ތެހެރާން (އޮކްޓޯބަރު 17) - ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުމުގައި އީރާނުގެ ބައިވެރިވުމެއް އޮންނަ ކަމަށް ސައޫދީ އަރަބިއްޔާ ކުރި ތުހުމަތުތައް އީރާނުން ދޮގުކޮށްފި އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ އަލުން ފެށުނު ފަހުން، ހޫތީން ވަނީ ސައޫދީގެ ތެޔޮ ބޯޓުތަކަށާއި ތެޔޮ ކާރުހާނާތަކުގެ އިތުރުން ރިޔާޟްގެ އިންޓަނޭޝަނަލް އެއާޕޯޓަށް  ވެސް ހަމަލާތަކެއް ދީފައެވެ. އެއާޕޯޓަށް ދިން އެއް ހަމަލާއެއްގައި 13 މީހުން މަރު ވެސް ވި އެވެ.

ސައޫދީ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ މި ހަމަލާތައް ދިނުމަށް އީރާނުން ހޫތީންނަށް ހިތްވަރުދޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

ނަމަވެސް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، ހޫތީންގެ އަމަލުތަކުގައި އީރާނުގެ އެއްވެސް އަތެއް ނޯންނާނެ ކަމަށެވެ.

"ޔަމަނުގެ ސިފައިން މަސައްކަތް ކުރަނީ އެމީހުންގެ އަމިއްލަ މަސްލަހަތަށާއި ނިންމުންތަކަށް ބަލައިގެން. އިތުރަށް މަސްރަހު ގޯސްވުމަކީ އެއްވެސް ފަރާތަކަށް އޮތް ފައިދާއެއް ކަމަށް އީރާނުން ނުދެކެން،" ބަގާއީ ވިދާޅުވި އެވެ. އަދި ދެފަރާތުގެ ދެމެދުގައި ސުލްހަ ގާއިމުކޮށްދިނުމަށް އީރާން އަދިވެސް އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދަނޑިވަޅުގައި ސައޫދީ އިސްވެ އޮންނަ އިއްތިހާދުން ބުނީ، ސައޫދީގެ ދެކުނުގެ ސަރަހައްދުތަކަށާއި ރިޔާޟާއި ރަތްކަނޑުމަތިން ހޫތީން ފޮނުވާލި ގިނަ އަދަދެއްގެ ޑްރޯންތަކާއި މިސައިލްތައް ވައްޓާލާފައިވާ ކަމަށެވެ.

އަނެއްކޮޅުން، ޔަމަނުގެ ވަގުތީ ވެރިރަށް އަދަންގެ އެއާޕޯޓަށް ވެސް ހޫތީން ވަނީ މިސައިލް ހަމަލާތަކެއް ދީފަ އެވެ. މިއީ ހަފުތާއެއް ތެރޭގައި އެ އެއާޕޯޓަށް ހަމަލާދިން ދެވަނަ ފަހަރެވެ. ޔަމަނުގެ އޮފިޝަލުން ބުނި ގޮތުގައި، މި ހަމަލާ ދިން ވަގުތު ފުރަން ތައްޔާރުވެފައި އޮތް ޔަމަނިއްޔާ އެއާވޭސްގެ ބޯޓެއްގެ 500 މީޓަރު ދުރަށް މިސައިލް ވެއްޓިފައިވެ އެވެ. އަދި ބޮޑު ނުރައްކަލެއް  ކުރިމަތިނުވީ ކިރިޔާ ކަމަށް ބުންޏެވެ.

އޭގެ ކުރީ ދުވަހު އަދަންގައި ހުންނަ ރިޔާސީ ގަނޑުވަރަށް ހޫތީން ދިން ހަމަލާއެއްގައި ފަސް މީހުން މަރުވެ، 16 މީހުން ވަނީ ޒަހަމް ވެސް ވެފައިވެ އެވެ. -- އޭއެފްޕީ