް ޕެކްޓްގައި ހިމެނޭ ގައުމުތަކުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އިޒްރޭލާއި ގަލްފުގެ ބައެއް ޑިޕްލޮމެޓިކް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި، ސައޫދީ ޑިފެންސް މިނިސްޓަރު އީރާނަށް ވަޑައިގަތީ އެއް ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖަކާ އެކުގަ އެވެ. މި ފައިސާ އަކީ ހޫތީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގެ ބޭނުންތަކަށާއި، އާންމު މުވައްޒަފުންގެ މުސާރަ ދިނުމަށާއި، ހަލާކުވެފައިވާ އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ދޭން ނިންމާފައިވާ ފައިސާ ކަމަށް ވެ އެވެ. މީގެ ބަދަލެއްގެ ގޮތުން ހޫތީން ސައޫދީއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ޖެހެ އެވެ.
ނަމަވެސް، މި ފައިސާ ބަދަލުކުރުމާ ގުޅޭ ގޮތުން ސައޫދީ ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ސައޫދީ ފޮރިން މިނިސްޓްރީން ހަމައެކަނި ހާމަކޮށްފައިވަނީ، މި ދަތުރަކީ ސަރަހައްދީ މަސްރަހު ފިނިކުރުމަށާއި، މަޝްވަރާގެ މަގުތައް ހުޅުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
މި ފަހަކަށް އައިސް ހޫތީން ދަނީ ސައޫދީގެ ތެޔޮ ފެސިލިޓީތަކަށާއި އެއާޕޯޓުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ވަރުގަދަކުރަމުންނެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ އެކު ތެހެރާނުގައި ބޭއްވި މި ބައްދަލުވުންތަކަކީ މި ހަމަލާތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.