ރިޔާޟް (އޮކްޓޯބަރު 19) - ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ހޫތީން ދެމުންދާ ހަމަލާތައް ވަރުގަދަވުމާ ގުޅިގެން، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އަންގައިފި އެވެ.
އައިއެމްއެފްގެ ސަރަހައްދީ އޮފީސް ހުންނަ، ރިޔާޟްގެ އެންމެ އުސް އިމާރާތް ކަމަށްވާ 'ކިންގްޑަމް ސެންޓަރު' އިން ވެސް ވަނީ ވަކި ގޮތެއް އަންގަންދެން މުވައްޒަފުން އޮފީހަށް ނުނުކުތުމަށް އެދިފަ އެވެ.
ސަރުކާރުގެ އިދާރާއެއްގެ މުވައްޒަފަކު ބުނި ގޮތުގައި، ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރިމޯޓްކޮށް މަސައްކަތް ކުރުމަށް ވަނީ އަންގައިފަ އެވެ. އަދި އޮލަޔާ އޭރިއާގެ އުސް އިމާރާތްތަކުގައި ހުންނަ ސަރުކާރުގެ އޮފީސްތައް މީގެ ދެ ހަފުތާ ކުރިން ހުސްކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ އޮފީސްތައް ހުންނަ 'ކިންގް އަބްދުالله ފައިނޭންޝިއަލް ޑިސްޓްރިކްޓް' ގެ ކުންފުނިތަކުން ވެސް ވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް އެދިފަ އެވެ.
ސައޫދީގެ އެއާޕޯޓްތަކަށާއި، ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ހޫތީން ދެމުންދާ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ ވަރަށް ވަރުގަދަވެފަ އެވެ. މި މަހުގެ ތެރޭގައި އެކަނިވެސް ސައޫދީގެ އެކި އެއާޕޯޓްތަކަށް ދިން ހަމަލާތަކުގައި 20 މީހުން ވަނީ މަރުވެފަ އެވެ. -- އޭއެފްޕީ